”ވާނުވާ“ މައްސަލަ: އަވަސް ހައްލެއް ބޭނުންވާ ގައުމީ މައްސަލައެއް!

ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމުގެ މައްސަލަ ނުވަތަ އާންމު ނަމުން ނަމަ ”ވާނުވާ“ ބަންދުގެ މައްސަލައެވެ. މިއީ ތަހުގީގު މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ މީހުންނާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށް ބެލެވޭ މީހުން ބަންދުގައި ބޭތިއްބުމަށް އޮންނަ އުސޫލެކެވެ. ނަމަވެސް، މި މަރުހަލާތައް ދިގުލައިގެން ދިއުމުގެ ސަބަބުން، އެތައް އަހަރެއް ވަންދެން މީހުން ބަންދުގައި ތިބެންޖެހުމަކީ އިންސާނީ ހައްގުތަކާ ގުޅުންހުރި ބޮޑު ކަންބޮޑުވުމެކެވެ.
”ވާނުވާ“ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މި ވައުދުފުޅު ފުއްދުމަށްޓަކައި ސަރުކާރުން މިހާރު ވަނީ އަމަލީ މަސައްކަތްތަކެއް ފަށާފައެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ. ވަކިން ހާއްސަކޮށް، ކްރިމިނަލް ކޯޓުގައި ހުއްޓިފައި ހުރި މައްސަލަތައް ބާރުމިނެއްގައި ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކަކީ މިކަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މިވަގުތު ރިމާންޑް ބަންދުގައި ނުވަތަ ވާނުވާގައި ތިބި މީހުންގެ އަދަދަކީ 408 އެވެ. މީގެ ތެރޭގައި ހިމެނެނީ މުޖުތަމައަށް ބޮޑެތި ނުރައްކާތައް ހުރި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނެވެ. އޭގެ ތެރޭގައި ޓެރެރިޒަމްގެ 20 މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮތް 117 މީހުންނާއި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި 116 މީހުން ހިމެނެއެވެ. މީގެ އިތުރުން މަރުގެ މައްސަލަތަކުގައި 29 މީހަކާއި އެހެނިހެން އަނިޔާވެރި ކުށްތަކުގައި 126 މީހަކު ބަންދުގައި އެބަތިއްބެވެ. މި މީހުންގެ މައްސަލަތައް އަވަސްކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ވާނުވާ ބަންދަށް ލުއި ދިނުމަށްޓަކައި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތަކީ އިލެކްޓްރޯނިކް މޮނިޓަރިންގ ނުވަތަ ޓެގް އެޅުވުމުގެ ނިޒާމެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންދުގައި ތިބި މީހުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވާފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު، މުޖުތަމައަށް ނުރައްކަލެއް ނެތް މީހުންނަށް މިފަދަ ލުއިތަކެއް ދިނުމަށް ތާއީދުކޮށްފައެވެ. މިއީ ޖަލުތަކުގެ ތޮއްޖެހުން ކުޑަވެ، ދައުލަތުގެ ހަރަދުތައް ކުޑަވެގެންދާނެ ކަމެކެވެ.
ގަބޫލު ކުރަަން ޖެހޭ އެއް ހަގީގަތަކީ ވާނުވާގެ ހަގީގީ މައްސަލައަކީ މީހުން ބަންދުކުރުމެއް ނޫނެވެ. މައްސަލައަކީ ބަންދުކުރުމަށްފަހު ޝަރީއަތްތައް ބާރުމިނުގައި ކުރިއަށް ނުގެންދެވުމެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަވަސް ޝަރީއަތެއް ލިބުމުގެ ހައްގު މިކަމުގެ ސަބަބުން ގެއްލިގެންދެއެވެ. ޝަރީއަތްތައް ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުގެ ވަސީލަތްތައް ހުރި ދަށް ފެންވަރެވެ.
އެހެން ކަމުން ވާނުވާގެ މި މައްސަލަ ހައްލުކުރުމަށް އޮތީ މައިގަނޑު ދެ މަގެކެވެ. އެއްގޮތަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޖުރާއަތު އުވާލައި، ބަންދުން ދޫކޮށްލުމަށްފަހު މޮނީޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް (މިސާލަކަށް އެންކަލް ޓެގް ފަދަ ވަސީލަތްތައް) ގާއިމުކުރުމެވެ. އަނެއް ގޮތަކީ ކޯޓުތަކުގެ ވަސީލަތްތައް އިތުރުކޮށް، ޝަރީއަތްތައް އަވަސްކުރުމެވެ. ނަމަވެސް، މިއީ ބޮޑު ހޭދައަކާއި ވަގުތު ބޭނުންވާ ކަންކަމެވެ.
”ވާނުވާ“ މައްސަލައަކީ ހަމައެކަނި ގާނޫނަކަށް ބަދަލު ގެނެސްގެން ހައްލުވާނެ ކަމެއް ނޫނެވެ. މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ވަސީލަތްތައް ގާއިމުކޮށް، ނިޒާމީ ބަދަލުތަކެއް ގެނެސްގެން މެނުވީ ހައްލު ކުރެވޭނެ ކަމެއް ނޫނެވެ. އިންސާފު ގާއިމުކުރުމުގައި ލަސްވުމަކީ އިންސާފު ނުލިބުން ކަމުގައިވާތީ، މި މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަކީ މިއަދު ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ