ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ހާއްސަ ޓީމެއް ކުޅުދުއްފުއްޓަށް

ކުޅުދޫފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ހާއްސަ ޓީމެއް މިއަދު އެރަށަށް ގޮސްފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން ފަހުމީ ވިދާޅުވީ ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެރަށަށް ގޮސްފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ މި ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ހިދުމަތް ޔަގީން ކޮށްދެވިގެން ދާނެ ކަމަށެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ނުވެ މަހެއް ވަމުންދާއިރު، މިދިޔަ ހަފްތާގައި އެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ކުޅުދުއްފުށިން ދަ ޕްރެސްއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އިހުތިޖާޖަށް ރައްޔިތުން ނުކުމެފައި ވަނީ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައި ނުދީ އީދަށް ރާއްޖޭގެ އެކިކަންކޮޅުތައް ބޮކިތަކުން ދިއްލާލާފައި ވާތީއެވެ. އަދި އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާން ފެށީ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން، ބޭނުން ކުރަމުންދާ ޖެނެރޭޓަރުތަކަށް ލޯޑު ބޮޑުވުމާ ގުޅިގެންނެވެ. އެގޮތުން އެ ރަށުގައި ކޮންމެ ދުވަހަކު ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދެ އެވެ.
ކުޅުދުއްފުށީގެ ގޭބިސީތަކުން ދުވާލަކު ކޮންމެވެސް ވަގުތަކު ކަރަންޓު ކަނޑާލަން ޖެހޭތީ މި މަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓު ހެޔޮކުރަން ނިންމާފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އެގޮތުން މިހާރު ވެސް އާ ޖެންސެޓެއް ކުޅުދުއްފުށްޓަށް ގެންދެވި، އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އޭރުން އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ