ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި

ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިނުވާން އިދިކޮޅު މައި ޕާޓީ, އެމްޑީން ނިންމައިފި އެވެ.
ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެމްޑީޕީން ބުނީ އެ ކުންފުނިން މި ޕާޓީއާ ބައްދަލުކުރުމަށް އެދިފައިވާތީ، މިއަދު އެ ކުންފުންޏަށް ޖަވާބު ދީފައިވާނެ ކަމަށެވެ.
ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށާ އެހެން ނަމަވެސް، ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް ބުންޏެވެ.
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅައިފައި ވަނީ ކިހިނެތްކަމާއި، އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައި ވަނީ ކޮން ފަރާތްތަކަކާ ކަން އެނގެން ނެތް ކަމަށާ މިފަދަ ފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑ. މުހައްމަދު މުއިއްޒު ހާމަކުރެއްވުމަށްފަހު، އެއްވެސް ޕްލޭނެއް ނެތި، މިހާރުވެސް އެއާޕޯޓް އެޅުމާއި، އުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނުކުރުމާއި، ފަށައިފައި ނުނިމި އެތައް ކަމެއް ހުރިއިރު، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
"... މިގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށައިފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދެއެވެ. އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް ދަނީ އިއުލާނުކުރަމުންނެވެ,"
އެހެން ކަމުން ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތް ކަމަށް އެމްޑީޕީން ނުދެކޭ ކަމަށާ އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށް ވެސް ނުދޭ ކަމަށް ބުނެފައިވެ އެވެ.
އެ ޕާޓީން ބުނީ ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތައް އަމަލުނުކުރުމާއި، ގްޑް ގަވާނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން މި ވަނީ އާންމުކަމަށް ވެފައިވާ ކަމަށާ ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައިހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ދަނީ ބަދަލުކުރަމުން ކަަމަށްވެސް އެމްޑީޕީން ބުންޏެވެ.
އެހެން ކަމުން އަލުން އެކުލަވައިލާ ޕްލޭނަކަށް އަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުން މި ވަގުތު އެ ކަމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް އެމްޑީޕީން ނުދެކޭ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ