ރައްޔިތުން ބޭނުންވާ ބަދަލު އެމްޑީޕީން ގެނެސްދޭނެ؛ ނަޝީދު

ރައްޔިތުން ބޭނުންވާ ބަދަލު އިދިކޮޅު އެމްޑީޕީން ގެނެސްދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 
ނަޝީދު އެކްސް ގައި ވިދާޅުވީ 2008 ވަނަ އަހަރު ވުޖޫދުކުރި ގާނޫނުއަސާސީގެ އަމާޒަކީ ތިން ބާރު ވަކިކުރުން ކަމަށްވީ ނަމަވެސް އެކަން ހާސިލު ނުކުރެވުނު ކަމަށެވެ. 
ރިޔާސީ އިންތިހާބާއެކު ސަރުކާރު ހިންގާ ޕާޓީއަށް މަޖިލިސްގެ ބޮޑު އަގުލަބިއްޔަތެއް ހޯދޭ ކަމަށާއި އެއާއެކު ރައީސްގެ ބާރުގެ ދަށަށް ހުރިހާ ބާރެއް ގެންދެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. 
"2008 ވަނަ އަހަރުގެ ގާނޫނުއަސާސީގެ އަމާޒަކަށްވީ ތިން ބާރު ވަކިކުރުން. އެކަމެއް ނުވި. ރައީސްގެ އިންތިހާބާއެކު ރައީސްގެ ޕާޓީއަށް މަޖިލިސް ބޮޑު އަގުލަބިއްޔަތު ގެނެވޭ. އެއާއެކު ހުރިހާ ބާރެއް ރައީސްގެ އަތްދަށަށް ގެންދެވޭ. ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯވޭ. ރާއްޖެއަށް އަނެއްކާވެސް ބަދަލުތަކެއް ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ. 
ނަޝީދު އިތުރަށް ވިދާޅުވީ ގާނޫނުއަސާސީ މިހާރު އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވޭކަމަށެވެ. 
ދިވެހިރާއްޖޭގެ ވެރިކަން ކުރާ ބީދައަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، "ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ނިޒާމީ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ.  
ނަޝީދާއި ފައްޔާޒްގެ ފަރާތުން ހުށަހެޅި އެންމެ ބޮޑު ބަދަލަކީ ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމެވެ. އެބޭފުޅުން ވިދާޅުވީ އެއީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމެއް ވެސް ނޫން ކަމަށާއި އެއީ ރާއްޖެއަށް ފައްކާކޮށްފައިވާ މުޅިން އާ ގޮތްތަކެއް ކަމަށެވެ.
 ގާނޫނުއަސާސީގައި އެކަށައަޅާފައިވާ މައިގަނޑު އުސޫލުތައް ރައްކާތެރި ކުރުމަށާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް މަޖިލީހާއި ވެރިކަން ކުރާ ފަރާތުގެ ބާރު ނުހިންގޭނެ ގޮތަށް ނިޒާމު ބަދަލު ކުރުން ވެސް "ބޮޑު ބަދަލު" ގެ ތެރޭގައި ހިމެނެ އެވެ. 
ފައްޔާޒް އާއި ނަޝީދުގެ ހުށަހެޅުއްވުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ކުރުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ތަމްސީލު ކުރެވޭނެ ގޮތެއް ހަދައި، މަޖިލިސް މެންބަރުން ރިކޯލް ކުރެވޭނެ މަގު ފަހި ކުރުން ވެސް އެ ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ. 
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވީ ބޮޑު ބަދަލުގައި ހުރި ކަންކަން ހުށަހަޅުއްވައި ޕާޓީ މެންބަރުންގެ ތާއީދު ހޯއްދަވައިގެންނެވެ. އެއާއެކު ބޮޑު ބަދަލުގެ ނަމުގައި އެމްޑީޕީގައި މިހާރު އޮފީހެއްވެސް ވަނީ ގާއިމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ