އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހުޅުވައިދެއްވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުން ހިދުމަތް ދޭން ނުފެށެނީސް މި އަހަރުގެ އޯގަސްޓު މަހާ ހަމައަށް އެތަނަށް 11.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ޑީބީއެމްއަށް ކުރި ހަރަދު ހޯދުމަށް މި ނޫހުން ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ މި އަހަރުގެ އޯގަސްޓު މަހުގެ ނިިޔަލަށް އެ ބޭންކަށް 11،998،267ރ. ހަރަދު ކޮށްފައިވާ ކަމަށެވެ.
މި ނޫހުން އެދުނީ ޑީބީއެމްއަށް ސަރުކާރުން ކުރި ހަރަދުގެ ތަފުސީލު ހޯދުމަށެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ އެ ބޭންކަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން އުފައްދާފައިވާ ވަކި ޝަހުސިއްޔަތަކަށް ވާތީ އެތަނަށް ކުރި ހަރަދުގެ ވަކިވަކި ތަފުސީލު ހާމަ ނުކުރެވޭނެ ކަމަށެވެ.
އެ މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ 2024 ވަނަ އަހަރު އެ ބޭންކަށް 3،000،000ރ ހަރަދުކުރި ކަމަށެވެ. އަދި މި އަހަރުގެ އޯގަސްޓު މަހުގެ 25 އާ ހަމައަށް އެ ބޭންކަށް 8،998،267ރ. ހަރަދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު "ހުޅުވީ" މިދިޔަ ނޮވެމްބަރު 16، ގައި ރައީސް މުހައްމަދު މުއިއްޒު އެވެ.
ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށް ފަހު އޮކްޓޯބަރު 13، 2024, ގައި އެވެ. އެ ދުވަހުން ފެށިގެން އެއް އަހަރު ހަމަވި ދުވަހަކީ މި މަހުގެ 12 ވަނަ ދުވަހެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ބޭންކު ހުޅުވައި މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުގެ ކާމިޔާބީތަކުގެ ތެރޭގައި އެކަން ފާހަގަކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ތަނުން އެއްވެސް ހިދުމަތެއް ދޭން ފަށައިފައެއް ނުވެ އެވެ.
އެތަނުގެ ހިދުމަތް ދޭން ނުފެށި އުޅެނިކޮށް މިދިޔަ މާޗު 23، ގައި އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަށް ދެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދޭތީކަން ފަހުން ވަނީ ހާމަވެފަ އެވެ.
ޑީބީއެމްގެ އޮފީސް ހިންގާ އިމާރާތަށް މިދިޔަ މެއި މަހާ ހަމައަށް އެއްވެސް މަހެއްގެ ކުލި ދައްކާފައި ނުވާ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. ޑީބީއެމްގެ އޮފީސް ހިންގުމަށް އެލައިޑް ބިލްޑިންގެ ޖާގައެއް އެސްޓީއޯއިން އެ ބޭންކަށް ކުއްޔަށް ދީފައި ހުންނަނީ މަހަކު 75،892ރ. އަށެވެ.
ޑިވެލޮޕްމަންޓު ބޭންކު އުފައްދަވަން ރައީސް މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ މެއި، 2024، ގަ އެވެ. އެ ބޭންކު ހުޅުވާނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، ނޮވެމްބަރު 16، ގައި އެ ތަން ހުޅުވިއިރު ވެސް އެތަނުގެ މަސައްކަތްތައް އެއްކޮށް ނުނިމެ އެވެ.
ހިދުމަތް ދޭން ނުފެށެނީސް ޑިވެލޮޕްމަންޓް ބޭންކަށް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްފި ހިދުމަތް ދޭން ނުފެށެނީސް ޑިވެލޮޕްމަންޓް ބޭންކަށް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ