ގަލްފް ސަރަހައްދުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އިރާނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުތައް ހިމެނޭ ޖީ7 ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސަށް ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށާއި، ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.
ތިން މަސް ދުވަހަށް ދެމިގެންދިޔަ ބްލޮކޭޑުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ކަނޑުއޮޅި ހުޅުވާލުމަށް ވެވުނު އެއްބަސްވުމަށް ޓްރަމްޕް ވަނީ ތައުރީފު ކުރައްވާފަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް އަންނަ ހުކުރު ދުވަހު ޖެނީވާގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އެއްބަސްވުމުގެ ތަފުސީލުތައް އާންމުކުރާނީ ކޮން އިރަކުންތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، ވަރަށް އަވަހަށް އެކަން ކުރާނެ ކަމަށެވެ. އަދި ހުކުރު ދުވަހަށް ފަހު، މާ ލަސްތަކެއް ނުވެ އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމާ ވަނީ އެއްބަސްވުމުގެ ތަފުސީލުތައް އާންމުކޮށް، ކޮންގްރެސްއަށް އެކަމުގެ މައުލޫމާތު ދިނުމަށް ޓްރަމްޕަށް ގޮވާލައްވާފަ އެވެ.
އެއްބަސްވުމުގެ ދަށުން ބަންދުކޮށްފައިވާ ކަނޑުއޮޅި އަލުން ހުޅުވާލައި، 60 ދުވަހަށް ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރާނެ އެވެ. މި މުއްދަތުގެ ތެރޭގައި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ ހައްސާސީ މައްސަލަތަކާ މެދު ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ސީބީއެސް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، އިރާނުން ނިއުކްލިއާ މަސައްކަތްތައް ހުއްޓާލައިފި ނަމަ، ގަލްފުގެ އަރަބި ގައުމުތަކުން ފަންޑުކުރާ 300 ބިލިއަން ޑޮލަރުގެ ރީކޮންސްޓްރަކްޝަން ފަންޑެއް ބޭނުންކުރުގެ ފުރުސަތު އިރާނަށް ލިބިގެންދާނެ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ