މާލޭގެ މޭޔަރު ކަމަށް ވާދަކުރަނީ ސިޔާސީ ބޮޑު ގޮނޑިއަކަށް އަންނަން ނޫން ކަމަށާއި އޭނާގެ ކެމްޕޭންގައި ގާނޫނުގެ ހުދޫދުގެ ބޭރުންނާއި މާލޭ ކައުންސިލުގެ ގާބިލިއްޔަތުގެ ބޭރުން ދޮގު ހަދައި، "ނަނާ ހުވަފެންތަކެއް ނުދައްކާނެ" ކަމަށް ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް)ގެ ފަރާތުން މޭޔަރު ކަމަށް ކުރިމަތިލައްވާ އިސްމާއިލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރޭ ޕީއެންއެފްއިން އާޓިފިޝަލް ބީޗުގައި ބޭއްވި 'ރިސެޓް' ޖަލްސާގައި ވަނީ، އެ ޕާޓީގެ މާލޭ މޭޔަރު ކަމުގެ ޓިކެޓުގައި ނިކުންނަވާނެ ކެންޑިޑޭޓަކަށް ކުރީގެ އޮޑިޓަރު އަދި ގިނަ ދުވަސްތަކެއް ވަންދެން ފިނޭންސްގެ ފައިސާއާ ބެހޭ ބައިގާ މަސައްކަތް ކުރެއްވި ޒަރިޔަންދު ހަަމަޖައްސަވައިފަ އެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަަވަމުން ޒަރިޔަންދު ވިދާޅުވީ އޭނާ އެފަދަ މަގާމަކަށް ކުރިމަތިލައްވަން ނިންމެވީ މާލެ ސިޓީ ކައުންސިލްގައި ހުރި މައްސަލަތައް ހައްލުކުރައްވަން އޭނާ ކަހަލަ ބޭފުޅަކު ބޭނުންވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ކަމަށެވެ. އެއީ އޭގެ ކުރިން ސިޔާސީ އެހެން ލީޑަރަކު އޭނާ ކައިރީ ވިދާޅުވި ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެކަމާ ކުރިމަތިލަނީ، ސިޔާސީ ބޮޑު ގޮނޑިއަކަށް އަންނަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ފިޔަވަޅު މަތީގައި މިހުރީ ސިޔާސީ ހަރުގަނޑެއް ކަމަށް ބަލައި ސިޔާސީ ބޮޑު ގޮނޑިއަކަށް އަރާކަށްނޫން،" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދު ވިދާޅުވި ގޮތުގައި އޭނާގެ ބޭނުމަކީ:
މާލެ ތަހުޒީބީ މުޖުތަމައުއަކަށް ފެތޭގޮތަށް ތަރުތީބުކުރުން
މާލޭގެ ކޮންމެ ރައްޔިތެއްގެ ހައްގުތައް ކަށަވަރުކުރެވޭނެ އިންތިޒާމެއް ގާއިމުކޮށް ޒަމާނީ ހިދުމަތްދޭނެ ވަސީލަތްތަކަކަށް ބަދަލުކުރުން
މާލޭ ކައުންސިލުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ކަންކަމާއި ގަވާއިދާ ހިލާފަށް ކޮށްފައިވާކަންކަން ބަލައި އެކަންކަމުގައި ޒިންމާވާންޖެހޭ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުން
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް މާލޭ ކައުންސިލަށް ގާނޫނުތަކުން ދީފައިވާ ބާރުތަކުގެ ބޭނުންކޮށްގެން އެ ހައްގުތައް ހޯދައިދިނުން
މާލޭ މީހާގެ މަޝްވަރާ އާއި ބައިވެރިވުން ހޯދައިގެން މާލޭގެ ނިންމުންތައް ހާމަކަން ބޮޑުގޮތެއްގައި ނިންމާނެ ގޮތް އެނގޭ ކަމަށް ވިދާޅުވި
"ގާނޫނުގެ ހުދޫދުގެ ބޭރުން، ސިޓީ ކައުންސިލުގެ ގާބިލިއްޔަތުގެ ބޭރުން އަޅުގަނޑު މި ކެމްޕޭންގައި ދޮގު ވައުދެއް، ނަނާ ހުވަފެނެއް ނުދައްކާނަން. އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ހުށަހަޅާނީ މާލޭ މީހާގެ ވިސްނުމުން، މާލޭ މީހާގެ އިހުސާސުން މާލޭ މީހާއަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށްދޭނެ އަހުދުނާމާއެއް. މާލޭގެ ލޮބުވެތި ރައްޔިތުން މިއީ މާލޭގެ އިދާރީ އިންތިޒާމު ރިސެޓް ކުރަންވީ ދަނޑިވަޅު،" ޒަރިޔަންދު ވިދާޅުވި އެވެ.
މާލިއްޔަތު ދާއިރާގެ ގިނަ އިސް މަގާމުތަކެއް މީގެ ކުރިން ވެސް އަދާކުރައްވާފައިވާ ޒަރިޔަންދު އިތުރަށް ވިދާޅުވީ އޭނާގެ އަބަދުގެ ވެސް އެދުމަކީ މާލޭގެ ރައްޔިތުންނަށް ތެދުވެރިވުން ކަމަށާއި އިގްތިސާދާއި ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވޭނެ ވެރިއަކާ އެކު މޭޔަރު ކަމުގެ ޒިންމާ އަދާކުރުމަކީ އަބަދުގެ ވެސް އުންމީދެއް ކަމަށެވެ.
އެހެންކަމުން އޭނާ މޭޔަރުކަމުގެ ޒިންމާ އަދާކުރައްވާއިރު، ރާއްޖޭގެ ރައީސް ކަމުގައި ޔާމީން ހުންނެވުމަކީ ވެސް އުންމީދުކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެ ޖަލްސާގައި ޒަރިޔަންދަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ޔާމީން ވެސް ވާހަކަފުޅުދެއްކެވި އެވެ.
ޔާމީން ވިދާޅުވީ ރަނގަޅަށް ނުހިނގާ އޮތް 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މާލޭ ކައުންސިލުގެ މާލޭގެ މޭޔަރު ކަމަށް ޕީއެންއެފްގެ ފަރާތުން ނެރޭ މީހަކީ، ތަޖުރިބާކާރު، ފަންނީ ގާބިލު އަދި މުރާލިކަމާ އެކު ފަސް ޖެހުމެއްނެތި ގާނޫނުތައް ނަގަހައްޓައި އިހުލާސްތެރި މަސައްކަތްތަކެއް ކުރާނެ މީހަކަށް ވުމަށް އެމަނިކުފާނު ބޭނުންވާ ކަމަށެވެ. އެ މަގާމަށް އެ ޕާޓީގެ ފަރާތުން ޒަރިޔަންދު އިހުތިޔާރުކުރީ، އެކަމަށް އެންމެ ގާބިލު ބޭފުޅަކީ ޒަރިޔަންދު ކަމަށް ގަބޫލުކުރެވޭތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ފަހަތްޕުޅުގައި މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ ކީއްވެތޯ ޒަރިޔަންދު އަރިހުން އެ ޖަލްސާގައި މީހަކު ސުވާލުކުރުމުން، ޔާމީން ވިދާޅުވީ އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށާއި ޔާމީންއާ އެކު ހުންނެވީ ޒަރިޔަންދު ނޫން ކަމަށެވެ.
"އަޅުގަނޑު ބުނެލަން ބޭނުންވަނީ އެއީ ވަރަށް ބޮޑު އޮޅުމެކޭ. ހަގީގަތުގައި ޒަރިޔަންދެއް ނޫން، އަޅުގަނޑު މިހުރީ ޒަރިޔަންދާއެކީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އާންމު އުސޫލުން ކަންވާގޮތަކީ ސިޔާސީ ޕާޓީތަކުގެ ފަރާތުން މަގާމުތަކާ ހަވާލުވުމަށް ފަހު ނަޒާހަތްތެރިކަމާއި ތެދުވެރިކަން އަދި އިހުލާސްތެރިކަން ވެސް ނެތިގެން ދިއުން ކަމަށެވެ. މިސާލަކަށް ނެންގެވީ، މާލޭގެ މޭޔަރުކަން އަދާކުރެއްވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒެވެ. މުއިއްޒުގެ މޭޔަރުކަމުގައި ވެސް "ފަހުރުވެރިވާ" މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ. އެކަން އެހެންނުވީ އިހުލާސްތެރިކަން ނެތުމުން ކަމަށާއި އެކަމަކު ޒަރިޔަންދު އިހުލާސްތެރިވާނެ ކަމާމެދު ޝައްކެއް ނުއުފެދޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިދައްކަނީ ގައުމީ ކެންޑިޑޭޓެއް. މިއީ ސިޔާސީ ކެންޑިޑޭޓެއް ނޫން. މާލޭގެ މޭޔަރަ ކަމަށް އަންނަންވާނީ ގައުމީ ކެންޑިޑޭޓެއް. ސިޔާސީ ކެންޑިޑޭޓެއް އައީމީ ކަންވީގޮތް މުއިއްޒުގެ މޭޔަރު ކަމުގައި ފެނިގެން ހިނގަތްޖެ. އަދި ވެސް އޭގެ ދިލަ މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.
"[މިހާތަނަށް ބަލާއިރު] ޒަރިޔަންދު ވަރުގެ އިހުލާސްތެރިކަން ހުރި ކެންޑިޑޭޓެއް [މިފަހަރު މޭޔަރު ކަމަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި] މިވަގުތަކު ނިކުމެފައެއް ނެތް." ޔާމީން ވިދާޅުވި އެވެ.
ނަނާ ހުވަފެނެއް ނުދައްކާނަން، ވާނީ މާލޭ ރައްޔިތުންގެ ހާދިމަކަށް: ޒަރިޔަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ