ރޫމުގެ ތާރީހު ބަދަލުކޮށްލި އަސަރު ގަދަ ތަގުރީރު

ވިލިއަމް ޝޭކްސްޕިއަރ ލިޔުނު މަޝްހޫރު ޑްރާމާތަކުގެ
ތެރެއިން "ޖޫލިއަސް ސީޒަރ" އަޅުގަނޑުމެންގެ އެންމެން ވެސް ކިތަންމެ
ފަހަރަކު ކިޔައިފި އެވެ. އޭނާ ލިޔުނު ގޮތަށް އެކި ގައުމުތަކުގައި ކުޅެފައިވާ
އެތައް ތަމްސީލުތަކެއް ވެސް ބަލައިފީމެވެ. އެހެންނަމަވެސް ގަދީމީ ރޫމުގެ ތާރީހާއި އެ
ތަމްސީލުތަކުގައި ގެނެސްދޭ ތަގުރީރުތަކާ ހުރި ގުޅުމުގެ މައްޗަށް ވިސްނުން ހިންގުނީ
ކިހައި ވަރަކަށް ކަމެއް ނޭނގެ އެވެ.
އަޅުގަނޑަށް ފެނުނު ގޮތުގައި "ޖޫލިއަސް ސީޒަރ"
ގައި، ސީޒަރގެ ޖަނާޒާގައި މާކް އެންޓަނީ ދޭ ތަގުރީރަކީ އަދަބިއްޔާތުގެ ތާރީހުގައި އެންމެ
ނުފޫޒުގަދަ އެއް ތަގުރީރެވެ. ޝޭކްސްޕިއަރގެ މި ލިޔުމަށް އެތައް ގަރުނެއް ވެފައިވާއިރު، އެ ތަގުރީރަކީ، ސިޔާސީ ގޮތުން މީހުންގެ ވިސްނުން ބަދަލުކުރުމާ ގުޅޭގޮތުން
މިހާތަނަށް ލިޔެވިފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލެވެ.
މި ތަގުރީރަކީ ހަމައެކަނި ތަމްސީލެއްގެ ތެރެއިން ފެންނަ
މަންޒަރެއް ނޫނެވެ. މިއީ މުއާމަލާތްކުރުމުގެ ފަންނާއި، އާންމުންގެ ޝުއޫރުތަކާއި، އަދި
ބަސްމަގުގެ ބޭނުންކޮށްގެން ސިޔާސީ ނަތީޖާތަކަށް ބަދަލު ގެނެވޭނެކަން ދަސްކޮށްދޭ ފިލާވަޅެކެވެ.
ހުނަރުވެރި ވާހަކަދެއްކުންތެރިއަކަށް ރައްޔިތުންގެ ޝުއޫރުތައް ބަދަލުކޮށް، ރައްޔިތުންނަށް
ގަބޫލުކުރެވިފައިވާ ކަންކަމާ މެދު ސުވާލު އުފައްދައި، އަދި ތާރީހުގެ މިސްރާބު ބަދަލުކޮށްލެވިދާނެ
ގޮތް ޝޭކްސްޕިއަރ ވަނީ އެ ތަގުރީރުގައި ވަރަށް ފުރިހަމައަށް ދައްކުވައިދީފަ އެވެ. މައުލޫއަށް
ފެށުމުގެ ކުރިން، މައްސަލައިގެ ތާރީހީ ހަގީގަތްތަކަށް އަވަސް ކަޅިއެއް އެއްލާން
ޖެހެ އެވެ.
ސީޒަރ މަރާލެވުނު ހާދިސާ
މި ހާދިސާ ފެށެނީ ރޯމަން ރިޕަބްލިކްގެ ފަހު އަހަރުތަކުގައި
ޖޫލިއަސް ސީޒަރގެ ބާރުގަދަވަމުން ދިޔަ ދުވަސްވަރުގަ އެވެ. ހަނގުރާމަތަކުގައި ސީޒަރ
ހޯއްދެވި އަސްކަރީ ކާމިޔާބީތަކާއެކު، އޭނާ ވެގެންދިޔައީ ރޫމުގެ އެންމެ ނުފޫޒުގަދަ ސިޔާސީ
ޝަހުސިއްޔަތަށެވެ. ރޫމުގައި ހިންގަމުން ދިޔަ ދައުލަތުގެ އެތައް މަގާމުތަކެއް
ފުރަމުން ގެންދިޔައީ ސީޒަރ އަމިއްލައަށެވެ. ރޫމުގެ ފައްޅީގެ އެންމެ އިސް
ފާދިރީއަކީ އޭނަ އެވެ. ސެނެޓުގެ އެންމެ އިސް މީހަކީ ވެސް އޭނަ އެވެ. މުޅި ރޫމު
އޮތީ އެކީއެކަށް ސީޒަރގެ ބާރުގެ ދަށުގަ އެވެ. އެވަރުން ނުވެގެން، އޭނާ މަރާލެވުމުގެ
ކުޑަ ދުވަސްކޮޅެއް ކުރިން (މީލާދުގެ 44 އަހަރު ކުރިން) އޭނާއަކީ ރޫމުގެ Dictator perpetuo ނުވަތަ އުމުރަށް ދެމިހުންނަވާ ޑިކްޓޭޓަރުގެ ގޮތުގައި ވެސް ކަނޑައެޅުނެވެ.
ގިނަ ރޯމަނުން ސީޒަރަށް ނުލާހިކު އިހުތިރާމުކުރި އެވެ. އޭނާ
ކުރި ހަނގުރާމަތަކުގެ ސަބަބުން ރޫމުގެ ސަރަހައްދު ފުޅާ ކުރުމާއި، ގައުމުގެ
ތަނަވަސްކަން އިތުރުކުރުމާއި، އުމްރާނީ ތަރައްގީއާއި ތަހުޒީބުގެ އެތައް ކަމެއް އޭނާ
ރޫމަށް ތައާރަފުކުރި އެވެ. މިކަންކަމުގެ ސަބަބުން އޭނާ ވެފައިވަނީ ރޫމުގައި
މަގުބޫލު ޝަހުސިއްޔަތަކަށެވެ.
ސީޒަރގެ ފުށުން ރޫމަށް ލިބެމުން ދިޔަ ގިނަގުނަ
ފައިދާތަކާއެކު ވެސް އެއްބަޔަކު ބިރުގަތީ ހުރިހައި ބާރެއް ސީޒަރގެ އަތަށް ޖަމާވެ، ރޫމުގެ
ވެރިކަން އަނެއްކާ ވެސް ރަސްކަމަކަށް ބަދަލުވެދާނެތީ އެވެ. ސެނެޓުގައި އޭރު ތިބި
އެތައް ބަޔަކު ގަބޫލުކުރި ގޮތުގައި ރޫމުގެ ގާނޫނުތަކަށްވުރެ މަތިވެރި މީހަކު
އުފެދުމަކީ ރޫމުގައި އޮތް ވެރިކަމާއި ބާރުވެރިކަމަށް ކުރިމަތިވާނޭ ނުރައްކަލެކެވެ.
ވީމާ، ސީޒަރއަކީ އާދަޔާ ހިލާފު ބާރުގަދަ މީހަކަށްވެ، ޑިކްޓޭޓަރެއްގެ ގޮތުގައި އޭނާ
ސާބިތުވެގެން ދިޔުމަކީ ރޫމުގެ ވެރިކަމުގެ ނިމުންކަމަށް އެބައިމީހުން ދުށްޓެވެ.
މިކަމާ ކަންބޮޑުވި މީހުންގެ ތެރޭގައި އެންމެ އިސް
މީހަކީ މާކަސް ޖޫނިއަސް ބްރޫޓަސް އެވެ. ބްރޫޓަސްއަކީ ރޯމަން ރިޕަބްލިކްގެ ދިފާއުގައި
މަސައްކަތްކުރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާ ގަބޫލުކުރި ގޮތުގައި ރޫމު ހިންގާންވާނީ
ވަކި ފަރުދެއްގެ އެކަނި ނުފޫޒުން ބޭރުވެ، ގާނޫނުތަކާއި މުއައްސަސާތަކުގެ ދަށުންނެވެ.
ސީޒަރގެ ބާރުތައް އެ މިންވަރަށް އިތުރުވުމަކީ ރިޕަބްލިކަށް އޮތް ނުރައްކަލެއް ކަމަށް
ބްރޫޓަސްއަށް ޔަގީންވުމުން، އޭނާ ސެނެޓަރުންގެ ބަޔަކާ ގުޅިގެން މީލާދުގެ ކުރިން 44
ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ސެނެޓް ހައުސް ތެރޭގައި ސީޒަރ މަރާލި އެވެ.
ޖޫލިއަސް ސީޒަރ ހަގީގަތުގައިވެސް ޑިކްޓޭޓަރޝިޕަކާ ދިމާލަށް
މިސްރާބު ޖެހިތޯ މިއީ ތާރީހީ ގޮތުން އަދިވެސް ބަހުސްކުރެވޭ ކަމެކެވެ. އެއީ
ހަގީގަތަކަށް ވިޔަސް، އެކަމަކީ ސީޒަރ މަރާލުމަށް ބުރޫޓަސްއާ އޭނާގެ ބައިވެރިން
ހިންގި އަމަލުގެ މައްޗަށް ހުއްޖަތު ގާއިމުކޮށްދޭނޭ ކަމެއް ނޫނެވެ. ބުރޫޓަސްއަކީ
ސީޒަރގެ ގާތް އެކުވެރިއެކެވެ. ސެނެޓުގައި ސީޒަރ އެންމެ އިތުބާރު ކުރި އެކެކެވެ. ރޫމުގައި
ނުފޫޒު ގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ. އެހެންވީމާ، ޖޫލިއަސް ސީޒަރގެ ބާރު މާބޮޑަށް
ގަދަވެ، ރޫމުގެ މިނިވަން ވެރިކަމަށް އޮތް ގޮންޖެހުމަކަށް ވެދާނޭކަމަށް ފެނުނުނަމަ އެކަން ހުއްޓުވުމަށް
ކިތަންމެ ގޮތަކުން މަސައްކަތް ކުރެވުނީހެވެ. އެހެންނަމަވެސް އޭނާއާ އޭނާގެ
ބައިވެރިން އެކަމުގައި ހިޔާރުކުރީ އެންމެ ފަސޭހަ ގޮތެވެ.
ބްރޫޓަސްގެ ދިފާއު
ބުރޫޓަސް އޭނާގެ ބައިވެރިންނާއެކު ސީޒަރ މަރާލީ
ސިއްރިއްޔާތުގައެއް ނޫނެވެ. ދިމާއަށް ހުޅުވިފައި އޮތް ސެނެޓުހައުސްގަ އެވެ.
މަރާލުމަށްފަހު ދާދި އަވަހަށް އޭނާ ސެނެޓު ދޮށަށް މީހުން ޖަމާކޮށް، ސީޒަރ މަރާލަން
ޖެހުނު ސަބަބު ސާފުކޮށްދިނެވެ. އެ ސަބަބުތައް އަޑުއެހުމަށް ފަހު ރޫމުގެ ރައްޔިތުން
އޭނާގެ ނިންމުމަށާއި އަމަލަށް ތާއީދުކުރާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް
އޮތެވެ. ޝޭކްސްޕިއަރގެ ވާހަކައިގައި، ބްރޫޓަސް އޭނާގެ އަމަލުތައް ދިފާއުކުރަނީ އެކަމަކީ ގައުމަށްޓަކައި ކުޅަ ކަމެއްގެ ގޮތުގައި ދައްކައިގެންނެވެ. އޭނާ ބުނިގޮތުގައި އެ ނިންމުމަކީ
ސީޒަރއަށް އޮތް ނަފުރަތެއްގެ ސަބަބުން ނިންމި ނިންމުމެއް ނޫނެވެ. އެހެންނަމަވެސް އެއީ
ރޫމު ދެކެވާ ލޯތްބެއްގެ ބޮޑުކަމުން ނިންމި ނިންމުމެކެވެ.
"އަހަރެން ސީޒަރ ދެކެ ލޯބިނުވަނީއެއް
ނޫނެވެ، ނަމަވެސް ރޫމު ދެކެވާ ލޯބި މާ ބޮޑީ އެވެ."
ސީޒަރގެ ކިބައިގައި ހުރި ބާރުވެރިކަމުގެ ދަހިވެތިކަމަކީ
ރޫމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ބްރޫޓަސް ވަނީ ވަކާލާތުކޮށްފަ އެވެ.
އޭނާ ރައްޔިތުންނާ ސުވާލުކުރި އެވެ. 'ކަލޭމެން ބޮޑަށް އެދޭނީ ސީޒަރ ދުނިޔޭގައި ހުރެ
އަޅުވެތި ރައްޔިތުންގެ ގޮތުގައި ދިރިއުޅުން ވެއަތުކުރަން ހެއްޔެވެ؟ ނުވަތަ ސީޒަރ
ނެތް ދުނިޔެއެއްގައި މިނިވަން ބައެއްގެ ގޮތުގައި ތިބުން ހެއްޔެވެ؟'
ބްރޫޓަސްގެ ދަލީލުތަކަކީ ބުއްދިއަށް ގަބޫލުކުރެވޭ، ކުރު
އަދި ސިޔާސީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދަލީލުތަކެކެވެ. އޭނާ މަސައްކަތްކުރީ
ބުއްދީގެ ބޭނުންކޮށްގެން މީހުން ރުއްސުމަށެވެ. އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި
މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުން ކޮންމެހެން މުހިންމު ކަމަށް ގަބޫލުކުރުމަށް އޭނާ
ރައްޔިތުންނަށް ގޮވާލި އެވެ.
ބުރޫޓަސްގެ އެ ކުރު ތަގުރީރު ނިމުނުއިރު ރައްޔިތުން
ތިބީ އޭނާ ދެއްކި ހުއްޖަތުތަކަށް ރުހިގެންނެވެ. އެ މީހުން ބްރޫޓަސްއަށް ތައުރީފުކޮށް،
އެ އަމަލަކީ ގައުމުގެ ލާބައަށްޓަކައި ކުރި ކަމެއް ކަމަށް ބަލައިގަތެވެ. ބުރޫޓަސްއަކީ
މާތް މީހެއް ކަމަށް އެންމެން އެއް އަޑުން ގޮވަމުން ގެންދިޔަ އެވެ.
ބުރޫޓަސްގެ ތަގުރީރު ނިމުމާއެކު މާކް އެންޓަނީގެ
ތަގުރީރު ފެށެ އެވެ. އެ ވަގުތާ ޖެހެންދެން، އެންޓަނީ އޮތީ އޭނާގެ އަސްލު މަގުސަދު
ބުރޫޓަސްއަށް ސިއްރުކޮށްފަ އެވެ. އޭނާއަކީ ސީޒަރއަށް ތާއީދުކުރާ މީހެއްކަމާއި،
ބުރޫޓަސްއާއި އޭނާގެ ބައިވެރިންގެ އަމަލުތައް ބަލައިނުގަންނަކަން ހާމަކުރިނަމަ،
އެ މަޖިލީހުގައި ވާހަކަ ދައްކާކަށް އޭނާއަށް ފުރުސަތެއް ނުލިބުނީހެވެ. އެހެންވެ، އެ
ތަގުރީރާ ހަމައަށް ދިޔައިރު އެންޓަނީގެ އަސްލު ވިސްނުން އޮތީ ބުރޫޓަސްއަށް
ސިއްރުކޮށްފަ އެވެ.
މާކް އެންޓަނީގެ ތަގުރީރާއި މީހުންގެ ވިސްނުން ބަދަލުކުރުމުގެ
ފަންނު
އެންޓަނީ އޭނާގެ ތަގުރީރު ފެށީ އިނގިރޭސި އަދަބިއްޔާތުގައި
މިހާރު ވެސް ފާހަގަކޮށްލެވޭ އެންމެ މަޝްހޫރު އެއް ފެށުމުންނެވެ.
"އެކުވެރިންނޭ، ރޯމަނުންނޭ، އަދި ގައުމުގެ
މީހުންނޭ، އަހަރެންގެ ބަސްތައް ކަނުލާ އަޑުއަހާށެވެ... އަހަރެން މިއައީ ސީޒަރު ވަޅުލުމަށެވެ.
އޭނާއަށް ސަނާ ކިޔާކަށް ނޫނެވެ."
އެންޓަނީގެ ވާހަކަ ފެށީ ބުރޫޓަސްއަށް ތައުރީފުކުރަނީއޭ
ދޭހަވާ ފަދަ މޭރުމަކުންނެވެ. ބުރޫޓަސްއާއި އޭނާގެ ބައިވެރިން ރޭވި ރޭވުމަށް
ގޮންޖެހުމުގެ ބަދަލުގައި އެންޓަނީގެ ވާހަކަ ފެށީ މަޑުމައިތިރި އަދި ބުރޫޓަސްއާއި
އޭނާގެ ބައިވެރިންނަށް އިހުތިރާމުކުރާ މީހެއްގެ ގޮތުގަ އެވެ. އޭނާ ތަކުރާރުކޮށް ބުނަމުން
ދިޔަ އެވެ. "ބްރޫޓަސްއަކީ މާތް ބޭފުޅެކެވެ."
ފުރަތަމަ ބަލާއިރު މިއީ ތައުރީފެއް ކަމަށް ހީވި ނަމަވެސް،
އެންޓަނީ މަޑުމަޑުން މި އިބާރާތް ބޭނުންކޮށްގެން ބްރޫޓަސްއަށް ފުރައްސާރަ ކުރަން ފެށި
އެވެ. އޭނާ ރައްޔިތުންނަށް ހަނދާންކޮށްދިނީ، ރޯމަށް މުއްސަނދިކަން ގެނެސްދިނުމުގައި
ސީޒަރ އަދާކުރި ދައުރާއި، ފަގީރުންނަށް އޯގާތެރިވި ކަމާއި، އަދި ރަސްކަމުގެ ތާޖު ހޯއްދެވުމަށް
ތަކުރާރުކޮށް އިންކާރުކުރެއްވި ކަމެވެ. ކޮންމެ މިސާލެއް ދިނުމަށްފަހު، އެންޓަނީ ތަކުރާރުކޮށް
ބުނަމުން ގެންދިޔަ އެވެ.
"އެހެނަސް، ބްރޫޓަސް ބުނަނީ ސީޒަރއަކީ ދަހިވެތި
މީހެއް ކަމަށެވެ. ބްރޫޓަސްއަކީ މާތް ބޭފުޅެކެވެ."
ސީޒަރގެ ހެޔޮ އަމަލުތައް މީހުންނަށް ހަނދާކޮށްދިނުމާއެކު
މި ޖުމުލަ ތަކުރާރު ކުރަމުން ގެންދިއުމުގެ ސަބަބުން، އޭގެ ކުރިން ބްރޫޓަސް ދެއްކި ވާހަކަތަކާ
މެދު އަލުން ވިސްނުމަށް ރައްޔިތުންނަށް މަޖުބޫރުވި އެވެ. ބްރޫޓަސްގެ ތަގުރީރުގައި
އޭނާ ހެދީ ދޮގު ކަމަކަށް އެންޓަނީ ސީދާގޮތުން ވަކާލާތެއް ނުކުރެ އެވެ. އެހެނަސް، ނުސީދާ
ގޮތުން އޭނާގެ ވާހަކައިން ސާބިތުކުރަމުން ގެންދިޔައީ ސީޒަރގެ ހެޔޮ އަމަލުތަކާއި
ރޫމުގެ ކުރިއެރުމުގައި ސީޒަރގެ ދައުރެވެ. އަދި ސީޒަރއަކީ ބާރުވެރިކަމުގެ
ދަހިވެތިކަން ހުރި މީހެއް ނޫންކަމުގެ ހުއްޖަތަކަށް ދެއްކީ، ރޫމު ރަސްކަމަކަށް
ފުރޮޅާލައި، ސީޒަރ ރަސްކަލަކަށް ހެދުމަށް އެތައް ބަޔަކު މަސައްކަތްކުރިއިރު ވެސް
އޭނާ އެކަން ގަބޫލުނުކުރި ކަމެވެ. އެ ވާހަކަތަކުން އޭނާ ބޭނުންވީ ބުރޫޓަސް ދެއްކި
ވާހަކަތަކާމެދު ރައްޔިތުން އަލުން ވިސްނުމަށެވެ.
އެންޓަނީގެ ވާހަކަ ކުރިއަށް ގެންދެ އެވެ. "ކަލޭމެން
އެންމެން ވެސް މީގެ ކުރިން ސީޒަރ ދެކެ ލޯބިވި އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ވީއިރު މިއަދު އޭނާގެ މަރާމެދު ހިތާމަކުރުމަށް ކަލޭމެންނަށް ހުރަސް އަޅާ ސަބަބަކީ
ފަހެ ކޮބައި ހެއްޔެވެ؟"
"އަހަރެންގެ ހިތް ވަނީ ސީޒަރއާއެކު
އޭނާގެ ސަންދޯކުގަ އެވެ. އެ ހިތް އަނބުރާ އަހަރެންގެ ގާތަށް އަންނަންދެން އަހަރެން
ހިނދުކޮޅަކު މަޑުކުރަން ޖެހެ އެވެ." މިހެން ބުނުމާއެކު ވާހަކަ ހުއްޓާލައި
ގިސްލާން ފަށަ އެވެ. މި މަންޒަރުން އެންޓަނީ ރައްޔިތުންނަށް ދެއްކީ ސީޒަރގެ މަރުގެ
ސަބަބުން އޭނާއަށް ކޮށްފައިވާ ފުން އަސަރެވެ. އޭނާއާއެކު ރައްޔިތުން ވެސް އެ
އިހުސާސު ކުރުވަން އޭނާ ބޭނުންވީ އެވެ. މިކަމުގެ ސަބަބުން އޭނާއަކީ އިންސާނިއްޔަތުކަން
ހުރި މީހެއްކަން ހާމަވެ، އޭނާގެ ހިތާމައިގައި ބައިވެރިވުމަށް ރައްޔިތުންނަށް ބާރުއެޅި
އެވެ.
އޭގެ ފަހުން، އެންޓަނީ ސީޒަރގެ ހަށިގަނޑުގައި ހުރި ޒަހަމުތަކަށް
ވަކިވަކިން އިޝާރާތްކޮށް އެއިން ކޮންމެ ހަމަލާއެއް ދިން މީހާގެ ނަން ހާމަކުރެ
އެވެ. އަދި ބްރޫޓަސް ދިން ހަމަލާއަށް އިޝާރާތްކޮށް ބުންޏެވެ. "މިއީ ސީޒަރއަށް ދެވުނު ހަމަލާތަކުގެ ތެރެއިން އެންމެ އިހާނެތި
ހަމަލާ" އެވެ. މި ހިސާބުން އެ މައްސަލައަކީ ސިޔާސީ ނުވަތަ ދުސްތޫރީ ބަހުސަކަށްވުރެ
ބޮޑަށް، އެކުވެރިކަމާއި ބޭވަފާތެރިކަމުގެ ވާހަކައަކަށް ބަދަލުވެގެން ދިޔަ އެވެ.
އެންޓަނީގެ ވާހަކައިގެ އެ ހިސާބުން ނެގީ އެންމެ
ބާރުގަދަ ހަތިޔާރެވެ. ސީޒަރގެ ވަސިއްޔަތުނާމާ އެވެ. އޭނާ ރައްޔިތުންނަށް ކިޔައިދިން
ގޮތުގައި، ސީޒަރު ވަނީ ރޫމުގެ ކޮންމެ ރައްޔިތަކަށް ފައިސާ ދިނުމުގެ އިތުރުން، އޭނާގެ ބައެއް ބަގީޗާތައް ބޭނުންކުރުމުގެ ހުއްދަ ވެސް ދީފަ އެވެ. ރައްޔިތުންނަށް މިހާ ބޮޑަށް އަޅާލި
މީހަކީ ބްރޫޓަސް އެ ބުނާ ފަދަ އަނިޔާވެރި ވެރިއަކަށް ވެދާނެތޯ އެންޓަނީ އުފެއްދި ސުވާލުން ރައްޔިތުންގެ
ހިތުގައި ވެސް ސުވާލު އުފެދުނެވެ. ތަގުރީރު ނިމުނުއިރު، ރައްޔިތުންގެ ވިސްނުން މުޅިން ބަދަލުވެއްޖެ
އެވެ. ބްރޫޓަސްއަށް ތައުރީފުކުރި ރައްޔިތުން، މިހާރު ގޮވަމުންދަނީ އެ ރޭވުން ރޭވި މީހުންގެ
ކިބައިން ބަދަލުހިފުމަށެވެ.
އެންޓަނީގެ ތަގުރީރުން އެހައި ބޮޑު ބަދަލެއް ގެނުވީ
ކިހިނެއް؟
އެންޓަނީގެ ތަގުރީރުގައި ބޭނުންކުރި އުކުޅުތަކުގެ
ސަބަބުން، އެއީ މީހުންގެ ވިސްނުން ބަދަލުކުރުމުގެ ފަންނުގައި މިއަދުވެސް ނަމޫނާއެކެވެ.
އެ ތަގުރީރުގެ މައްޗަށް އެތައް އިލްމީ ދިރާސާތައް ހެދިފައި އެބަހުއްޓެވެ. ސިޔާސީ އިލްމުވެރިންނާއި،
ވާހަކަ ދެއްކުމުގެ ފަންނުވެރިން ވެސް އެ ތަގުރީރު ދިރާސާ ކޮށް، އެއީ އެހައި
ބާރުގަދަ ތަގުރީރަކަށް ވީ ގޮތުގެ މައްޗަށް ބަހުސްކުރެ އެވެ. އެފަދަ ވަރަށް ގިނަ
ދިރާސާތަކުގައި އެއްބަސްވެފައިވަނީ އެ ތަގުރީރުގެ އަސަރު ގަދަވީ ކިތަންމެ
ސަބަބުތަކެއް އެކުވެގެން ކަމެވެ.
ފުރަތަމަ ކަމަކަށް، އޭނާގެ ވާހަކަ ފެށީ
އިހުތިރާމާއި މަޑުމައިތިރިކަމާއެކުގަ އެވެ. އަސްލު މައްސަލައަށް ވާހަކަ ދައްކަން
ފެށުމުގެ ކުރިން އޭނާ ބޭނުންވީ އޭނާއާމެދު ރައްޔިތުންގެ އިތުބާރު އުފައްދާށެވެ.
ދެވަނަ ކަމަކީ، ސީދާ ގޮތުން ވަކި މީހަކަށް ތުހުމަތުކުރުމުގެ
ބަދަލުގައި، ނުވަތަ ފާޅުގައި މައްސަލައިގެ ވަކި ކޮޅެއް ނަގައިގެން
ވަކާލާތުކުރުމުގެ ބަދަލުގައި، ފުރައްސާރަ ނުވަތަ 'އައިރަނީ' ބޭނުންކޮށްގެން، އަޑުއަހާ
މީހުން އަމިއްލައަށް ނަތީޖާއަކަށް އައުމަށް ފުރުސަތު ދިނުމެވެ.
ތިންވަނަ ކަމަކީ، އޭނާގެ ވާހަކައިގައި ހެކިތަކާއި ޝުއޫރުތައް
އެއްވަރަކަށް ބޭނުންކުރުމެވެ. ބްރޫޓަސްގެ ވާހަކަ ބިނާކުރީ ބުއްދީގެ ހަމަތަކުން
ބަލާއިރު ވެދާނޭ ގޮތެއްގެ މައްޗަށެވެ. ސީޒަރގެ ބާރު އެހާ ގަދަވަމުންދާނަމަ، އޭނާ އެންމެ ފަހުން ރޫމުގެ
ރަސްކަލަކަށް ވެދާނެކަމީ ބުއްދީގެ ހަމަތަކުން ގަބޫލުކުރެވޭ ކަމެއްކަން ރައްޔިތުންނަށް
ދައްކުވައިދިނުމަށް އޭނާ މަސައްކަތްކުރި އެވެ. މިއާ ހިލާފަށް އެންޓަނީގެ ވާހަކަ
ބިނާކުރީ ފެކްޓްސް ނުވަތަ ހަގީގަތުގެ މައްޗަށެވެ. އޭގެ ހުއްޖަތަކަށް ދެއްކީ
ސީޒަރގެ ރަނގަޅު ޝަހުސިއްޔަތެވެ. ރައްޔިތުންނަށްޓަކައި ކޮށްދިން ހިދުމަތްތައް
ހަނދާންކޮށްދީ، އެކަމުން ރައްޔިތުންގެ ހިތަށް ސީޒަރއާމެދު ހަމްދަރުދީ ވައްދައި،
ރައްޔިތުންގެ އިހުސާސްތަކާ ކުޅެލި އެވެ.
ހަތަރުވަނަ ކަމަކީ، މައުލޫމާތު ހާމަކުރުމުގައި ގެންގުޅުނު
ތަރުތީބެވެ. ވާހަކަ ދައްކަން ފެށިއިރު ވެސް އޭނާގެ އަތުގައި ސީޒަރގެ ވަސިއްޔަތު
ނާމާ އޮތެވެ. ސީޒަރގެ މުޅި މިލްކިއްޔާތުގެ ބޮޑުބައެއް ރައްޔިތުންނަށް ވެދުން
ކުރަން ނިންމާފައި އޮތްކަން އެ ވަސިއްޔަތުން ހާމަވާނެ އެވެ. ފުރަތަމަ ވެސް ސީޒަރުގެ
ޒަހަމުތައް ދައްކައިގެން ރައްޔިތުންގެ ޝުއޫރުތަކާ ވެސް ކުޅެލެވުނީހެވެ. އެހެންނަމަވެސް
އެ ވަސިއްޔަތުނާމާއާއި ޒަހަމުތައް ދެއްކުން ބެހެއްޓީ ފަހަށެވެ. އެންމެ ވަރުގަދަ ހެކިތައް
ހާމަކުރުމުގެ ކުރިން، ރައްޔިތުންގެ ޝުއޫރުތައް މަޑުމަޑުން ވަރުގަދަ ކުރަމުން ގެންދިޔައީ
އެވެ.
މި ތަގުރީރުތަކާއި ތާރީހީ ގޮތުން ސާބިތުވާ ހަގީގަތް
ޖޫލިއަސް ސީޒަރގެ ހަޔާތުނާމާއަށް ވުރެ ބޮޑަށް މަޝްހޫރީ
މި ހާދިސާގެ މައްޗަށް ޝޭކްސްޕިއަރ ލިޔުނު ތަމްސީލެވެ. އެ ތަމްސީލުގައި
ހިމަނާފައިވާ ތަގުރީރުތައް މަޝްހޫރުވި ނަމަވެސް، ބްރޫޓަސްގެ ނުވަތަ އެންޓަނީގެ އަސްލު
ތަގުރީރު ތާރީހީ ލިޔެކިޔުންތަކަކުން ފެންނާކަށް ނެތެވެ. ސީޒަރގެ ޖަނާޒާގެ ދުވަހު ބުރޫޓަސްއާއި
އެންޓަނީގެ ތަގުރީރުގައި ދެއްކި ސީދާ ލަފުޒުތަކެއް އެނގޭކަށް ނެތެވެ.
ގަދީމީ ތާރީހު އިލްމުވެރިންގެ ލިޔުންތަކުން ކަށަވަރުވާ
ގޮތުގައި، ސީޒަރ މަރާލުމަށްފަހު ބްރޫޓަސް ރައްޔިތުންނާ ވާހަކަދެއްކި އެވެ. އަދި އެންޓަނީ
ވެސް ޖަނާޒާގައި ތަގުރީރު ކުރި އެވެ. އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެންޓަނީ
ވަނީ ސީޒަރުގެ ލޭ ހޭކިފައިވާ ފޭރާން ދައްކައި، އޭނާގެ ޒަހަމުތަކަށް އިޝާރާތްކޮށް، އަދި
ރައްޔިތުންގެ ވިސްނުން ބަދަލުކުރުމަށް ސީޒަރުގެ ވަސިއްޔަތުނާމާގެ ބޭނުން ހިފާފަ އެވެ.
ނަމަވެސް، މިއިން އެއްވެސް މަސްދަރަކުން އެ ތަގުރީރުތަކުގެ އަސްލު ލަފުޒުތަކެއް ނުފެނެ
އެވެ. މި ތަގުރީރުތަކުގައި ހިމެނޭ ހުރިހާ ވާހަކައަކީ ވެސް ޝޭކްސްޕިއަރގެ އަމިއްލަ
ހިޔާލެވެ.
މި ތަގުރީރުތައް އުފެއްދުމުގައި ޝޭކްސްޕިއަރގެ މައިގަނޑު
މަސްދަރަކީ ޕްލޫޓާކްގެ "ޕެރަލަލް ލައިވްސް" ސިލްސިލާ އެވެ. ހާއްސަކޮށް ސީޒަރ،
ބްރޫޓަސް އަދި އެންޓަނީގެ ހަޔާތުނާމާ އެވެ. ޕްލޫޓާކް އުފަންވީ މި ހާދިސާގެ
ގާތްގަނޑަކަށް ނުވަދިހަ އަހަރު ފަހުންނެވެ. އޭނާއަކީ ތާރީހު ދިރާސާކުރި
ފަލްސަފާވެރިއެކެވެ. ސީޒަރ މަރާލުމުގެ ހާދިސާ ހިނގިއިރު ދުނިޔޭގައި ތިބި ބަޔަކާ ޕްލޫޓާކްއާ
ބައްދަލުވި ކަމުގެ ހެއްކެއް ނެތެވެ. އޭނާއަށް އެ މައުލޫމާތު އެއްކުރެވޭނީ އެ
ހާދިސާގެ ފަހުން ތިންވަނަ ޖީލަށް ނަގުލުވެފައި ހުރި ވާހަކަތަކުންނެވެ. އޭނާގެ
ދިރާސާތަކަށްފަހު އޭނާ ވަނީ ސީޒަރ މަރާލުމާ ގުޅޭގޮތުން ހިނގި ކަންތައްތަކާއި އޭގެ ފަހުން
ކަން ހިނގައިދިޔަގޮތް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ. އޭނާގެ ހޯދުންތަކުން
ސާބިތުވާ ގޮތުގައި، ބްރޫޓަސް މަސައްކަތްކުރީ އެ ގަތުލަކީ ރިޕަބްލިކްގެ ދިފާއުގައި ކުރި
ކަމެއްގެ ގޮތުގައި ދެއްކުމަށެވެ. ރައްޔިތުން އެކަމާ ދެކޮޅު ހެދީ އެންޓަނީގެ ތަގުރީރަށް
ފަހުގަ އެވެ.
އެންތަނީގެ ބަސްތަކާއި ސީޒަރގެ ފައިސާ؛
އާންމުންގެ ވިސްނުން ބަދަލުވީ ކޮން ކަމަކުން؟
އެންޓަނީގެ އަސަރު ގަދަ ތަގުރީރު ނިންމަމުން އޭނާ ނެގީ ސީރަޒގެ ވަސިއްޔަތު
ނާމާ އެވެ. އެ ވަސިއްޔަތުގައިވާ ގޮތުން، ރޫމުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ވަކި
އަދަދަކަށް ފައިސާ ދިނުމަށް ސީޒަރ އޮތީ ވަސިއްޔަތްކޮށްފަ އެވެ. އަދި އޭނާއަށް
މިލްކުވެގެންވާ ބަގީޗާތަކުގެ ތެރެއިން ބައެއް ބަގީޗާތައް ވެސް ރައްޔިތުންގެ އާންމު
މަންފާއަށް ބޭނުންކުރުމަށް އޮތީ ހުއްދަ ދީފަ އެވެ. ރައްޔިތުން ކެކިއަރައިގަތީ މި
ވާހަކައަށް ފަހުގަ އެވެ. އެ ހިސާބުން އުފެދޭ ސުވާލަކީ، ރޫމުގެ ރައްޔިތުން
ބުރޫޓަސްއާ ދެކޮޅުވެރިވީ އެންޓަނީގެ ތަގުރީރުގެ ސަބަބުން ހެއްޔެވެ؟ ނުވަތަ ސީޒަރ ރައްޔިތުންނަށް
ދޫކުރި ފައިސާ ނުވަތަ 'ރިޝްވަތުގެ' ސަބަބުން ހެއްޔެވެ؟ އެންޓަނީ ހަގީގަތުގައި
އެކުރި ކަމަކީ ރައްޔިތުންގެ ހިތްތައް ބަދަލުކުރުމަށް ފައިސާގެ ނުފޫޒު ބޭނުންކުރުން
ހެއްޔެވެ؟
މީގެ ކުރު ޖަވާބަކީ، މި ދެ ކަންތަކަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމެވެ.
ހަމައެކަނި ފައިސާ އަކުން އެ ބަދަލެއް ނުގެނެވުނީހެވެ. އެންޓަނީގެ ތަގުރީރުގެ ކާމިޔާބީއަކީ
އެ ފައިސާގެ މުހިންމުކަން އާންމުންނަށް ވިސްނައިދިނުމެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، އެންޓަނީ އޭނާގެ
ތަގުރީރު ފަށަނީ ވަސިއްޔަތުގެ ވާހަކައިން ނޫންކަމެވެ. އޭގެ ބަދަލުގައި، އޭނާ ގިނަ
ވަގުތު ހޭދަކުރަނީ ސީޒަރއާ މެދު އާންމުން ދެކޭ ގޮތް ބަދަލުކުރުމަށެވެ. ސީޒަރގެ 'ލަފާފުޅާއި
އިރުޝާދުގެ ދަށުން' ރޫމަށް ހޯދައިދިން މުއްސަނދިކަމާއި، ފަގީރުންނަށް ބެހެއްޓި
އޯގާތެރިކަމާއި، ރަސްކަމުގެ ތާޖު ހުށަހެޅުމުން އެކަމަށް ތަކުރާރުކޮށް
އިންކާރުކުރިކަން އޭނާ ހަނދާންކޮށް ދެ އެވެ. ސީޒަރުގެ ހަށިގަނޑުގައި ހުރި ޒަހަމުތައް
ދައްކައި، އޭނާގެ މަރާ މެދު ހަމްދަރުދީ އުފައްދައި، ސީޒަރަކީ އަމިއްލަ އެދުމުން
ފުރިގެންވި މީހެއް ކަމަށް ބްރޫޓަސް ބުނި ބުނުމާ މެދު ސުވާލު އުފެއްދުމަށް
އާންމުންނަށް ބާރުއަޅަ އެވެ. ވަސިއްޔަތުގެ ވާހަކަ އެންޓަނީ ހާމަކުރަނީ،
ބްރޫޓަސްގެ ވާހަކަތަކާ މެދު އާންމުންގެ ހިތުގައި ޝައްކު އުފެދުމުން، އެންމެ
ފަހުންނެވެ.
އެ ހާލަތުގައި އެ ފައިސާ ވަނީ
ހަމައެކަނި މާލީ ހަދިޔާއަކަށް ނޫނެވެ. އޭގެ ބަދަލުގައި އެއީ އާންމު
ރައްޔިތުންނަށްޓަކައި މިފަދަ ވަސިއްޔަތެއް ކުރި މީހަކީ، ބުރޫޓަސް އެ ބުނާ ފަދަ
އަމިއްލަ އެދުމުން ފުރިގެންވާ އަނިޔާވެރިއަކަށް ނުވެދާނެ ކަމުގެ ހެއްކެކެވެ. ވަސިއްޔަތެއް އިޮތް އޮތުމަކީ ހަގީގަތެކެވެ. ސީޒަރގެ ދީލަތިކަމަކީވެސް ހަގީގަތެކެވެ. ނަމަވެސް،
ހަމައެކަނި ހަގީގަތަކުން އާންމުންގެ ވިސްނުމެއް ބަދަލެއް ނުކުރެވުނީހެވެ. އެންޓަނީގެ
ކާމިޔާބީއަކީ އެ ހަގީގަތްތައް އަސަރުގަދަ ވާހަކައެއްގެ ސިފައިގައި ހުށަހެޅުމެވެ.
ބްރޫޓަސް، ސީޒަރ ސިފަކުރީ މިނިވަންކަމަށް
އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ. އެންޓަނީ، ސީޒަރ ސިފަކުރީ ވަފާތެރި
އެކުވެރިއެއްގެ ގޮތުގަ އެވެ. ރައްޔިތުންނަށް ހެޔޮއެދޭ، އަދި ބައެއްގެ
ބޭވަފާތެރިކަމުން ޒަހަމުވި މަޒުލޫމެއްގެ ގޮތުގަ އެވެ. ދެމީހުންވެސް ބޭނުންކުރީ
ސީޒަރގެ ދިރިއުޅުމުގެ ހަގީގަތްތަކެވެ. ނަމަވެސް، ކޮންމެ މީހަކުވެސް އެ
ހަގީގަތްތައް ހުށަހެޅީ ތަފާތު ނަޒަރިއްޔާއަކުންނެވެ.
މި ތަގުރީރުން ރޫމުގެ ތާރީހަށް ފޯރުވި އަސަރު
ސީޒަރގެ މަރަށް ފަހު، އޭނާގެ ގާތިލުންގެ
ފަރާތުން ބުރޫޓަސް ދެއްކި ވާހަކަ ރައްޔިތުން ތިބީ ގަބޫލުކޮށްގެންނެވެ. އެ
ވާހަކައަށްފަހު، އެންޓަނީ ތަގުރީރު ނުކުރިނަމަ ސީޒަރގެ ތާރީހު ލިޔެވިފައި އޮތީހީ ނިކަން
ތަފާތު ގޮތަކަށެވެ. އެ ހިސާބުން އެކަން ނިމުނު ނަމަ ތާރީހުގައި ބަތަލަކަށް ވީހީ
ބުރޫޓަސް އެވެ. ސީޒަރ ވާނީ ލޭ ހަލާލުވެގެންވާ ޖައްބާރު ނުލަފާ ވެރިޔަކަށެވެ.
މިކަން ބަދަލުވީ މާކް އެންޓަނީގެ އެ ތަގުރީރުގެ
ސަބަބުންނެވެ. އެ ތަގުރީރުގައި އަސްލު ބޭނުންކުރީ ކޮން ލަފުޒުތަކެއްކަން އެނގެން
ނެތްނަމަވެސް، ބުރޫޓަސްއާ ރައްޔިތުން ދެކޮޅުވެރިވެ، ސީޒަރގެ މަރުގެ ބަދަލު ހިފަން
ބޭނުންވީ މި ތަގުރީރަށްފަހުގައި ކަމީ ތާރީހީ ހަގީގަތެކެވެ. އެހެންވީމާ، ޖޫލިޔަސް
ސީޒަރއާއި ރޫމުގެ ތާރީހު މިހާރު މިކިޔާ ގޮތަށް މި ކިޔެނީ މާކް އެންޓަނީގެ
ތަގުރީރުގެ ސަބަބުން ކަމަށް ނުނިންމޭނެ ހެއްޔެވެ؟
މާކް އެންޓަނީގެ ތަގުރީރުގެ ތަރުޖަމާކުރެވޭތޯ
ބެލުން
"އެކުވެރިންނޭ، ރޫމުގެ ރައްޔިތުންނޭ،
ގައުމުގެ މީހުންނޭ، އަހުރެންގެ ވާހަކަ ކަނުލާ އަޑުއަހާ! އަހުރެން މިއައީ ސީޒަރ
ވަޅުލުމަށް! އޭނާއަށް ތައުރީފުކުރާކަށް ނޫން!
އިންސާނުން ކުރާ ނުބައި އަމަލުތައް އޭނާ
މަރުވުމަށްފަހު ވެސް ދުނިޔޭގައި ދެމިހުރޭ. އެހެންނަމަވެސް އޭނާގެ ހެޔޮ
އަމަލުތަކަކީ އޭނާ މަރުވުމުން، ގިނަ ފަހަރަށް، އޭނާގެ ކަށްޓާއެކު ފީވެގެންދާ ކަންކަމަށް
ވެގެންދޭ! ވީމާ ސީޒަރގެ އަމަލުތަކާ މެދު ވެސް މިގޮތަށް ވިޔަދެމާ!
މާތް ބްރޫޓަސް ތިޔަބައިމީހުން ގާތުގައި ބުނާގޮތުން
ސީޒަރއަކީ ބާރުވެރިކަމަށް ދަހިވެތިކަން ބޮޑު މީހެއް! އެއީ ތެދެއް ކަމުގައިވާނަމަ ސީޒަރ
އެކުރީ ބޮޑުވެގެންވާ ކުށެއް! އެކުށުގެ ނަތީޖާއަށް ސީޒަރ އެ ވަނީ ބޮޑު އަގެއް
ދައްކާފަ!
އަހަރެން މިތަނަށް މިއައީ ބްރޫޓަސް އާއި
އެހެން ބޭފުޅުންގެ ވެސް ހުއްދައާއެކު، ސީޒަރގެ ޖަނާޒާގައި ބަސް ބުނުމަށް!
ބްރޫޓަސްއަކީ މާތް ބޭފުޅެއް! އަދި އޭނާގެ ބައިވެރިންނަކީ ވެސް އެފަދަ އިއްޒަތްތެރި،
ޝަރަފުވެރި މާތް ބޭފުޅުން.
ސީޒަރއަކީ އަހުރެންގެ އެކުވެރިއެއް. އަހުރެންނަށް
ވަފާތެރި، އަދި އަހުރެންނާމެދު އިންސާފުން ކަންކުޅަ ބޭފުޅެއް. އެހެންނަމަވެސް ބްރޫޓަސް
އެ ވިދާޅުވަނީ ސީޒަރއަކީ ބާރުވެރިކަމަށް ދަހިވެތިކަން ބޮޑު މީހެއް ކަމަށް.
ބުރޫޓަސް އަކީ ޝައްކެއް ވެސް ނެތް، މާތް ބޭފުޅެއް!"
ސީޒަރ ވަނީ ހަނގުރާމަތަކުގައި އެތައް
އަސީރުންނެއް ރޯމަށް ގެނެސްފަ! މި ރޫމުގެ ހަޒާނާތައް ފުރާލެވިފައި އެވަނީ އެ
އަސީރުން މިނިވަންކުރުމަށް ފިދުޔައިގެ ގޮތުގައި ލިބުނު ފައިސާއިން. މިއީ ބާރުގެ
ދަހިވެތިކަމުގެ އަލާމާތެއްތޯ؟
މި ރޫމުގެ ކޮންމެ ފަގީރެއްގެ ހިތާމައިގައި އެމީހަކާއެކު
ސީޒަރ ބައިވެރިވެ ކަރުނަ އެޅި! ބާރުވެރިކަމުގެ ދަހިވެތިކަން ހުންނަ މީހުން
އެއަށްވުރެ ހިތްހަރުވާން ނުޖެހޭތޯ؟
އެހެންނަމަވެސް ބްރޫޓަސް އެ ވިދާޅުވަނީ ސީޒަރއަކީ
ބާރުވެރިކަމަށް ދަހިވެތިކަން ބޮޑު މީހެއް ކަމަށް. ބުރޫޓަސް އަކީ ޝައްކެއް ވެސް
ނެތް ގޮތުގައި މާތް ބޭފުޅެއް!
ދީނީ އީދުގެ އިހުތިފާލުތަކުގެ ތެރޭގައި
އަހަރެން ސީޒަރއަށް ތިން ފަހަރު ރަސްކަމުގެ ތާޖު ހުށަހެޅި މަންޒަރު ތިޔަބައިމީހުން
ނުދެކެންތޯ؟ އެ ތިން ފަހަރުވެސް އޭނާ އެކަމަށް ކުރީ އިންކާރު. ބާރުގެ ދަހިވެތިކަން
ހުރި މީހެއްގެ ކިބައިން ފެންނާނީ މިކަހަލަ ލިސާނެއްތޯ؟ އެހެނަސް ބްރޫޓަސް އެ ވިދާޅުވަނީ
ސީޒަރއަކީ ބާރުވެރިކަމަށް ދަހިވެތިކަން ބޮޑު މީހެއް ކަމަށް. ބުރޫޓަސް އަކީ ޝައްކެއް
ވެސް ނެތް، މާތް ބޭފުޅެއް!
އަހުރެން މި ވާހަކަތައް މި ދައްކަނީ ފަހަރެއްގައި
ވެސް ބްރޫޓަސްގެ ބުނުންތައް ދޮގު ކުރާކަށް ނޫން! ނަމަވެސް އަހުރެންނަށް އެނގިހުރި
ހަގީގަތްތައް ހާމަކުރުމަށް!
ކަލޭމެން އެންމެން ވެސް މީގެ ކުރިން ސީޒަރ
ދެކެ ލޯބިވި. ސަބަބުތަކެއް ނެތިއެއް ނޫން. ވީއިރު މިއަދު އޭނާގެ މަރާމެދު
ހިތާމަކުރުމަށް ކަލޭމެންނަށް ހުރަސް އަޅާ ސަބަބަކީ ކޮބާ؟
 އޭ އިންސާފާއި
ހަމަ ބުއްދިއާ! ތިބާ ތިޔަވަނީ އިންސާނީ ކުލަވަރު ދޫކޮށް، ވަލު ޖަނަވާރުންގެ އުސޫލު
ގެނެސްގެންފަ! އިންސާނުންނަކީ ވިސްނުމުގެ ގާބިލުކަން ނެތް، ހަމަ ބުއްދިއާ ރުޅި
ބަޔަކަށް ވެއްޖެ!
އަހަރެންގެ ހިތް އެ ވަނީ ސީޒަރއާއެކު އޭނާގެ
ސަންދޯކުގައި. އެ ހިތް އަނބުރާ އަހަރެންގެ ގާތަށް އަންނަންދެން އަހަރެން ހިނދުކޮޅަކަށް ހިމޭންވެލަންޖެހޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ