ބޭސްފަރުވާއަށް އަންމަޓީ ފުރަންދިން ހުއްދަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ހިޔާނާތުގެ ދައުވާ އުފުލާފައިވާ ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ކްރިމިނަލް ކޯޓުން ދިން ހުއްދަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
މައިބަދައިގެން އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދި އަންމަޓީގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ ބޭސްފަރުވާ އަށް އޭނާ 20 ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައެއް ދީފަ އެވެ. އެއީ މިދިޔަ މަހުގެ 6 ވަނަ ދުވަހުން މިދިޔަ މަހުގެ 26 އަށް ރާއްޖެއިން ބޭރުގައި ފުރަވާ ހޯދުމަށް އެ ކޯޓުން ދިން ހުއްދައެކެވެ.
ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައި ކޯޓުންވެސް ވަނީ އަންމަޓީ ފުރުމުގެ ހުއްދަ ދޫކުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށް ނިންމައިފަ އެވެ.
ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގެ ހުކުމް އިއްވާފައިވަނީ މިއަދު އެވެ.
އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު އާއިޝަތު ޝުޖޫން ވިދާޅުވީ އަންމަޓީއަކީ ފުރައިގެން ދިއުމުގެ އިހްތިމާލް އޮތް މީހެއްކަމަށް މަތީ މަރުހަލާގެ ކޯޓަކުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އަންމަޓީ ފިލައިގެން ދިއުން ހުއްޓުވުމަށްޓަކައި އަޅައިފައިވާ ފިޔަވަޅަށް ވަގުތީގޮތުންވެސް ލުޔެއްދެވޭނީ ވަށައިގެންވާ ހާލަތަށް ބަދަލު އައުމުން ކަމަށެވެ. ނަމަވެސް އަންމަޓީ ފިލައިގެން ގޮސްފާނެކަމަށް ބަލައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށްކޮށްފައިވާ އަމުރަށް ބަދަލުގެންނަންޖެހޭކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް މައްސަލައިގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
އެހެންކަމުން އެ މައްސަލާގައި އަންމަޓީގެ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައި، ހައި ކޯޓުން އެ ނިންމުމަށް ތާއީދުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.
އަންމަޓީގެ މައްޗަށް ކުރި ތުހުމަތުތަކުގެ މައްސަލައިގައި ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި އުޅެނިކޮށެވެ. އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ ލަންކާގަ އެވެ.
އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ