ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅައި ފާސް ކުރި މި އިސްލާހަކީ، ގާނޫނުއަސާސީއާއި ހިލާފު މާއްދާތަކެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް މައްސަލައެއް ވެއްދީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިނެވެ.
މިދިޔަ ނޮވެމްބަރު މަހު ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 17 އަށެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިޔަށް ގެންގޮސްފައި ވަނީ ނޮވެމްބަރު 20 ގައި ބިލު ހުށަހަޅައި، ހަމަ އެ ދުވަހު ފާސްކޮށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިލު ތަސްދީގު ކުރެއްވީ، އެރޭ އެވެ.
ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
މި މައްސަލައަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ޑިމޮކްރެޓްސް ވަނީ ތަދައްހުލުވުމަށް ނިންމާފަ އެވެ.
މި އިސްލާހާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލާއިރު އޭގެ ތެރޭގައި ގާނޫނީ ވަކީލުންނާއި ކުރީގެ ބަންޑާރަ ނައިބުން ހިމެނެ އެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް އެއް ދުވަހުން ނިންމައި، ހަމަ އެ ދުވަހު ފާސްކުރުމަކީ ބެސްޓް ޕްރެކްޓިސްއެއް ނޫންކަން ވަނީ ފާޙަގަކޮށްފަ އެވެ. އެހެން ނަމަވެސް ގާނޫނުއަސާސީއަށް ގެނައި އެ ބަދަލު ސަރުކާރުގެ މެމްބަރުން ވަނީ ދިފާއު ކުރައްވާފައެވެ.
މި މައްސަލައިގައި ”ގާނޫނުއަސާސީގެ ދިފާއުގައި“ ނަމުގަ އެމްޑީޕީން ބޮޑެތި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ