ރޯދަމަހުގެ ދުވާލު މުދާ އުފުލޭނެ ވަގުތަކީ 9 އިން ހަވީރު 4:30 ކަމަށް ނިންމައިފި

ރަމަޟާން މަހުގެ ފުރަތަމަ 7 ދުވަހުގެ ދުވާލު ގަޑީގައި މާލޭ ސަރަހައްދުގައި ވިޔަފާރިއަށް މުދާ އުސޫލުން އެއްގަމު އުޅަނދުފަހަރުގައި މުދާ އުފުލޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30 އާ ދެމެދުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އަންގައިފިއެވެ.
މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މުދާ އުފުލޭނެ ވަގުތަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް ކަމަށެވެ.
އޭގެ އިތުރަށް މިނިސްޓްރީން ބުނެފައިވަނީ ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދުގައި އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާ ކަމެއް ކަމަށެވެ.
މުދާ އުފުލޭނެ ވަގުތުތަކުގެ އިތުރަށް މާލެ ހުޅުމާލެ ބުރިޖުން މުދާ އުފުލޭނެ ވަގުތުތައްވެސް އެ މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ. ބުރިޖު ހުރަސްކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދުގައި އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދުގައެވެ.
އެނޫން ވަގުތުތަކުގައި ބުރިޖު މަތިން މުދާ އުފުލުމަކީ މަނާކަމެކެވެ. އަދި ފެނާއި ކައްކާ ގޭސް ބުރިޖު މަތިން އުފުލޭނެ ވަގުތެއްކަމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4 އަށާއި ރޭގަނޑު 8 އިން ހެނދުނު 6 އަށަކާ ދެމެދުއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އެ މިނިސްޓްރީގެ އެންގުމީ ޚިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ