4000 ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް ގޮވާލައި އިހުތިޖާޖު ކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށާއި، ކުލި ދެއްކުމުގައި ލުއިތަކެއް ދިނުމަށް އެދި ސަރުކާރަށް ގޮވާލައި ރޭ ހުޅުމާލޭގައި އިހުތިޖާޖުކޮށްފިއެވެ.
މިކަމާ ގުޅިގެން ”ފަހި ޔޫނިއަން“ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުތަކަށް ވުރެ މިހާރު ކުލި ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން، ކުރީގެ ސަރުކާރުން ދެ ކޮޓަރީގެ ފްލެޓަކަށް މެއިންޓަނެންސް ފީއާ އެކު މަހަކު 6,000ރ. އަދި ތިން ކޮޓަރީގެ ފްލެޓަކަށް 8,000ރ. ކަނޑައަޅާފައި އޮތް ނަމަވެސް، މި ސަރުކާރުން އެ އަދަދުތައް ވަނީ ދެ ކޮޓަރިއަށް 7,000ރ. އަދި ތިން ކޮޓަރިއަށް 10,000ރ. އަށް ބޮޑުކޮށްފައި ކަމަށް އެ ޔޫނިއަނުން ބުނެއެވެ.
ފަހި ޔޫނިއަންގެ މައިގަނޑު ހުށަހެޅުންތައް:
ފްލެޓްތަކުގެ ކުލި ކުރިން އޮތް އަގަށް ކުޑަކޮށްދިނުން.
ފްލެޓްތަކުގެ ޑައުންޕޭމަންޓް އުނިކޮށްދިނުން.
މިހާރު ދީފައިވާ 3 މަސްދުވަހުގެ ގްރޭސް ޕީރިއަޑް، 6 މަސް ނުވަތަ 1 އަހަރަށް އިތުރުކޮށްދިނުން.
ފްލެޓްތަކުގެ އެއްބަސްވުން ’ގަނެވިއްކުމުގެ‘ އެއްބަސްވުމަކަށް ބަދަލުކޮށްދިނުން.
ފަހި ޔޫނިއަނުން އިތުރަށް ފާހަގަކުރި ގޮތުގައި، ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން އެއީ އެ މީހެއްގެ މިލްކަކަށް ވެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން އެ ފްލެޓުތަކުގެ ކުލި ދެއްކުން ވެސް އަހަރަކަށް ފަސްކޮށްދީފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާފައިވާތީ، މި 4,000 ފްލެޓަށް ވެސް އެފަދަ ލުޔެއް ދިނުމަކީ ހަމަހަމަކަން ގާއިމުވުމަށް މުހިންމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މި މައްސަލާގައި އިދިކޮޅު އެމްޑީޕީން ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރަށް އިތުރު ބުރައެއް ނުވާނަމަ ފަހި ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭންޖެހޭ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް އާންމުން ކުރި ހަރަދު އަނބުރާ ދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން، އެ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި މިދިޔަ ހަފުތާގައި ވަނީ ކަނޑާލާފައެވެ. މި ނިންމުމާ އެކު، ފަހި ފްލެޓުތަކުގެ ވެރިން ވެސް ދަނީ އެފަދަ ލުއިތަކަކަށް އެދި އަޑުއުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ