ޑައިވިނަށް ގޮސް މަރުވި ޓޫރިސްޓުންގެ ތެރޭގައި ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް މިއަދު މަރުވި އިޓަލީގެ ފަސް ޓޫރިސްޓުންގެ ތެރޭގައި ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން ހިމެނޭ ކަމަށް އެ ޔުނިވަސިޓީން ބުނެފި އެވެ.
އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ފަސް ޓޫރިސްޓުން ގެއްލިގެން ހޯދަނިކޮށް މިހާތަނަށް ފެނިފައިވަނީ އެންމެ މީހެކެވެ. އެކަމަކު އިޓަލީގެ ފޮރިން މިނިސްޓްރީން ވަނީ ފަސް މީހުން ވެސް މަރުވެފައިވާ ކަމަށް ބުނެފަ އެވެ. 
މޮނިކާ މޮންޓެފަލްކޯން އަކީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ އިތުރުން، އިޓަލީގެ މަޝްހޫރު ޓީވީ ޝަހުސިއްޔަތެކެވެ. ކަނޑުގެ މާހައުލާ ބެހޭ ތަޖުރިބާކާރެއް އަދި އެ ދާއިރާގެ ދިރާސާވެރިއެއްގެ ގޮތުގައި އޭނާ ފާހަގަކޮށްލެވެ އެވެ.
މި ޕްރޮފެސަރަކީ ކަނޑުގެ މާހައުލަށް ވަރަށް ލޯބިކުރެއްވި މަޝްހޫރުވެފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ކަނޑުގެ ދިރުންތަކާ ގުޅޭ މުހިންމު މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި  ވ. އަތޮޅުގައި ޑައިވިންނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް ފެނުނު މީހާ މަރުވެފައި އޮތީ 60 މީޓަރު އަޑީގައި ކޭވް އެއްގެ ތެރޭގަ އެވެ. އަނެއް ހަތަރު މީހުން ވެސް ވީ 200 ވަރަކަށް ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ