ފާއިތުވި ދެ މަހު މޫސުމީ ކާރިސާތަކުގެ ގެއްލުންތަކަށް ފަސް ލައްކަ ރުފިޔާގެ އެހީ ދިން!

މި އަހަރުގެ އޭޕްރީލް އަދި މެއި މަހު މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ވައިގަދަވުމުގެ ސަބަބުން ރަށްތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެހީ ދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގެއްލުންވި ފަރާތްތަކަށް އެހީގެ ގޮތުގައި ޖުމްލަ 531،370 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެގޮތުން އެ ދެ މަހު ކާރިސާތަކުގައި ލިބޭ ގެއްލުން ބަޔާންކޮށް 11 ރަށަކުން 163 ފޯމު ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. އެ އޮތޯރިޓީން ބުނިގޮތުގައި އޭގެތެރެއިން ގިނަ ފޯމް ލިބިފައި ވަނީ އައްޑޫ ސިޓީގެ ރަށްތަކުންކަމަށް ވާއިރު އެ ސިޓީން 125 ފޯމު ހުށަހަޅާފައިވާކަމަށެވެ.
އެންޑީއެމްއޭއިން ބުނީ ކާރިސާތަކުގައި އެހީދިނުމުގެ މިންގަނޑުގެ ދަށުން ޝަރުތުހަމަވާ ހަ ރަށެއްގެ 116 ގެއަށް އެހީގެ ގޮތުގައި 531،370 ރުފިޔާ ދިނުމަށް އެ އޮތޯރިޓީން މަސައްކަތް ކުރަމުންދާކަމަށެވެ.
އެ އޮތޯރިޓީން ބުނީ އެހީގެ ގޮތުގައި ދެވޭ ޖުމްލަ ފައިސާގެ ތެރެއިން 61 އިންސައްތަ އެހީ އަކީ ސްޓްރަކްޗަރަލް ގެއްލުންތަކަށް ދެވުނު އެހީ ކަމަށާއި ބާކީ 39 އިންސައްތަ އަކީ ގޭގައި ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ދެވުނު އެހީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ