ހަފްތާ ބަންދުވެސް ދައްކަނީ މޫސުން ގޯސްވާނޭކަމަށް

ކުރިއަށްއޮތް ދުވަހުވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ލަފާކުރާގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރު، ދެކުނަށް މޫސުން ރަނގަޅުކަމަށް ދެއްކިނަމަވެސް، އުތުރުގެ އަތޮޅުތަކަށާއި މެދުރާއްޖެ ތެރޭގެ ރަށްތަކަސް ވިއްސާރަކުރާނޭކަމަށް ބެލެވެއެވެ. މެޓް އޮފީހުން މިއަދުވެސް ވަނީ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް ހުދު ސަމާލް ނެރެފައެވެ.
ހުދު ސަމާލް ނެރެފައިވަނީ ނ އަތޮޅުން ފެށިގެން ތ އަތޮޅަށެވެ. މެޓުން ބުނީ ހުދު ސަމާލް ނެރެފައިވާ ގަޑިތަކުގައި ވިލާގަނޑުގައި ބޯކޮށް ވާރޭ ވެހި، ގަޑިއަކު 40 މޭލަށް ވައިދަގަވުން އެކަށީގެންވާކަމަށެވެ. އެ ސަރަހައްދަށް ހުދު ސަމާލް ނެރެފައިވަނީ މިއަދު ހެނދުނު 07:00 އިން މެންދުރު 13:00 އާ ހަމައަށެވެ. 
ކުރިއަށްއޮތް ހަފްތާ ބަންދުގައި އެކި ރަށްރަށަށް ދަތުރުކުރާ މީހުން އިތުރުވާނެތީވެ، މޫސުމާބެހޭ ޤައުމީ އިދާރާ، އަދި ކަމާބެހޭ ފަރާތްތަކުން ވަނީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ނޫނީ ދަތުރަށް ނޭރުމަށް ތަކުރާރުކޮށް ދަނީ އިލްތިމާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ