މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހަށް އަމަލު ކުރުން ފަސްކޮށްދިނުމަށް އެދުނު އަމުރު ސްޕްރީމް ކޯޓުން ނުނެރުނު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް، އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ އިޖުރާއަތްތައް ނުހިންގޭނެ ކަމަށް ކަނޑައަޅައިދޭން އެދުނު ވަގުތީ އަމުރު ނެރެނުދޭން މިއަދު އެ ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ނެރުނު އަމުރުގައި ބުނެފައިވަނީ، އެފަދަ އަމުރެއް ނެރޭ ހާލަތެއްގައި އެ މައްސަލައިގައި މައުލޫއީ ގޮތުން ގޮތް ކަނޑައަޅަން ޖެހޭ ނުކުތާއަށް އަސަރު ކުރުން ކަމަށް ބުރަވެވޭ ކަމަށެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ ފެބްރުއަރީ 17، 2025 ގައެވެ. އަދި އޭގެ 421 ދުވަސް ފަހުން ދެވަނަ އަޑުއެހުމެއް މިދިޔަ އެޕްރީލް މަހުގެ ނުވަވަނަ ދުވަހު ވަނީ ބާއްވާފަ އެވެ.
މި ވަގުތީ އަމުރު ނެރުނުއިރު ކޯޓުގެ ބެންޗަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ވަގުތީ އަމުރުގެ މައްސަލައިގެ އަޑުއެހުން ފެށުމާ ގާތްވެފައި ވަނިކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑު ކޮށްފަ އެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް އެނގުމުންނެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އޭސީސީން އެ މައްސަލައިގައި ވަކި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކުރެވެ އެވެ.
ކޯޓުގެ ބެންޗަށް އައި ބަދަލުތަކަށް ބަލާއިރު، ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ އަޒްމިރާލްދާ އާއި މަހާޒު ވަކިކޮށްފައިވާއިރު، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ މި ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ. އަދި އޭގެ ކުޑަދުވަސްކޮޅެއް ފަހުން އޭރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެސް ވަނީ ރިޓަޔާ ކުރައްވާފަ އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންނަކީ މި ސަރުކާރުން އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ. އަދި އަނެއް ތިން ފަނޑިޔާރުންނަކީ ކުރީގެ ސަރުކާރުގައި އައްޔަން ކުރެވުނު ބޭފުޅުންނެވެ. ގާނޫނީ ގޮތުން ސުޕްރީމް ކޯޓަށް އެއްވެސް މައްސަލައެއް ބެލޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ