ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބުކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ޝާޒް ކާމިޔާބުކުރެއްވީ ދެ ބޭފުޅަކާ ވާދަކުރައްވައެވެ. މިގޮތުން، އޭނާ ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރއްވި ހުސެން ރިޒާގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އާރިފްއާއެވެ.
މި އިންތިހާބުގައި، ވޯޓުލުން ފަށާފައިވަނީ، މިއަދު ހެނދުނު 8:00 ގައެވެ. ވޯޓު ފޮށިތައް ބަންދުކުރަން ފުރަތަމަ ނިންމާފައިވަނީ ހަވީރު 4:00 އަށެވެ. އެކަމަކު މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން އިތުރު އެއް ގަޑިއިރަށް ދިގުދަންމާލައި، ވޯޓުލުންވަނީ 17:00އާ ހަމައަށް ކުރިއަށް ގެންގޮސްފައެވެ.
މިއަދުގެ ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ވޯޓު ގުނަވަމުން އަންނައިރު، މާލެ ފޮށިންނާއި މާފުށީގައި ބަހައްޓާފައިވާ ފޮށިތަކުން އެމްޑީޕީގެ ކެނޑިޑޭޓް ޝާޒް އުޅެނީ ބޮޑު ތަފާތަކުން ކުރީގައެވެ. މާފުށީގެ އިތުރުންވެސް ގުރައިދޫގައި ބަހައްޓާފައިވާ ދެ ފޮށީގެ ތެރެއިން އެއް ފޮށި ވެސް ޝާޒް ވަނީ ކާމިޔާބުކުރައްވާފައެވެ.
މިއީ ރަމަޟާންމަހެއްގައި މިފަދަ އިންތިހާބެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އިލެކްޝަން ކޮމިޝަނުގެ ހިސާބުތަކުން ދައްކަނީ 3423 މީހުންނެވެ. މި އިންތިހާބުގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެގޮތުން، ގުޅީ ސްކޫލް، ގުރައިދޫ ކައުންސިލް އިދާރާ، ގުރައިދޫ ޔޫތު ސެންޓަރުގައި ވޯޓު ފޮޮއްޓެއް ބަހައްޓާފައިވެއެވެ. އަދި މާފުށީ ސްކޫލުގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މާލޭގައި ވޯޓުލުން ކުރިޔަށްދާނީ ޢިއްޒުއްދީން ސްކޫލްގައެވެ. މި ސުކޫލުގައި ވޯޓުލުމަށް އެ ދާއިރާގެ 451 ފަރާތަކުން ވަނީ ރަޖިސްޓްރީވެފައެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.
އެންމެފަހުން މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.
އެފަހަރު ބާއްވާފައިވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެއީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެފުރަތަމަ އިންތިޚާބުވި، މެމްބަރު ހުސެއިން ވަހީދު، 2021 ވަނަ އަހަރުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ