ކުރިއަށްވުރެ އެޕްތައް ހުޅުވޭލެއް 30 އިންސައްތަ އަވަސް "އައިއޯއެސް 27" އާއި މެކްއޯއެސް ގޯލްޑަން ގޭޓް އިއުލާންކޮށްފި
އެޕަލްގެ އަހަރީ ޑިވެލޮޕަރުންގެ ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ 2026) ރަސްމީކޮށް ކެލިފޯނިއާގެ އެޕަލް ޕާކުގައި ފަށައި، އެޕަލްގެ އުފެއްދުންތަކަށް ގެނެވޭ އެންމެ ފަހުގެ ބޮޑެތި ސޮފްޓްވެއާ ބަދަލުތައް ދައްކާލަން ވަނީ ފަށާފައެވެ. "އޯލް ސިސްޓަމްސް ގްލޯ" ގެ ނަމުގައި ކުރިއަށްދާ މި އިވެންޓަކީ އެޕަލްގެ ސީއީއޯ ޓިމް ކުކްގެ އިރުޝާދުގެ ދަށުން ބޭއްވޭ 15 ވަނަ އަދި އޭނާގެ އެންމެ ފަހުގެ ޑަބްލިއުޑަބްލިއުޑީސީ އިވެންޓެވެ. އިވެންޓުގައި އެންމެ ފުރަތަމަ އިއުލާންކުރި މެކް ކޮމްޕިއުޓަރުތަކުގެ އައު އޮޕަރޭޓިން ސިސްޓަމަށް ދީފައިވާ ރަސްމީ ނަމަކީ މެކްއޯއެސް ގޯލްޑަން ގޭޓް އެވެ. މި ސޮފްޓްވެއާއާއެކު އެޕަލް އިން ވަނީ މިދިޔަ އަހަރު ތައާރަފްކުރި "ލިކުއިޑް ގްލާސް" ޑިޒައިނަށް ޔޫޒަރުންގެ ފީޑްބެކަށް ބަލައި ބޮޑެތި ބަދަލުތަކެއް ގެނެސް، ލިޔުންތައް ކިޔަން މާ ފަސޭހަވާނެހެން ރަނގަޅުކޮށްފައެވެ. މީގެ އިތުރުން ޔޫޒަރުން ބޭނުންވާ ގޮތަކަށް ގްލާސް އިފެކްޓް ބަދަލުކުރެވޭ އައު 'ސްލައިޑާ' އެއް ސެޓިންގްސްއަށް އިތުރުކޮށް، އެޕްތަކުގެ ޓޫލްބާ އެއްގޮތްކޮށް، ސައިޑްބާ މުޅިން ސްކްރީނުގެ ކޮޅުތަކަށް ފެތުރޭ ގޮތް ހަދައި، މަސައްކަތްކުރާއިރު ސަމާލުކަން ގެއްލުން ކުޑަކޮށްދީފައެވެ. އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެޕަލް އިން ތައާރަފްކުރި އައިއޯއެސް 27 އާއެކު ސިސްޓަމްގެ ޕާފޯމަންސަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އައު އޮޕަރޭޓިން ސިސްޓަމްގައި އެޕްތައް ހުޅުވޭލެން 30 އިންސައްތަ އަވަސްވާނެއެވެ. އަދި ފޮޓޯއެއް ނެގުމަށްފަހު ލައިބްރަރީއަށް އަންނަ ދުވެލި 70 އިންސައްތައަށްވުރެ ހަލުވިވެ، އެއާޑްރޮޕްގެ ދުވެލިވެސް ވަނީ މާ އަވަސްކޮށްފައެވެ. ސިސްޓަމްގެ ރެސްޕޮންސިވްނަސް އިތުރުކުރުމަށްޓަކައި އެޕަލް އިން ވަނީ ސީޕީޔޫ ޔޫސޭޖް އަދި މެމޮރީ މެނޭޖްމަންޓްގެ އަސާސީ ބައިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސިސްޓަމް އެނިމޭޝަންތައް މާ އޮމާންކޮށްފައެވެ. އެޕަލް އިން ވަނީ ބައު އައިފޯންތައް ބޭނުންކުރާ މީހުންނަށް ވެސް އުފާވެރި ޚަބަރެއް ދީފައެވެ. އައިފޯންގެ ސީޕީޔޫ ކަންކަން ތަރުތީބުކުރާ ނިޒާމު ނުވަތަ ސީޕީޔޫ ޝެޑިއުލާ އަށް ގެނައި އަޕްޑޭޓްތަކުގެ ސަބަބުން، ކުރީގެ ބައު އައިފޯންތައް ބޭނުންކުރާއިރު ވެސް ކުރިއަށްވުރެ މާ ހަލުވިކަން ޔޫޒަރުންނަށް އިހުސާސް ކުރެވޭނެއެވެ. މީގެ އިތުރުން، އައު އައިއޯއެސް 27 ސަޕޯޓްކުރާނީ އައިފޯން 11 އިން ފެށިގެން މަތީގެ ފޯނުތަކަށެވެ. މިއީ އެޕަލްގެ ތާރީޚުގައި ވެސް އެންމެ ގިނަ ޔޫޒަރުންނަށް އެއްފަހަރާ ލިބިގެންދާ އެންމެ ބޮޑު އައިއޯއެސް ރިލީޒަށެވެ. އައިފޯން، އައިޕެޑް އަދި މެކްގައި ބޭނުންކުރާ ސާޗް ނިޒާމު (ފޮޓޯސް، ސްޕޮޓްލައިޓް، މެއިލް) މުޅިން އަލުން ބިނާކޮށް، ކުރިއަށްވުރެ ރައްކާތެރި އަދި އަވަސްކޮށްފައިވާކަން އެޕަލްގެ ސޮފްޓްވެއާ އިންޖިނިއަރިންގެ އިސްވެރިޔާ ކްރެގް ފެޑެރިގީ ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން މެސެޖްތަކުގެ އެންޑް-ޓު-އެންޑް އެންކްރިޕްޝަނާއި ސަފާރީގެ ޕްރައިވެސީ ފީޗާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެޕަލްގެ ޕްލެޓްފޯމްތަކުގެ ހެލްތު އެޕަށްވެސް ވަނީ މުހިންމު އަޕްޑޭޓެއް ގެނެސްފައެވެ. އެގޮތުން ހެލްތު އެޕްގައި މިހާރު ޕެރިމެނޯޕޯޒް އަދި މެނޯޕޯޒް ޓްރެކް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެއާޕޮޑްސް ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް ކަސްޓަމް އީކިއު ސެޓްކުރެވޭނެ ފީޗާއެއްވެސް ވަނީ ތައާރަފްކޮށްފައެވެ. ފޮޓޯސް އެޕްގެ ބޮޑު ބަދަލެއްގެ ގޮތުގައި، އެޕަލްގެ އައިކްލައުޑް ޝެއާޑް އަލްބަމްސް މިހާރު އެންޑްރޮއިޑް އަދި ވިންޑޯޒް ޔޫޒަރުންނަށްވެސް ސަޕޯޓްކުރާނެއެވެ. އަދި ޝެއަރ ކުރާ ފޮޓޯތައް އެއްވެސް ކޮލިޓީއެއް ނުގެއްލި ފުލް-ރިޒޮލިއުޝަންގައި ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން ވިޜަންއޯއެސް ގެ ސްޕޭޝަލް ސީންތައް އިތުރަށް ފުރިހަމަކޮށް، މެޕްސް އެޕްގެ ފްލައިއޯވަރ ފީޗާގެ ކޮލިޓީ ވަނީ މަތިކޮށްފައެވެ. ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެޕަލްގެ ހެލްތު ވީޕީ ޑރ. ސުމްބުލް އަހުމަދު ދެސާއީ ވިދާޅުވީ، ކުޑަކުދިންގެ ސިއްހީ އަދި ނަފްސާނީ ކުރިއެރުމަށްޓަކައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި ބައުންޑަރީސް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އެޕަލް އިން ދަނީ ބޮޑެތި މީހުންގެ ބެލުމުގެ ދަށުން ކުޑަކުދިންނަށް ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދޭނެ ވަރުގަދަ އަދި ފަސޭހަ ޓޫލްތަކެއް ތައާރަފްކުރަމުންނެވެ. އެޕަލްގެ މިއަދުގެ އިވެންޓްގައި ދެން އެންމެ ބޮޑަށް އިންތިޒާރުކުރެވެނީ އެޕަލް އިންޓެލިޖެންސް އާއި އައު ސިރީގެ ބޮޑެތި އިއުލާންތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ