ޕްރިންސިޕަލުންގެ ސްކޮލަރޝިޕަށް ހުޅުވާލައިފި

ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށްގެންދަވާ ސްކޮލަރޝީޕްގެ 2 ވަނަ ބުރު ފަށްޓަވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި ބުރުގައި ސްކޮލަރޝިޕްގެ 10 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީންކުރުމުގެ މަސައްކަތުގެ ދަށުން ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން މެލޭޝިއާގެ ޔުނިވަރސިޓީއަކުން 17 ޕްރިންސިޕަލަކު ވަނީ މާސްޓާރސް ފެންވަރަށް ތައުލީމް ހާސިލުކޮށް، ސްކޫލްތައް ހިންގުމަށް ހަވާލުވެފައެވެ.
މި ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ޚަރަދާއި މުސާރައާ އެއްވަރުގެ އެލަވަންސެއް އަދި ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައެވެ. މިފަހަރު ހުޅުވާލި ސްކޮލަރޝިޕްގެ 10 ފުރުޞަތަށް އެދުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ސްކޮލަރޝިޕަށް ހޮވޭ ޕްރިންސިޕަލުން ކިޔެވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއިންނެވެ.
ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލް ކޮށްފައިވުމާއި ޓީޗަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމެވެ. އަދި މި ސްކޮލަރޝިޕް ފުރިހަމަކުރާ ޕްރިންސިޕަލުން ސަރުކާރު ސްކޫލެއްގައި ވަކި މުއްދަތަކަށް މަސައްކަތްކުރަންޖެހޭ ބޮންޑެއް އޮންނާނެއެވެ.
ޕްރިންސްޕަލުން ތަމްރީން ކުރުމުގެ މަސައްކަތުގެ ދަށުން ކޮންމެ އަހަރަކުވެސް 20 ޕްރިންސިޕަލުން ތަމްރީން ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ