ދޮންދަރިއާ ބެހުނު ދޮންބައްޕަގެ މައްސަލަ އަލުން ބަލަން އަންގައިފި، ބޮޑު ހުކުމެއް އަތުވެދާނެ
ދޮންދަރިއާ ބެހުނު ދުވަސްވީ ދޮންބައްޕަގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ. މިއީ ދެކުނުގެ ރަށެއްގައި، ދޮންބައްޕައަކު އޭނާގެ އަންހެން ދޮންދަރިއާ ބެހުނު މައްސަލައެކެވެ. ދެހާސްއެކާވީސް ވަނަ އަހަރުގެ މި ހާދިސާއާ ގުޅިގެން ދައުލަތުން އުފުލި، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، ދަށު ކޯޓުން އޮތީ ސާބިތުނުވެއެވެ. ދަށު ކޯޓުން މައްސަލަ ސާބިތުނުވީ، ތަހުގީގު ކުރުމުގެ މުއްދަތު ފާއިތުވި ފަހުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބަލައިގެން ދަޢުވާ ކޮށްފައިވާ މައްސަލައެއް ކަމުގައި ބުނެއެވެ. އެކަމަކު ދަށު ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުންވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފައެވެ. މި ގޮތަށް އެންގީ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އާއްމުކޮށް ހުޅުވައިނުލަ ކުރިއަށް ގެންދިޔަ މި މައްސަލައިގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދޮންބައްޕަވަނީ، އަންހެން ކުއްޖާ ދިރިއުޅޭ ކޮޓަރީގެ އެނދުގައި އޮތްވައި، އެ ކުއްޖާގެ އުރަމަތީގައާއި ކުއްޖާގެ ކުރިމަތި ފަރާތުގައި އަތްލާފައެވެ. އަދި އެކަން އެކި ދުވަސްމަތިން ތަކުރާރުކުރިކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ވަރަށް ބޮޑު ކުށެކެވެ. މި ކުށުގެ ދައުވާ އާންމުކޮށް އުފުލަނީ އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގައިފިނަމަ އެއީ ކުށެއް ކަމަށެވެ. އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މިއީ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އެންމެ ހަރުކަށި އެއް އަދަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ