އަންނަ ހޯމަ ދުވަހާ ހަމައަށް ވިއްސާރަ
އަންނަ ހޯމަ ދުވަހާ ހަމައަށް މެދުރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ. މިއަދު ވެސް މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މެޓުން 'ސަން'އަށް ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މެދުރާއްޖެތެރޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އެގޮތުން، މާދަމާ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދު ބޯކޮށް ވާރޭވެހޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މެޓުން ބުނި ގޮތުގައި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވާރޭ ވެހޭ މިންވަރު މަދު ވާނީ އަންނަ ހޯމަ ދުވަހުން ފެށިގެނެވެ. "އެކަމަކު ދެކުނަށް ހޯމަ ދުވަހުގެ ފަހުން ވެސް ދޭތެރެއަކުން ވިއްސާރަ ކުރާނެ،" މެޓުން ބުންޏެވެ. ވިއްސާރަ ދުވަހެއްގައި މަގުމަތިން ކުއްޖަކު ހިނގާފައި ދަނީ: އަންނަ ހޯމަ ދުވަހާ ހަމައަށް މެދުރާއްޖެ ތެރެއާއި އުތުރަށް ވިއްސާރަ ކުރާނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް އެ އަތޮޅުތަކަށް ވައި ޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާ 18 މޭލު ބާރުމިނުގައި ކަމަށްވާއިރު، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހެނީ އުތުރާއި އިރުއުތުރުން ގަޑިއަކު ފަސް މޭލާ 15 މޭލު ބާރުމިނުގައެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް ހުރިހާ ހިސާބަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރިއެވެ. ހަމައެއާއެކު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އޭގެ އިތުރަށް، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށްވާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅު ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށް މެޓުން ބުންޏެވެ. މެޓުން ވަނީ، ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވެސް ނެރެފައެވެ. އެއީ، ހެނދުނު 07:00 އިން 13:00އާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ