ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލެއްވި 12 ބޭފުޅުންގެ ނަންތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު އާންމުކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން: އުއްމުކުލްޡޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ ލިއުޝާދު ޢަބްދުއްސައްތާރު / ހިޔާ، ހދ. ނޮޅިވަރަން ޙައްމާދު ނަސީމް ޢަލީ / ނާރެސް، ގދ. ފިޔޯރީ މުޙައްމަދު މިންހާޖް / ހިރިލަންދޫގެ، ސ. ފޭދޫ ފާޠިމަތު ނަބާހާ / ޝާދީވިލާ، ގދ. ފިޔޯރީ ޢާއިޝަތު ނުޒުހާ / މާލެގަން، ފެނާތުރު، ޏ. ފުވައްމުލައް ޢާއިޝަތު ނިހާ / މޫން ޕްލާޒާ، ހދ. ވައިކަރަދޫ ޢަބްދުލްމުޙުސިން ޢަބްދުލްހަކީމް / އާކުރި، ގއ. ނިލަންދޫ ފާޠިމަތު ސަޢީދު / ގެދަރުގެ، ސ. ފޭދޫ ޙަސަން ޝަމާމް / ކޮށިތެރޭގެ، ހއ. އިހަވަންދޫ އަހްމަދު ނައުފަލް / ޝިފާނާވިލާ، ކ. މާލެ ޢަލީ ނަޞީރު / ގާރޑެނިޔާވިލާ، ބ. ކިހާދޫ މީގެ ކުރިން ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލް ވަނީ ހައިކޯޓަށް ބަދަލުވެފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށެވެ. މީގެ އިތުރުން ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި އެއްވެސް ބާވަތެއްގެ ބަދުއަޚްލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ސާބިތުވެފައިނުވުމާއެކު އެފަދަ ކުށެއް ކޮށްފައިވާނަމަ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތާ ހަތް އަހަރު ވާންޖެހެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީންގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭއިރު ލިވިން އެލެވެންސްގެ ގޮތުގައި 15،000 ރުފިޔާއާއި ރިސްކް އެލަވަންސަކަށް 3،300 ރުފިޔާ ދެއެވެ. އަދި ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ