ހޮރްމޫޒް ކަނޑުއޮޅި ހުކުރު ދުވަހުން ފެށިގެން މުޅިން ހުޅުވާލާނެ: ޓްރަމްޕް

މެދުއިރުމަތީގައި ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާތީ، މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން މުޅިން ހުޅުވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ކުރި ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ރޫހާނީ ކޮމާންޑަރު އަޔާތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން، ތެހެރާނުގެ އާ ލީޑަޝިޕާއެކު ވޮޝިންޓަނުގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ޓްރަމްޕް ބުންޏެވެ. އޭނާ ބުނި ގޮތުގައި ކުރީގެ ވެރިންނަށް ވުރެ މިހާރު ތިބި ވެރިން މާ ބުއްދިވެރި ކަމަށާއި، އޭގެ ސަބަބުން އެއްބަސްވުމަކަށް އާދެވުނީ ކަމަށެވެ. ނަމަވެސް އެއީ ކޮން ވެރިންނެއް ކަމެއް އޭނާ ސާފުކޮށްދީފައެއް ނުވެއެވެ.
މި އެއްބަސްވުމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލުގެ ފަސްބައިކުޅައެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި ބަންދުވުމުގެ ބިރު ފިލައިދިއުމުން، ތެލުގެ އަގުތައް ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ނުދާ ވަރަށް ދަށަށް ގޮސްފައިވާ ކަމަށް އިގްތިސާދީ މާހިރުން ބުނެއެވެ. މީގެ އިތުރުން މިއީ ދުނިޔޭގެ ވިޔަފާރީގެ ދަތުރުފަތުރަށާއި މުދާ އުފުލާ ކުންފުނިތަކަށް ލިބުނު ބޮޑު ހަމަޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ