ދާއިމީ ބަލީގެ ފަރުވާއަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭގޮތް ހަދަނީ

ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހެދުމަށް ޕެންޝަންގެ ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޕެންޝަން ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ރިޔާސީ އިންތިހާބުގެ ވައުދުފުޅުތަކާއި ރައްޔިތުންގެ ބައްދަލުވުންތަކުން ލިބޭ ހިޔާލުތައް ހިމަނައިގެން ބިލް ހުށަހަޅުއްވާނެ ކަމަށެވެ.
"މީގެ ތެރެއިން ޓާމިނަލް އިލްނެސްއެއްގައި އުޅޭ ފަރާތެއްވިއްޔާ އެބޭފުޅުއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިކަހަލަ ބައެއް ކަންތައް. ހައުސިންގައި މިހާރު ދެވޭ ފުރުސަތުތަކުގެ އިތުރަށް ހައުސިންނާ ގުޅޭ އިތުރު ކަންކަން ހިމެނޭހެން ކޮލެޓްރަލައިޒް ކުރުމަށް ހިމެނުމާއި މިކަހަލަ އެތަށް ފުރުސަތެއް ހިމެނޭހެން ޕެންޝަންގެ ގާނޫނު އިސްލާހު ކުރުމަށް ފޮނުވާނަން،" ރައީސް ވިދާޅުވި އެވެ.
ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ގާނޫނަށް އިސްލާޙު ގެންނަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. އެގޮތުން ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުމުން ގާނޫނަށް އެ އިސްލާހު ގެނައުމަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ހަދަން ޕެންޝަން ގާނޫނު އިސްލާހު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ