ތިން ރައީސުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއް؛ ކަންކަން އިސްލާހުކުރުމަށް ސަރުކާރު ވަނީ ނުކުޅެދިފައި!

ސިޔާސީ ގޮތުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ރަސްމީ އެއްބަސްވުމެއްގައި ކުރީގެ ތިން ރައީސުން ސޮއިކުރައްވައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި މިރޭ ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާފަ އެވެ.
ބައްދަލުވުން ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ތިން ބޭފުޅުން އެކުގައި މަޝްވަރާ ކުރައްވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ނޫސްވެރިންނާއި ބައްދަލު ކުރުމާއި، ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމަށް ވިދާޅުވި އެވެ.
ތިން ބޭފުޅުން މިރޭ ބޭއްވި ބައްދަލުވުމަކަށްފަހު އެކުލަވާލި މި އެއްބަސްވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު ހިންގުމުގައި ގެންގުޅޭ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި ބައްދަލުވުމުގައި ތިން ރައީސުން އެއްބަސްވެފައި ވަނީ، ގައުމުގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުން މިވަގުތަށް މަޖުބޫރުވެފައިވާ ކަމަށެވެ.
ނޫސްވެރިންނަށް ވެސް އާންމު ކުރި އެ އެއްބަސްވުމުގައި ވަނީ، ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަންނަމުން ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރިން އާންމުވެފައިވާކަމަށް ވެއެވެ.
މީގެ އިތުރުން އެ އެއްބަސްވުމުގައި ވަނީ ގައުމުގެ އިގުތިސޯދީ ހާލަތު ދަށްވެ، ތަކެތީގެ އަގު އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަތިވަމުންދާކަމަށެވެ.
ހާއްސަކޮށް މިނިވަން ނޫސްވެރިކަމަށް އޮތް ހުރަސްތަކާއި، ނޫސްވެރިން ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް އެއްބަސްވުމުގައިވެއެވެ.
މި އެއްބަސްވުމުގައި އިތުރަށް ބުނެފައި ވަނީ ސަރުކާރުން ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްވެފައިވާކަމަށާއި، މި ކަންކަން އިސްލާހުކުރުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށެވެ. އަދި ދިވެހި ރައްޔިތުން އެތައް ގުރުބާނީއެއްވެގެން ހޯދި ޑިމޮކްރަސީގެ އުސޫލުތައް ނެތެމުންދާތީ، ގައުމު އަލުން ހަމަ މަގަށް އެޅުވުމަށް ތިން ބޭފުޅުން ގުޅިގެން މަސައްކަތް ކުރުމަށް މިއަދު އެއްބަސްވާކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ