އިސްރާއީލުން ޢައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޢައްޒާގެ 46,000 ރައްޔިތުން ޝަހީދުވެ, މުޅި ޢައްޒާ ފުނޑުފުނޑު ކޮށްލި އިރުވެސް, އިސްރޭލުގެ ގާތިލުންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފަ ބޭއްވުމަށްފަހު, ހަނގުރާމަ ހުއްޓާލުމާއެކު މުއިއްޒު ޓުވީޓު ކުރައްވަން ފައްޓަވައިފިއެވެ.
“އެކްސް” މެދުވެރި ކުރައްވައި ރޭ ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ, ޣައްޒާއަށް ދޭ ހަމަލާތައް މެދުކަނޑާލަން ނިންމަން މެދުވެރި ވެދިން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވާ ކަމަށާއި، އެ ފަރާތްތަކުގެ އަގު ވަޒަންކުރައްވާ ކަމުގައެވެ.
މި ޕޯސްޓުގައި މުއިއްޒު ވަނީ، ހަމަލާތައް ހުއްޓާލުމަކީ ލިބުނު ހަމަޖެހުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށާއި، ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށާއި، އިންސާނީ އެހީ އަށް ފުރުޞަތު ދިނުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކިބައިން މުއިއްޒު އެދިފައިވެއެވެ. މުއިއްޒު ވަނީ، އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށްވެސް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ބިނާރު، އަލުން އާރާސްތުކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަޞްޠީނަށް ފޯރުކޮށްދިނުމަށް ވެސް މުއިއްޒު ގޮވައިލެއްވިއެވެ.
އިސްރާއިލުން ޣައްޒާގައި ހުއްޓުމެއް ނެތި ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއެކު، މުއިއްޒު ޓުވީޓު ކުރެއްވި ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ 46,000 ރައްޔިތުން ޝަހީދުކޮށް, އަހަރު ދުވަހަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއިރު, އެގައުމާ ދެކޮޅަށް ފިޔަވަޅު ނާޅާ ހަމައެކަނި މުސްލިމް ގައުމަކަށް އޮތީ ރާއްޖެއެވެ.
ރައީސް މުއިއްޒުގެ ކެބިނެޓުން ވަނީ އިސްރާއީލުގެ ރައްޔިތުންގެ ޕާސްޕޯޓުތައް މަނާކުރުމަށް ނިންމާ, އެހެންނަމަވެސް އެނިންމުންވެސް ތަންފީޒު ކުރުމަށް ދެކޮޅު ހަދާފައެވެ. އަދި, އަނިޔާވެރި އިސްރާއީލުގެ ޕާސްޕޯޓު މަނާކުުރަށް އިދިކޮޅު އެމްޑީޕީން މަޖިލިހަށް ހުށަހެޅި ބިލްވެސް މުއިއްޒުގެ އަމުރަށް ވަނީ ހުއްޓުވާފައެވެ. އޭގެ އިތުރަށް, އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލި އާންމު ދިވެހި ރައްޔިތުން މުއިއްޒުގެ އަމުރަށް ވަނީ ހިފާ ހައްޔަރުވެސް ކޮށްފައެވެ.
ހަމަ އެއާއެކު މުއިއްޒުގެ ސަރުކާރުން ދަނީ, އިސްރާއިލުން ގާތިލުންނަށް ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ފަލަސްތީނު މައްސަލާގައި ދިމާވާ ކޮންމެ ކަމެއްގެ ނާޖާއިޒު ފައިދާ ނަންގަވާ, ހަމައެކަނި ޕްބްލިސިޓީއަށް ޓުވީޓު ކުރައްވާ ރައީސެއްގެ ގޮތުގައެވެ.
ޣައްޒާގައި މިފަހުން ބޮޑު ގަތުލުއާންމު ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހެވެ. އެ ދުވަހުގެ ފަހުން މިހާތަނަށް ޣައްޒާގައި 46،707 މީހަކު ޝަހިދުކޮށްލައި، 110،265 މީހުން ޒަހަމްކޮށްލާފައި ވެއެވެ.
މި ބޮޑު ގަތުލު އާންމަށް 467 ދުވަހަށް ފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ރުހުން ދީފައެވެ.
ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވާގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ރުުހުން ދިންތާ މިނެޓެއްގެ ތެރޭގައި ޣައްޒާގައި އުފާފާޅުކުރަން ފެށިއެވެ. މިގޮތުން ޚާން ޔޫނުސްގެ މަގުތަކުގައި ފަލަސްތީނު މީހުން އުފާފާޅުކުރަމުން ގޮސްފައިވާ ކަަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެެވެ.
ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް ގޮވާލާ ތެލްއަވީވް އާއި ގުދުސްގައި މުޒާހަރާކުރަމުން އަންނަ އިރު، އެ ސިޓީގެ ބައެއް ސަރަހައްދުތައް ހުއްޓުމަކަށް އައިސްފައި ވެއެވެ. މި އެއްބަސްވުމާއެކު އެ މީހުންގެ އާއިލާ މީހުން ވަރަށް އަވަހަށް ގެއަށް އަންނާނެ ކަމުގެ އުއްމީދާއި ހިތްހަމަޖެހުން މިހާރު ބޮޑުވެފައިވާ ކަަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި އެއްބަސްވުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ރުހުން ދޭން ޖެހޭނެއެވެ. އެކަމަށް މާދަމާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަރުކަށި ފިކުރުގެ ބައެއް ސިޔާސީ ފަރާތްތަކުން އެ އެއްބަސްވުމަށް ދެކޮޅު ހެދިޔަސް، އެކަން ފާސްވާނެ ކަމަށް ސްކައި ނިއުސް އިން ބުނެފައި ވެއެވެ.
ޢައްޒާގެ 46,000 ރައްޔިތުން ޝަހީދުވެ, މުޅި ޢައްޒާ ފުނޑުފުނޑު ކޮށްލި އިރުވެސް, އިސްރޭލުގެ ގާތިލުންނަށް ރާއްޖެ ހުޅުވާލާފަ ބޭއްވުމަށްފަހު, ހަނގުރާމަ ހުއްޓާލުމާއެކު މުއިއްޒު ޓުވީޓު ކުރައްވަން ފައްޓަވައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ