މާލީ ހާލަތު ރަނގަޅު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ: ތަރުޖަމާނު

ސަރުކާރުގެ ފަސްއަހަރުގެ ދައުރު އަންނަ އާދިއްތަ ދުވަހު ދެބައިވާއިރު އެންމެ ބޮޑު ކާމިޔަބީ އަކީ މާލީ ހާލަތު ރަނގަޅުކުރެވުންކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ ރައީސް ވެސް ގަބޫލުފުޅު ކުރައްވާގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ކުރީ ސަރުކާރިތަކުން ވާރުތަވި ދަރަނިތައް މެނޭޖުކޮށް މާލީ ހާލަތު ރަނގަޅުކުރެވުން ކަމަށެވެ.
ތަފްސީލް - "ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ ރައްޔިތުން އެދިވަޑައިގަންނަވާ އަދި ސަރުކާރުން ވައުދުވެފައިވާ ތަރައްގީގެ މަސައްކަތްތަކަށް ވެސް ޖާގަ ހޯއްދަވަމުން އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ދަރަނި އިތުރަށް ނުއުފުލޭނެ މިންވަރަކަށް، މުސްތަގުބަލަށް ބަލާފައި ބުރަ ނުވާނެ ގޮތަކަށް ތަރުތީބުކޮށްގެން އިސްތިރާޖީ ގޮތެއްގައި އެ މަސައްކަތް ކުރިއަށް ގެންދިޔުން،" ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރަނި މެނޭޖުކުރުމަށް ހާރިޖީ ގޮތުން ކުރެވުނު މަސައްކަތްތަކަކީ ވެސް ކާމިޔާބީއެއް ކަމަށެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން ދަރަނި އަދާކުރަން ޖެހޭ ގައުމުތައް ނުވަތަ ފަރާތްތަކާ މަޝްވަރާކުރެވިގެން އެ ބޭފުޅުންގެ ވެސް އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަންތައްތަކެއް ހައްލުކުރެވުނު،" މުހައްމަދު ހުސެން ޝަރީފް ވިދާޅުވި އެވެ.
"އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ތަސައްވަރު އިތުރަށް ރަނގަޅުކޮށް، ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންނާ މެދު މާލީ އިދާރަތައް އަދި އެހީ ދޭ ފަރާތްތަކުން ވިޔަސް ދެކޭގޮތް ރަނގަޅު ހިސާބެއްގައި ބޭއްވުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު."
މިއީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވާނެ ކަމެއްކަމުގެ ޔަގީންކަން އޮތްކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ އެންމެ އިސްކަންދޭނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ދުވެލި ހަލުވިކޮށް ސަރުކާރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެކަންވެސް ކުރުމަށް ކަމަށެވެ.
ފާހަގަ ކުރެވޭ - ފާއިތުވި 40 ދުވަސް ތެރޭ ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މި އަންނަނީ މީގެ ކުރިން ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން. އެގޮތުން ބަލާއިރު މިއަދާ ހަމައަށް އައިއިރު ސުކޫކު ޕޭކޮށްފިން 524 މިލިއަން ޑޮލަރު. އަދި 400 މިލިއަންގެ ސްވޮޕް ޕޭކޮށްފިން. އަދި މިއަދަށް ޑިއުވެފައި އޮތް 50 މިލިއަން ޑޮލަރުގެ ލޯނު ވެސް އަޅުގަނޑުމެން މިއަދު ޕޭކޮށްފިން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ދަރަނީގެ ގޮތުގައި އެކި ފަރާތްތަކުން 29.3 ބިލިއަން ރުފިޔާ ނަގާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ