ކާންޔޭ ވެސްޓް، އިންޑިއާގައި ބާއްވަން ނިންމި ފުރަތަމަ ކޮންސެޓް ކެންސަލްކޮށްފި

މަޝްހޫރު ރެޕް ފަންނާނު އަދި މިއުޒިކް ޕްރޮޑިއުސަރު ކާންޔޭ ވެސްޓް އިންޑިއާގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓް ކެންސަލްކޮށްފިއެވެ. މި ކޮންސެޓް ކެންސަލްކުރިކަން އެ ޝޯ އިންތިޒާމުކުރާ ފަރާތްތަކުން އިއުލާނުކުރިއިރު ކުރި މި ޝޯ ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މި އަންނަ ހޮނިހިރު ދުވަހުއެވެ. އުމުރުން 48 އަހަރުގެ ކާންޔޭގެ މި ކޮންސެޓް ނިއުދިއްލީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވުމަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މި އަހަރުގެ މާޗު މަހުއެވެ. ނަމަވެސް، ދުނިޔޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ފަހުން ވަނީ މި މަހު ކޮންސެޓު ބާއްވަން ނިންމާފައެވެ. މިކަމާ ގުޅިގެން ކޮންސެޓް އިންތިޒާމުކުރާ ފަރާތުން އިންސްޓަގްރާމްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހު ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް 'ކާންޔޭ ލައިވް އިން އިންޑިއާ' ކޮންސެޓް، ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކަމާބެހޭ އިދާރާތަކުން ނެރުނު އިރުޝާދުތަކާ ގުޅިގެން ރަސްމީކޮށް ފަސްކޮށްފައިވާ ކަމަށެވެ. މަޝްހޫރު ރެޕް ފަންނާނު އަދި މިއުޒިކް ޕްރޮޑިއުސަރު ކާންޔޭ ވެސްޓް މިއުޒިކް ޝޯއެއްގައި ޕާފޯމް ކުރަނީ--ފޮޓޯ/ދަ ހޮލީވުޑްރިޕޯޓަ "އިންޑިއާގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް ލައިވް ޝޯއަށް މި ހަރަކާތް ހެދުމަށް މަސްތަކެއް ވަންދެން ރާވައި ތައްޔާރުވި ނަމަވެސް، އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ޝޯ ބަލަން އަންނަ މީހުންނާއި އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކަށް އަޅުގަނޑުމެން ފުރިހަމައަށް އިހުތިރާމްކޮށް އެއްބާރުލުން ދޭނަން" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. މި ކޮންސެޓްގައި ބައިވެރިވުމަށް ކުރިއާލާ ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދޭނެކަމުގެ ޔަގީންކަން ކޮންސެޓު އިންތިޒާމުކުރި ފަރާތުން ނެރުނު ބަޔާނުގައި ވަނީ ދީފައެވެ. ޔޭ، އިންޑިއާގައި ބާއްވާނެކަން އިއުލާނުކުރި މި ކޮންސަޓަކީ އޭނާގެ ގްލޯބަލް ޓުއާ ތެރޭގައި ހިމެނޭ މުހިންމު ހަރަކާތެކެވެ. މި އިވެންޓް އިންތިޒާމު ކުރަނީ ވައިޓް ފޮކްސް، ވިޒްކްރާފްޓް އަދި ޕްލަޝް އެންޓަޓައިންމަންޓް ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ