ބްރެޒިލްގައި ދެ ހެލިކޮޕްޓަރު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އެމެރިކާގެ މަޝްހޫރު އަލްޓް-ޕޮޕް މިއުޒީޝަން އަދި އިންޓަނެޓް ޝަހުސިއްޔަތެއް ކަމަށްވާ އޮލިވާ ޓްރީ ހިމެނޭހެން ޖުމްލަ ހަ މީހަކު މަރުވެއްޖެ އެވެ.
އުމުރުން 32 އަހަރުގެ އޮލިވާ ޓްރީ ވޯލްޑް ޓުއާއެއްގައި އުޅެނިކޮށް މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގެ މަތިން ދަތުރުކުރަނިކޮށެވެ. މި އެކްސިޑެންޓުގައި އެއް ހެލިކޮޕްޓަރު ވެއްޓުނީ ކާރު ވިއްކާ މަރުކަޒެއްގެ ޕާކިން އޭރިއާއަށެވެ. މީގެ ސަބަބުން އެތަނުގައި ހުރި ގާތްގަނޑަކަށް 20 އުޅަނދެއްގައި އަލިފާން ރޯވި އެވެ.
ބްރެޒިލްގެ މީޑިއާތަކުން އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި، އެއް ހެލިކޮޕްޓަރު ތިރިއަށް ވެއްޓެމުން ދިޔައިރު، އެ ހާދިސާ ހިނގި ސަރަހައްދުން ބޮޑެތި އަލިފާންގަނޑުތަކާއި ބޯ ދުން އަރަމުންދެ އެވެ.
ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި ދެ ހެލިކޮޕްޓަރު ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ.
އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާޖެންޓީނާގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ގަސްޕާ ޕްރިމް ޑިއާޒް (ގަސްޕީ) ވެސް އެއް ހެލިކޮޕްޓަރުގައި އިން ކަމަށް ބެލެވެ އެވެ.
ކެލިފޯނިއާގެ ސަންޓާ ކްރޫޒްއަށް 1993 ވަނަ އަހަރު އުފަންވި އޮލިވާ ޓްރީ ނިކެލް އާންމުންގެ ތެރޭގައި މަގުބޫލުވާން ފެށީ 2016 ވަނަ އަހަރު ސޯޝަލް މީޑިއާގައި އޭނާގެ ވީޑިއޯތަކެއް ވައިރަލްވުމާ ގުޅިގެންނެވެ.
ހާއްސަ "ބޯލް ހެއާކަޓް" އެއްގެ ސަބަބުން ފާހަގަކޮށްލެވޭ އޮލިވާ ޓްރީއަކީ "ލައިފް ގޯސް އޮން"، "މިސް ޔޫ" އަދި "އޭލިއަން ބޯއި" ފަދަ މަޝްހޫރު ލަވަތަކެއް ކިޔާފައިވާ ފަންނާނެކެވެ.
އޭނާގެ އެންމެ ފަހު ޝޯ ބާއްވާފައިވަނީ ޖޫން ހަވަނަ ދުވަހު ބްރެޒިލްގެ ސައޮ ޕައުލޯގަ އެވެ. އޭނާގެ ދެން އޮތް ޝޯ ޖުލައި އެކެއްގައި ޕޯޗުގަލްގެ ލިޒްބަންގައި ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު ގްލާސްގޯ، މެންޗެސްޓާ އަދި ލަންޑަންގައި ޕާފޯމް ކުރުމަށް ވެސް އޮތީ ރޭވިފަ އެވެ.
ޖަރުމަނުގެ ޕްރޮޑިއުސަރު ރޮބިން ޝުލްޒްއާއެކު އޮލިވާ ޓްރީ އުފެއްފި "މިސް ޔޫ" ލަވަ 2024 ވަނަ އަހަރުގެ ބްރިޓް އެވޯޑަށް ނޮމިނޭޓްވެފައިވެ އެވެ.
މީގެ އިތުރުން، 2020 ވަނަ އަހަރު އޭނާ ވަނީ 4.16 މީޓަރު އުސް އަދި 3.13 މީޓަރު ދިގު ދުނިޔޭގެ އެންމެ ބޮޑު ކިކް ސްކޫޓަރު ތައްޔާރުކޮށްގެން ގިނިސް ވޯލްޑް ރެކޯޑެއް ވެސް ގާއިމުކޮށްފަ އެވެ.
ބްރެޒިލްގައި ދެ ހެލިކޮޕްޓަރު ޖެހި ހިނގި އެކްސިޑެންޓެއްގައި މަޝްހޫރު ލަވަކިޔުންތެރިއެއް މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ