"ކުރީގެ ލަންކާ ޓީމާއި މިހާރުގެ ޓީމު ކުޅޭގޮތް ތަފާތު"
ސްރީ ލަންކާގެ ފުޓްްބޯޅަ ކުޅޭ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވެފައިިވާ ކަމަށާއި ކުރިން ރާއްޖެއަށް ފެނުނު ސްރީ ލަންކާއާއި މިހާރު އެ ގައުމުގައި އޮތް ޓީމުން ކުޅޭ ފުޓްބޯޅަ ވަރަށް ތަފާތު ކަމަށް ގައުމީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. މި މަހުގެ ހަޔަކާއި ނުވަވަނަ ދުވަހު ކޮލަމްބޯގައި ސްރީ ލަންކާއާ ދެކޮޅަށް، ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ކުޅޭ ދެ މެޗުގެ ކުރިން ވާހަކަދައްކަމުން ކޯޗު ވަނީ ލަންކާ ފުޓުބޯޅައަށް އައިސްފައިވާ ކުރިއެރުންތަކުގެ ވާހަކަ ވަރަށް ބޮޑަށް ދައްކާފައެވެ. މެޗުތަކުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން މޯހަން ބުނީ، ކުރިން ލަންކާ ކުޅޭ ދިގު ބޯޅަތަކުގެ ބަދަލުގައި ޓެކްނިކަލީ މޮޅެތި ކުޅުންތެރިންނާ އެކު ޕާސްކޮށްގެން ކުޅޭ ފުޓްބޯޅަ ލަންކާއިން މިހާރު ކުޅޭ ކަމަށެވެ. އަދި، އެ ބަދަލުތައް ފެންނަން ފެށީ ލަންކާއިން ބޭރުން އެ ޓީމަށް ގެނައި ކުޅުންތެރިންގެ ސަބަބުން ކަމަށް ކޯޗު ގަބޫލުކުރެއެވެ. މޯހަން ބުނީ، ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ލަންކާއިން އިތުރު ދެ ކުޅުންތެރިން ގެންނަ ކަމަށާއި ފެންނަނީ ލަންކާ ފުޓުބޯޅަ ކުރިއަރާތަން ކަމަށެވެ. "އޭގެ ސަަބަބުން ކުރިއަރައިގެންދާ ކަންތައް މި ފެންނަނީ، އެއީ އަޅުގަނޑުމެންނަށް އިންނާނެ ވަރަށް ބޮޑު ޗެލެންޖެއް، އެއީ ލަންކާއަކީ، މި ސަރަހައްދުގެ އެންމެ ރަނގަޅު ޓީމުތަކުގެ ތެރެއިން ކިޔަންޖެހޭނެ ޓީމެކޭ ދަންނަވަންޖެހޭނީ،" މޯހަން ބުންޏެވެ. މޯހަން ބުނީ، ލަންކާ ގައުމީ ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ރަށުން ބޭރުން ގަވާއިދުން ކުޅޭ ކުުޅުންތެރިން މިހާރު ލަންކާ ޓީމުގައި ކުޅޭ ކަމަށެވެ. އަދި، ހުރިހާ ވެސް ވިސްނުމެއް ހުރީ މި ދެ މެޗަށް ކަމަށާއި ދިވެހި ފުޓުބޯޅައިގެ "ޕަބްލިކް އިމޭޖު" ބަދަލުކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ. "މި ދެ މެޗުން އަޅުގަނޑުމެން ރަނގަޅު ނަތީޖާއެއް ނެރެގެން ނޫނީ މިހާރު ފުޓްބޯޅަ މި އިން ހާލަތުން ކުރިއެރުމުގެ ޕަބްލިކްގެ އެ އިމޭޖް ރަނގަޅުކުރަން މި މެޗަކީ ވަރަށް މުހިންމު ދެ މެޗު،" މޯހަން ބުންޏެވެ. މިއީ ގައުމީ ޓީމުގެ ކޯޗުކަމާ މޯހަން ހަވާލުވުމަށް ފަހު ގައުމީ ފުޓުބޯޅަ ޓީމުން ކުޅެން ތައްޔާރުވާ ފުރަތަމަ ބައިނަލްއަޤުވާމީ ފުޓުބޯޅަ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ