ތިން ރައީސުންގެ ފުރަތަމަ ޑިމާންޑަކީ ނޫސްވެރިން ދޫކޮށްލާ، ޝަރީއަތް ހުއްޓާލުން

ސަރުކާރުން ޖަލަށްލާފައިވާ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ވަގުތުން މިނިވަންކޮށް، އެ ނޫސްވެރިންގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތައް ހުއްޓާލުމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރަށް ގޮވާލައްވައިފިއެވެ. މި ތިން ރައީސުން މިކަމަށް ގޮވާލެއްވީ ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ތިން ރައީސުން ގުޅިގެން ކުރައްވާ މަސައްކަތުގެ ތެރެއިން ހުށަހެޅުއްވި ފުރަތަމަ ޑިމާންޑެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް އަމާޒުކޮށް 'ގެގް އޯޑަރެއް' ނެރެފައިވާކަން ފާހަގަކުރައްވައި، އެ އޯޑަރުގެ ދަށުން މިހާރުވެސް ދެ ނޫސްވެރިއަކު ޖަލަށްލާފައިވާ ކަމަށާއި، އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް ޝަރީއަތް ހިންގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ހައިސިއްޔަތުން، ގައުމުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ޒިންމާއެއް އެބައޮތް ކަމަށެވެ. "އަޅުގަނޑުމެންގެ އެތެރޭގެ ކޮންޝެންސް އެބަ ބުނޭ، ރާއްޖޭގެ ސްޓްރެސް ލެވެލް މިވަރަށް އުފުލިގެންދާއިރު އަޅުގަނޑުމެންގެ ޒިންމާއެއް އެބަ އޮތް،" ޔާމީން ވިދާޅުވިއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ތިން ރައީސުން އެކީގައި ނުކުންނަވަން ޖެހިވަޑައިގަތީ ގައުމު މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށް އިސްވެ ކަންތައްތަކެއް ކުރަން ޖެހިއްޖެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. މި ބައްދަލުވުމުގައި ތިން ރައީސުން ވެސް ވަނީ ނޫސްވެރިންނަށް އޮތް ހުރަސްތައް ނައްތާލައި، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އިތުރު ތަފްސީލް އަންނަނީ،،،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ