އިމާރާތުގެ ދަތިކަމަކީ ތެލެސީމިއާ ސެންޓަރުގެ އެންމެ ބޮޑު ގޮންޖެހުން: ޑރ. އުމަރު

މިވަގުތު ތެލެސީމިއާ ސެންޓަރުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ އިމާރާތުގެ ދަތިކަން ކަމަށް ތެލެސީމިއާ ސެންޓަރުގެ މެޑިކަލް ޑައިރެކްޓަރ ޑރ. އަހުމަދު އުމަރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. އުމަރު ވިދާޅުވި ގޮތުގައި، މާލޭގައި ހުރި ތެލެސީމިއާ އިމާރާތަކީ 1994 ވަނަ އަހަރު ތެލެސީމިއާ ސެންޓަރު އުފެދުމަށްފަހު، އަދާހަމައަށް ބޭނުން ކުރަމުން އަންނަ އިމާރާތެވެ. އިމާރާތުގެ ދަތިކަމުގެ ސަބަބުން ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ދަތިތަކެއް ހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ތެލެސީމިއާ ސެންޓަރު އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ވަނީ ފަށާފައެވެ. އޭގެ ތެރެއިން، ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިްޕިޓަލް ހުޅުމާލެ ފޭސް 2 ގައި އެޅުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޑރ. އުމަރު ވިދާޅުވި ގޮތުގައި، މި އައު ހޮސްޕިޓަލާއި ގުޅިގެން، ތެލެސީމިއާ ޕޭޝަންޓުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފަސޭހަވޭހަވެގެންދާނެއެވެ. އަދި މިހާރު ތެލެސީމިއާ ޕޭޝަންޓުންނަށް ނަށް ރާއްޖޭގައި ލިބެން ނެތް ބައެއް ޚިދުމަތްތައް އެ ހޮސްޕިޓަލު ޤާއިމުކުރުމުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު ތެލެސީމިއާ ސެންޓަރުގައި ހުރިހާ ފަރާތްތަކަށްވެސް ޚިދުމަތް ދޭން ޖެހެނީ އެއް ވާޑެއްގައި ކަމަށް ޑރ. އުމަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އައު ހޮސްޕިޓަލާއެކު ޚިދުމަތް ލިބިގަންނަ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްޞަ ކުރެވިފައިވާ ވަކި ވޯޑުތައުތައް ޤާއިމުކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ 10 އަހަރުގެ ތެލެސީމިއާ ހުއްޓުވުމާއި ކޮންޓްރޯލް ކުރުމުގެ ޕްލޭން (2024-2034) ގެ ދަށުން، ތެލެސީމިއާގެ ސަބަބުން އަސަރުކުރާ މީހުންގެ ޞިއްޙަތު ރަނގަޅުކުރުމަށް އަމާޒުކޮށްފައިވާ ފުރިހަމަ ސްޓްރެޓެޖީއެއް ވަނީ އެކުލަވާލާފައެވެ. މި ޕްލޭންގެ ދަށުން، ހަރުދަނާ ސްކްރީނިންގ ޕްރޮގްރާމްތަކެއް ހިންގައިގެން ބަލި އަވަހަށް ދެނެގަތުމާއި، ލޭ ދިނުމުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް އަމާޒުކޮށްފައިވާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ