ނާޒިމް ވަކިކުރަން ހުށަހެޅީ ވަކި ފިކުރަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކޮށް!

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން އޭނާ ނިސްބަތްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހެޅީ ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކޮށް ކަން ހާމަވެއްޖެ އެވެ.
މިއަދުގެ ވަގުތެއްގައި 73 މެންބަރުންގެ ސޮޔާއެކު ވަނީ ނާޒިމް ވަކިކުރަން މަޖިލީހަށް މައްސަލައެއް ވައްދާފަ އެވެ. އިއްޔެ ހެނދުނުގެ ވަގުތެއްގައި މުހައްމަދު މުއިއްޒު މަޖިލިސް މެންބަރުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ބޭރުކޮށްލި އެވެ.
“މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި މަޖިލީހުގެެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައިވުމުގެ އިތުރަށް މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދީ ޒިންމާއިން ބަރީއަވެފައިވާތީ،” އެ މައްސަލާގައި ބުނެެފައިވެ އެވެ. 
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކި ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފުލުހުން ވަނީ އޭނާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް އެކުލަވާލައިފަ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވެސް ނާޒިމް ވަނީ ބޭރުކޮށްފަ އެވެ. އެއީ ގައުމީ ސަލާމަތާ ގުޅޭ ކަންކަން ބަލާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެވެ. 
ނާޒިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ކޮބައިކަމެއް އަދި މި ނޫހަކަށް ނޭނގެ އެވެ. އެކަމަކު، މަސްދަރުތަކުން ބުނީ ނާޒިމްގެ މައްޗަށް ފުލުހުން ކުރަނީ ވަރަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ކަމަށެވެ. 
މަޖިލީހުގެ ނައިބު ރައީސް ނާޒިމްއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅާ އެވެ. މީގެ ކުރިން 2009 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ނާޒިމް ހުންނެވި އެވެ. 
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ވެސް ނާޒިމް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއް ވެސް ނާޒިމް އަދާ ކުރެއްވި އެވެ. 
ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެހުނު ސިޔާސީ މައްސަލައެއްގައި 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުކޮށް އޭނާ 25 އަހަރަށް ޖަލަށްލި އެވެ. ހަމަ އެ އަހަރު، ބޭސްފަރުވާ ކުރުމުގެ ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް އޭނާ ހޯއްދެވި އެވެ. 
ނާޒިމް އެނބުރި ދިވެހިރާއްޖެއަށް ވަޑައިގަތީ އޭނާގެ މައްޗަށް ކޮށްފައި އޮތް ހުކުމް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ