ފީފާ ވަރލްޑްކަޕްގައި ޖޮނަތަން ޑޭވިޑްގެ ހެޓްރިކާއެކު ޤަތަރު އަތުން ކެނަޑާ ހަ ލަނޑުގެ މޮޅެއް ހޯދައިފިއެވެ.
ގްރޫޕް ބީގައި ޤަތަރުގެ މައްޗަށް ކެނެޑާއިން ކުރި ހޯދީ 6-0 ނެވެ. ކެނެޑާއިން ކޮންމެ ހާފެއްގައި ދެ ލަނޑު ޖެހި މެޗުގައި ޤަތަރުގެ ދެ ކުޅުންތެރިއަކަށް ރަތްކާޑް ދެއްކިއެވެ. މެޗު ފަށައިގެން 16 ވަނަ މިނިޓްގައި ކެނެޑާއަށް ލީޑް ނަގައިދިނީ ކައިލް ލާރިން އެވެ. ކެނަޑާއަށް ފުރަތަމަ މެޗުގައިވެސް ލަނޑު ޖަހައިދިނީ އޭނާއެވެ. ފުރަތަމަ ހާފްގައި ދެވަނަ ލަނޑާއި ތިންވަނަ ލަނޑުވެސް ޖެހީ ޖޮނަތަން ޑޭވިޑްއެވެ. ފުރަތަމަ ލަނޑަކީވެސް ޖޮނަތަން ޑޭވިޑް ފޮނުވާލި ބޯޅައެއް ކީޕަރު މަތަކުރުމުން ނިކުއިން ވަގުތު ލާރިން ގޯލަށް ފޮނުވާލި ބޯޅައެކެވެ. ޖޮނަތަން ޑޭވިޑް އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. އެއީ ކެނެޑާއިން ޖެހި ހަވަނަ ލަނޑެވެ. އޭގެކުރިން ދެވަނަ ހާފްގައި ލަނޑު ޖެހީ ނަތަން ސަލީބާއެވެ. އަދި އަނެއް ލަނޑަކީ ޝަފެލްބާގް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަން ލަނޑެެކެވެ.
ހިލޭ ޖެހުމަކުން ސަލީބާ ލަނޑުޖެހީ އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުނު މިޑްފީލްޑަރ އިސްމާއީލް ކޯނޭގެ ބަދަލުގައެވެ. ލަނޑަށްފަހު އޭނާ ކޯނޭގެ ޖަރޒީ ދައްކާލާ ލަނޑު އޭނާއަށް ޚާއްޞަ ކުރިއެވެ. އިސްމާއީލް ކޯނޭއަށް ކުރި ފައުލާ ގުޅިގެން ޤަތަރުގެ އާސިމް މަދީބޯއަށް ރަތްކާޑް ދެއްކިއެވެ. ފުރަތަމަ ރީނދޫ ކާޑް ދެއްކުމަށްފަހު ރަތްކާޑް ދެއްކީ ރީނދޫ ކާޑް ކެންސަލް ކުރުމަށްފަހުއެވެ. އަނިޔާގެ ސަބަބުން އިސްމާއީލް ކޯނޭއަށް މުބާރާތުގައި ދެން ކުޅެވިދާނެކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. އޭނާއަކީ ކެނަޑާ ކުޅުނު ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.
މިމެޗުގައި ޖެހި ހަ ލަނޑާއެކު މިނަތީޖާ ވެފައިވަނީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއަށެވެ. ދެ މެޗުން ހަތަރު ޕޮއިންޓާއެކު ގޯލްގެ ތަފާތުން ކެނަޑާ އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ ސްވިޒަރލެންޑެވެ.
ޤަތަރަށް ދެ ރަތްކާޑް، ޖޮނަތަން ޑޭވިޑްގެ ހެޓްރިކާއެކު ކެނަޑާއަށް 6 ލަނޑުގެ މޮޅެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ