ރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރާތް ބަހުގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރަތް ބަހުގެ ނުވަތަ ސައިން ލެންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ. މިއީ، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިން ފަށާ ކޯހެކެވެ. މިނިސްޓްރީން ބުނީ، މި ކޯހުގައި ބައިވެރިވުމަށް އެމްއެންޔޫއިން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ހަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޯހަށް 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ޖީސީއީ އޯލެވެލް ނިންމައި، ސެޓްފިކެޓް ލެވެލް ދޭއް ފުރިހަމަ ކޮށްފައިވާ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެއެވެ. މިނިސްޓްރީން ބުނީ، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ، ޚިދުމަތް ހޯދުމުގައި ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަޞައްވުރުގައި ހިމެނޭ ކަމެއް ކަމަށެވެ. އެ ތަޞައްވުރާ އެއްގޮތަށް ގިނަ ބަޔަކަށް އިޝާރާތުން ވާހަކަ ދައްކަން ދަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން މިނިސްޓްރީން ފާހަގަކުރިއެވެ. އެގޮތުން، އެފަދަ މީހުންނާ މުއާމަލާތު ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ވަނީ އޮންލައިން ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމުގައި 130އަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނި ގޮތުގައި، އެ ކޯސް ފުރިހަމަކޮށް، ގިނަ ބަޔަކު އިޝާރާތް ބަހަށް އަހުލުވެރިވަމުން އަންނަކަމުގައި ވާނަމަ، އެބަހަކީ ހަމައެކަނި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެ މީހުންގެ އާއިލާ މެމްބަރުން ބޭނުންކުރާ އެއްޗަކަށް ވެފައި އޮތުން ނިމުމަކަށް އަންނާނެއެވެ. އަދި، އަޑުއިވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުގައި އުޅެން ފަސޭހަވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ