ފިޗުން ބީއެމްއެލްގެ ލޯންގް ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް CCC- ގައި ކަނޑައަޅައިފި!

ފިޗް ރެޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސްގެ ލޯންގް ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް (އައިޑީއާރު) CCC- ގައި ކަނޑައަޅައި، އައުޓްލުކް ”ސްޓޭބަލް“ ކޮށްފިއެވެ.
ބީއެމްއެލް އިން ބުނެފައި ވަނީ ލޯކަލް ކަރަންސީ ލޯންގް ޓާމް ”CCC+“ ގައި ކަނޑައަޅާފައިވާ ކަމަށާއި މިއީ ދައުލަތުގެ ކްރެޑިޓް ރޭޓިންގް އަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގް އެއްކަމަށެވެ. މިއިން ދޭހަކޮށްދެނީ ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަމާއި، އަދި ހީނަރުކަމެއްގެ ތެރޭގައިވެސް ސާބިތުކަމާއެކު ދެމިއޮތުމުގެ ގާބިލުކަން ހުރި މިންވަރު ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ފިޗްގެ މި ވަޒަންކުރުމުގައި، ދިވެހިރާއްޖޭގެ ބޭންކިންގ ދާއިރާގައި ބޭންކް އޮފް މޯލްޑިވްސްއަށް އޮތް އިތުބާރާއި، މާކެޓުގައި އެ ބޭންކުން އަދާކުރާ އިސް ދައުރާއި، ލިބިފައިވާ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ އެ ބޭންކުގެ ފުޅާ ނެޓްވޯކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށް، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކުންފުނިތަކަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ބޭންކުގެ މާކެޓް ލީޑަޝިޕާއި މަސައްކަތުގެ ފުޅާމިނަކީ އެހެން ބޭންކުތަކާ އަޅާބަލާއިރު ލިބިފައިވާ ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ބޭންކުގެ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓުމަށް މަގުފަހިވާ މުހިންމު ސަބަބެއް ކަމަށް ފިޗް އިން ފާހަގަކުރެއެވެ.
ބީއެމްއެލް އިން ބުނީ މި ރޭޓިންގް ދީފައިވަނީ 3 ޖޫން 2026 ގައި ދިވެހި ދައުލަތުގެ ސޮވަރިންގ ލޯންގް-ޓާމް ފޮރިން ކަރަންސީ ރޭޓިންގް CCC- އަށް މަތިކުރުމާ ގުޅިގެން ކަމަށެވެ. މީގެ އެންމެ މުހިންމު ސަބަބަކީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވުން ކަން އެ ކުފުނިން ފާހަގަކުރިއެވެ. މީގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގެނެވުނު މުހިންމު އިސްލާހުތަކާއި، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށުމަކީ ވެސް މި ރޭޓިންގް މަތިކުރުމަށް މަގުފަހިވި މުހިންމު ސަބަބުތަކެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެވެ. އާންމު އުސޫލުން ދައުލަތުގެ ރޭޓިންގްއަށްވުރެ މަތީ ރޭޓިންގްއެއް އެ ގައުމެއްގެ މާލީ އިދާރާތަކަށް ނުލިބޭތީ، ބީއެމްއެލްގެ މާލީ ހާލަތު ވަރުގަދަ ނަމަވެސް، ބޭންކުގެ ރޭޓިންގް ބިނާވެފައިވަނީ ދައުލަތުގެ ރޭޓިންގްގެ މައްޗަށެވެ.
ބޭންކުގެ ރޭޓިންގް ވަރުގަދަވުމުގެ މުހިންމު އެއް ސަބަބެއްގެ ގޮތުގަ ފިޗް އިން ފާހަގަކޮށްފައިވަނީ ބޭންކުގެ ރަނގަޅު ކެޕިޓަލް މިންވަރެވެ. ބޭންކުން ހޯދާ އާމްދަނީން ކެޕިޓަލް ވަރުގަދަކުރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ އިތުރުން، ޑިވިޑެންޑް ބެހުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ސަބަބުން، އިގްތިސާދީ ކުރިއެރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދެމުންވެސް ބޭންކުގެ ރިޒާވް ވަރުގަދަކޮށް ބެލެހެއްޓިފައިވާ ކަމަށް ފިޗް އިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ބޭންކުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް ފިޗް އިން ރިއާޔަތްކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތަދުކަމުގެ ސަބަބުން ބޭންކިންގ ދާއިރާގެ ފަންޑިންގ އަދި ލިކުއިޑިޓީއަށް ބާރުބޮޑުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިފަދަ ގޮންޖެހުންތަކާއެކުވެސް ބީއެމްއެލްގެ ވަރުގަދަ ޑިޕޮސިޓް ބޭސްއާއި ހަރުދަނާ ލިކުއިޑިޓީ މެނޭޖްމަންޓުގެ ސަބަބުން ބޭންކުން އަންނަނީ ހަރުދަނާކަމާއެކު މަސައްކަތް ކުރަމުން ކަމަށް ވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމުގައާއި، އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވުމުގައި ބީއެމްއެލް އިން އަދާކުރަނީ މުހިންމު ފައުރެއް ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.
ފިޗް އިން އިތުރަށް ފާހަގަކުރި ގޮތުގައި ބީއެމްއެލްގެ ލޯނުތައް ބޮޑަށް އަމާޒުވެފައިވަނީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ކުޑަ އިގްތިސާދެއްގައި މިފަދަ ކޮންސެންޓްރޭޝަނެއް ހުރުމަކީ އާންމު ކަމަކަށްވެފައި، ބޭންކުގެ ތަޖުރިބާއާއި ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން މިކަންކަން ހަރުދަނާކަމާއެކު މެނޭޖްކުރެވޭ ކަމަށް ފިޗް އިން ގަބޫލުކުރާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ