އިރާނުގެ ޓީމު މެކްސިކޯ އަށް އަތުވެއްޖެ

ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯ އަށް އަތުވެއްޖެ އެވެ.
މި ފަހަރުގެ ވޯލްޑްކަޕްގައި ވާދަކުރާ 48 ގައުމުގެ ތެރެއިން އެންމެ ބޮޑު އުނދަގޫ ތަކަކާއި ތުރާތަކެއް ތަހައްމަލު ކުރަމުންދާ އިރާނުގެ ފުޓްބޯޅަ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ތިން މެޗު އެމެރިކާގައި ކުޅޭ ގޮތަށް އޮތް ނަމަވެސް ވިސާ ހޯދުމުގައި ދިމާވި ގޮންޖެހުންތަކާއިއެކު ވަނީ މެކްސިކޯ ގައި ބޭސް ވުމަށް ނިންމާފަ އެވެ.
އެމެރިކާ އާއި މެކްސިކޯ ގުޅޭ ސަރަހައްދެއް ކަމުގައިވާ ތިހުއާނާގައި އިރާނުގެ ޓީމު ބޭސް ވުމަށް ނިންމާފައިވާއިރު މެޗު ކުޅޭ ކޮންމެ ދުވަހަކުވެސް އިރާނުގެ ޓީމު ހެނދުނު އެމެރިކާއަށް ދިއުމަށްފަހު މެޗު ނިމޭ ގޮތަށް އަނބުރާ މެކްސިކޯ އަށް ދާނެ އެވެ.
އިރާނާއި އެމެރިކާ އާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިރާނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާއިރު, ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ޓީމުގެ މެމްބަރުންނަށްވެސް ވަނީ އެ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިފަ އެވެ.
އިރާނުގެ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް އެމެރިކާ އިން ވިސާ ދިން ނަމަވެސް ބައެއް އޮފިޝަލުންނާއި އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ވެރިންނަށް އެމެރިކާއިން ވިސާ ދީފައެއް ނުވެއެވެ.
އެމެރިކާ އިން ބުނެފައިވަނީ އިރާނުގެ ކުޅުންތެރިންގެ ފަރާތުން ނުރައްކަލެއް ނެތްކަން ޔާގީން ވާތީ ކުޅުންތެރިންނަށް ވިސާ ދީފައިވާ ކަމަށެވެ. ނަމަވެސް އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޮޕްސްގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ ފަރާތްތަކެއްވެސް ޓީމުގެ މެމްބަރުންގެ ގޮތުގައި ހިމެނޭ ކަމަށް ބުނެ އެފަރާތްތަކަށް ވިސާ އެމެރިކާއިން ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ