49 ބިދޭސީން ފާސްކޮށް، ފަސް މީހަކު ހައްޔަރުކޮށްފި

މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން އިތުރު 49 ބިދޭސީއަކު ޗެކްކޮށް، އޭގެ ތެރެއިން ފަސް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ޖޮއިންޓް ޓާސްކް ފޯސްއިން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ނުވަތަ އެފަދަ ފަރާތްތަކަށް ހިޔާވަހިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީންނާ ސުވާލުކޮށް، އެމީހުންގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ.
އިމިގްރޭޝަނުން ބުނީ އެންމެ ފަހުން ހިންގި މި ރޭޑްގައި ޗެކްކުރި 49 މީހުންގެ ތެރެއިން ފަސް މީހަކީ އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަޔަކު ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ފަސް މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ ރޭޑް އޮޕަރޭޝަންތަކެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ޑިޓެންޝަން ސެންޓަރުގައި ތިބި މީހުން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ