ނޯވޭ އަމީރާގެ ދަރިކަލުންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ނޯވޭގެ އަމީރާ މެޓޭ-މާރިޓްގެ ދަރިކަލުން، އުމުރުން 29 އަހަރުގެ މާރިއަސް ބޯގް ހޮއިބީ ދެ އަންހެނަކު ރޭޕްކުރިކަން ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލުމަށް އޮސްލޯގެ ޑިސްޓްރިކްޓް ކޯޓުން ހުކުމްކޮށްފި އެވެ.
އޮސްލޯ ޑިސްޓްރިކްޓް ކޯޓުގެ 250 ނަންބަރު ކޯޓު ރޫމުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ނިންމެވީ، ހޮއިބީގެ މައްޗަށް އުފުލާފައިވާ ރޭޕްގެ ހަތަރު ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުނުވާ ކަމަށެވެ. ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އެހެން ގިނަ ކުށްތަކެއް ސާބިތުވާ ކަމަށް ފަނޑިޔާރުން ވަނީ ކަނޑައަޅުއްވާފަ އެވެ.
ސިއްހީ ސަބަބުތަކަކާ ހުރެ ހޮއިބީ ކޯޓަށް ހާޒިރުވެފައި ނުވި ނަމަވެސް، ހުކުމް އިއްވި މަޖިލީހުގައި އޭނާ ބައިވެރިވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ޕްރޮސެކިއުޓަރުން އެދިފައިވަނީ ހޮއިބީ ހަތް އަހަރާއި ހަތް މަސްދުވަހަށް ޖަލަށްލުމަށެވެ. ނަމަވެސް އޭނާގެ ދިފާއީ ވަކީލުން އެދިވަޑައިގަތީ 18 މަސްދުވަހުގެ ލުއި އަދަބަކަށެވެ. މި ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް އޮންނާނެ އެވެ.
މާރިއަސް ބޯގް ހޮއިބީއަކީ ރަސްމީކޮށް ޝާހީ އާއިލާގެ މެންބަރެއް ނޫން ނަމަވެސް، މި ޝަރީއަތުގެ ސަބަބުން މުޅި ޝާހީ އާއިލާއަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ. އޭނާގެ މަންމަ، އަމީރާ މެޓޭ-މާރިޓް، ވަލީއަހުދު ހާކޮންއާ ކައިވެނި ބައްލަވައިގަތްއިރު ހޮއިބީގެ އުމުރަކީ ހަތަރު އަހަރެވެ. އޭނާ ބޮޑުވީ ޝާހީ އާއިލާގެ ތެރޭގަ އެވެ.
އަމީރާ މެޓޭ-މާރިޓް މިހާރު ގެންދަވަނީ ފުއްޕާމޭގެ ބައްޔެއް ކަމަށްވާ 'ޕަލްމޮނަރީ ފައިބްރޯސިސް' އަށް ފަރުވާ ހޯއްދަވަމުންނެވެ. އަދި ދާދި ފަހުން އެކަމަނާ ވަނީ ފުއްޕާމޭ ބަދަލުކުރަން ޖެހޭ މީހުންގެ ލިސްޓުގައި ހިމަނާފަ އެވެ.
މަންމަގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ، އެކަމަނާއާއެކު ވަގުތު ހޭދަކުރުމަށްޓަކައި ހޮއިބީ ޖަލުން މިނިވަންކޮށްދިނުމަށް އޭނާގެ ވަކީލުން ތަކުރާރުކޮށް ކޯޓުގައި އެދެމުންދިޔަ އެވެ.
ހުކުމް އިއްވުމާ އެކު ހޮއިބީގެ ވަކީލު ޕެޓާ ސެކުލިކް އަނެއްކާވެސް ވަނީ އޭނާ މިނިވަންކޮށްދިނުމަށް އެދިފަ އެވެ. މިދިޔަ ހަފުތާގައި އޮސްލޯ ޑިސްޓްރިކްޓް ކޯޓުން އޭނާ މިނިވަންކުރަން ނިންމި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ.
ރޭޕްގެ ހަތަރު ދައުވާއަށްވެސް ހޮއިބީ އިންކާރު ކުރި ނަމަވެސް، ދެ އަންހެނަކު ރޭޕްކުރިކަން ފަނޑިޔާރުންނަށް ވަނީ ސާބިތުވެފަ އެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު ވަލީއަހުދުގެ ގަނޑުވަރު 'ސްކައުގަމް' ގައި ހިނގި ހާދިސާއަކާއި، 2024 ވަނަ އަހަރު އޮސްލޯގައި ހިނގި ހާދިސާއެއް ހިމެނެ އެވެ.
މީގެ އިތުރުން، އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ނޯވޭގެ އިންފްލުއެންސާ ނޯރާ ހައުކްލޭންޑަށް އަނިޔާކުރި މައްސަލަ އާއި، އެހެން ބައިވެރިއަކަށް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ދިން މައްސަލަ ވެސް ވަނީ ސާބިތުވެފަ އެވެ. ހޮއިބީ ހައްޔަރު ކުރީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު، އޮސްލޯގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ ފްރޮގްނާގައި ހުންނަ އެ އަންހެން މީހާގެ އެޕާޓްމަންޓުންނެވެ.
ނަމަވެސް، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޮސްލޯގެ ހޮޓަލަކުން ބައްދަލުވި އަންހެނަކާއި، 2023 ވަނަ އަހަރު ލޮފޯޓެން އައިލެންޑްސްގައި ޗުއްޓީ ހޭދަކުރަނިކޮށް ބައްދަލުވި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ދެ ދައުވާ އޭނާގެ މައްޗަކަށް ސާބިތެއް ނުވި އެވެ.
މި މައްސަލާގައި ޖުމްލަ ހަ އަންހެނަކު ހިމެނޭއިރު، ހުކުމް އިއްވި ވަގުތު ކޯޓުގައި ހުރީ އެންމެ އަންހެނެކެވެ. ހޮއިބީ އޭނާ ރޭޕްކުރިކަން ސާބިތުވި ވަގުތު އެ އަންހެން މީހާ ރޮމުންދިޔަ މަންޒަރު ފެނިފައިވެ އެވެ.
ކޯޓުން ވަނީ އަނިޔާ ލިބުނު ހަތަރު އަންހެނަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 640،000 ކްރޯނާ (ގާތްގަނޑަކަށް 57,000 ޔޫރޯ) ދިނުމަށް ހޮއިބީގެ މައްޗަށް އަމުރުކޮށްފަ އެވެ. މީގެ ތެރޭގައި ނޯރާ ހައުކްލޭންޑް ހިމެނެ އެވެ. އޭނާއަކީ މި މައްސަލާގައި ހިމެނޭ އަންހެނުންގެ ތެރެއިން ނަން ހާމަކުރުމުގެ ހުއްދަ ފަނޑިޔާރުން ދެއްވި ހަމައެކަނި މީހާ އެވެ.
ޝަރީއަތް ފެށުމުގެ ކުރިން، އަމީރާ މެޓޭ-މާރިޓާއި، ޖިންސީ ކުށްތައް ހިންގާފައިވާ ޖެފްރީ އެޕްސްޓީންއާ ދެމެދު ތިން އަހަރު ދުވަހުގެ އެކުވެރިކަމެއް އޮތްކަން ހާމަވުމުން، ޝާހީ އާއިލާއަށް އޮތް ފާޑުކިޔުންތައް އިތުރަށް ބޮޑުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ