ފުއްގިރި މައްސަލަ: ހެކިތަކާ ގުޅޭ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަނީ!

އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ރ.ފުއްގިރިއާ ގުޅިގެން އުފުލާފައިވާ ދައުވާތައް ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުން ނިންމާފައިވާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.
އެ މައްސާލަގައި ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިޔަތު ހިމެނޭހެން ދައުލަތުގެ ގިނަ ޝަފަހީ ހެކިތަކެއް ބަލައި ނުގަތުމަށެވެ. އަދި ތަހުގީގު ބަޔާންތަކާއި ލޮގްތަކެއް ހޯދަންވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވެއެވެ.
ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ އެ ނިންމުންތައް ބަލައިގަނެފައި ނުވާތީ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވިއެވެ. ނަމަވެސް ހައިކޯޓުން ވެސް އެ މައްސަލާގައި ނިންމީ ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލް އާދަމް ޝަމީމް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނުން ލިބިދީފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ފުއްގިރި މައްސާގައި ދެން ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެއެވެ. ނަމަވެސް ގާޒީ ވިދާޅުވީ ޝެޑިއުލެއް އެކުލަވާލައި ހަސްމުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ