ހުޅުމާލޭ ނެއިބަރހުޑް 1 ގައި ސްޕޯޓްސް ޕާކެއް ހުޅުވައިފި

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކުރި ’N1 ސްޕޯޓްސް ޕާކު‘ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕާކު ހުޅުވުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ކުޅިވަރު ކުޅުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕާކު ރަސްމީކޮށް ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރނަރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ. މި ޕާކު ހުޅުވުމުގެ ގޮތުން ރޭ ވަނީ އެތަނުގައި ހިމެނޭ ތިން ދަނޑުގައިވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. މި ހަރަކާތްތަކާއެކު ޕާކު މިހާރު ވަނީ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައެވެ.
ނެއިބަރހުޑް 1 ގައި އަލަށް ހުޅުވި މި ސްޕޯޓްސް ޕާކުގައި ކުޅިވަރުގެ ތިން ވަސީލަތެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ފުޓްސެލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ބާސްކެޓްބޯލް ހާފް ކޯޓެއް ހިމެނެއެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ނެއިބަރހުޑް 1 ގެ ރައްޔިތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ފެށި މަސައްކަތެކެވެ. އެ ޖަލްސާގައި ރައްޔިތުން ފާހަގަކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތެއް އެ ސަރަހައްދުގައި ނެތުމެވެ.
އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ހާއްސަ އިސްކަމާއެކު، އެޗްޑީސީން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމާފައެވެ. އެޗްޑީސީން ފާހަގަކުރާ ގޮތުގައި މިފަދަ މަޝްރޫއުތަކުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ