2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކޮށްލީ އިންޓެލިޖެންސް ރިޕޯޓަކުންނެވެ. ރައީސް މައުމޫނާއި ގާސިމް އިބްރާހީމް ޖަލަށްލީ އިންޓެލިޖެންސް ރިޕޯޓަކުންނެވެ. ކާނަލް ނާޒިމް ފްރޭމް ކުރީ އިންޓެލިޖެންސް ރިޕޯޓަކުންނެވެ. ސްޕްރީމް ކޯޓުން ޓިނުނެގީ އިންޓެލިޖެންސް ރިޕޯޓަކުންނެވެ. ރާއްޖޭގެ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކަކީ އެއިރަކު އޮންނަ ސަރުކާރަކުން ހިފާ ހައްޔަރުކުރަން ބޭނުންވާ މީހުން ހިފާ ހައްޔަރު ކުރުމަށާއި ސިޔާސީ ގޮތުން ސަރުކާރުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ބޭނުންކުރާ އެންމެ ތޫނު ހަތިޔާރެވެ.
ފެނަކަ ސައީދު ދިރިހުރުމާއި ބޭސް ފަރުވާކުރުމުގެ ހައްގުން މަހުރޫމް ކުރުމަށްވެސް ބޭނުންކުރާ ހަތިޔާރަކީ އިންޓެލިޖެންސް ރިޕޯޓެވެ. ފެނަކަ ސައީދުގެ މުދަލާއި ފައިސާ ރާއްޖޭން ބޭރުގައި ހުރިކަން ސައީދަށް ނޭނގުނަސް ފުލުހުންނަށް އެނގެއެވެ. ސައީދުގެ މުދަލާއި ފައިސާ ހުރީ ރާއްޖޭން ބޭރުގައި ކޮންތަނެއްގައި ކިހާވަރަކަށް ކަމެއްވެސް ސައީދަކަށް ނޭނގެއެވެ. އެހުރިހާ އެއްޗެއްވެސް އެނގެނީ ދިވެހި ފުލުހުންގެ އިންޓެލިޖެންސަށެވެ.
ސައީދުގެ މުދާތަކަކާއި ފައިސާތަކެއް ރާއްޖޭން ބޭރުގައި ހުރިކަން ސައީދަށް އެނގުނީ ހިތުގެ ފަރުވާއަށް ބޭސްފަރުވާއަށް އިންޑިއާއަށް ފުރުމުގެ ހުއްދައަކަށް އެދުމުން ކްރިމިނަލް ކޯޓުންނެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކުން އެކަން ކުރިމިނަލް ކޯޓަށް އެނގިގެން ބޭސް ފަރުވާކުރުމުގެ ހައްގުން ސައީދު އެވަނީ މަހުރޫމް ކޮށްފައެވެ. ކޯޓަށް ފިލައިގެން ރާއްޖޭން ބޭރުގައި އުޅުމުގެ ހުސޫމަތު ސައީދަށް އޮތްކަމަށް ކޯޓަށް ފެނިގެންނެވެ.
ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގައި އެބުނާ މުދަލާ ފައިސާ ރާއްޖޭން ބޭރުގައި ހުރިތަނަކާއި ހުރިވަރެއް ފުލުހުންނަށް ވުރެ ބޮޑަށް އެނގެން ވާނީ ހަގީގަތުގައި ސައީދަށްތާއެވެ. ސައީދަށް ނޭނގި އޭނާގެ އެތައް ބައިވަރު މުދަލަކާ ފައިސާއެއް ރާއްޖޭން ބޭރުގައި ހުރިކަން އެނގުމުން އެތަކެތި ސައީދުގެ މިލްކިއްޔާތުގެ ތެރެއަށް ވައްދަން ސައީދު ބޭނުންވާނެތާއެވެ. އެކަމަށް ބޭނުންވެގެން އެދުމުން ސައީދަށް އެއީކޮންތާކު ހުރި ކޮން އެއްޗެއް ކަމެއް ބުނެއެއް ނުދެވުނެވެ. ބުނެއެއް ނުވެސް ދެވޭނެއެވެ. ބުނެދެވޭނީ ވުޖޫދުގައި ހުރި އެއްޗެއް ނަމަތާއެވެ. ވުޖޫދުގައި ނެތް އެއްޗެއް ހުރިކަމަށް ހަދައިގެން އަނިޔާވެރި ވުމަށް އިންޓެލިޖެންސް ރިޕޯޓެއް އުފަންކޮށްގެން އުޅެނީއެވެ.
ނަޖާއިޒު ގޮތުގައި ހޯދި މުދަލާއި ފައިސާކަމަށް ވިޔަސް އެއީ ކޮންތާކުހުރި ކޮންފައިސާއެއް ކަމާ މުދަލެއްކަން އެ ނިސްބަތްވާ ފަރާތަށް ނާންގާ ދައުލަތުގެ މުއައްސަސާތަކުން މީހަކާމެދު ގޮތްނިންމަން ބޭނުން ކުރުމަކީ އަނިޔާއެވެ. ނާޖާއިޒު ގޮތުގައި ހޯދި މަންފާއެއްކަން ސާބިތު ނުވާހާ ހިނދަކު މުދާ ހޯދުމާއި މުދާ މިލްކުކޮށް މުއާމަލާތްކުރުމުގެ ހައްގުން މަހުރޫމު ކުރުމުގެ ބާރެއް ޝަރީއަތަށްވެސް ލިބިގެންނުވެއެވެ. އަމްދުން ދިރިހުރުމާއި ބޭސްފަރުވާ ކުރުމުގެ ހައްގުން މީހަކު މަހުރޫމު ކުރުމަށް އިންޓެލިޖެންސް ރިޕޯޓަކުން ބާރު ހޯދުމަކީ ރޭވިގެން ދޭ އަނިޔާއެވެ.
ފެނަކަ ސައީދު ދިރިހުރުމުގެ ހައްގުން މަހުރޫމުކުރާ އިންޓެލިޖެންސް ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ