ބުއްދި ދެއްވަވައި ވިސްނުމުގެ ބާރު ދެއްވެވީމާ މޮޔައިންނަށް ހެދިގެން ތިބޭ މީހުންގެ ތެރެއިން ތިބާނުވާކަން ޔަޤީން ހެއްޔެވެ؟

ޢާންމު ގޮތެއްގައި މޮޔައިން މިކިޔަނީ ވިސްނުމުގެ ބާރު ނެތް މީހުންނަށެވެ. ނުވަތަ ވިސްނުމުގެ ބާރު ކުޑަކަމުން ރަނގަޅު ގޮތާއި ނުބައި ގޮތް ވަކިކުރަންވެސް ނުއެނގޭ މީހުންނަށެވެ. އަހުރެންގެ ވިސްނުމުން ބުނާނަމަ ބުނެވެން އޮތީ މިބުނި މީހުންނަށްވުރެ މާބޮޑަށް މޮޔަމީހުން ވަރަށް ގިނަވެއްޖެ ކަމަށެވެ.
ﷲ ތަޢާލާ ވިސްނުމުގެ ބާރު ދެއްވަވާފައިވާ އަޅުންނަށް ނިޞްބަތްކޮށް އެކަކު އަނެކަކަށް ތިބާއަކީ މޮޔައެއް ކަމަށް އެބަބުނެއެވެ. ހިތާމައަކީ މިފަދަ ބަސްތައް ބުނާ މީހުންނަށް އެންމެ ބޮޑު މޮޔަމީހަކީ ކާކުކަން ނުވެސް އެނގޭކަމެކެވެ. ތިމާއަކީ އެފަދަ މީހަކަށް ވެގެން ހުންނައިރުވެސް އެކަން ޤަބޫލުވެސް ނުކުރެވޭ ކަމެވެ.
ދުނިޔެއަށް ގޮންޖާފައި ބުނަމެވެ. ދުނިޔޭގައި މިއަދު އެންމެ ގިނައީ އެންމެ ބޮޑެތި މޮޔައިންނެވެ. ސަބަބުވެސް މިބަޔާންކުރަނީއެވެ.
އެހެނީ އާޚިރަތް ދުވަސް އަންނާނެކަން ޤަބޫލުނުކުރާނަމަ އެމީހާއަކީ މޮޔައެކެވެ. އަދި އާޚިރަތް ދުވަސް އަންނާނެކަމާއި ދުނިޔޭގައި ހުރެ ކުޅަ ޢަމަލުތަކުގެ ހިސާބު ބައްލަވާނެ ކަމާއި ﷲ ތައާލާ އަންގަވާފައި ގޮތަށް ޢަމަލުކުރުމުން ސުވަރުގެ ދެއްވަވާނެކަމާއި ނޫންނަމަ ޖެހޭނީ ނަރަކައިގެ ޢަޛާބު ލިބިގަންނަންކަން ޤަބޫލުކޮށްގެން ތިބެމެ ނަރަކައިން މިންޖުވާން މަސައްކަތްނުކުރާނީ އެންމެ ބޮޑެތި މޮޔައިން ކަމުގައިވާތީއެވެ.
މިތަނުގައި މިތިބަ އެންމެން މިބަހާއިމެދު ވިސްނާފައި ނިކަން ބުނެބަލާށެވެ! މިކަންކަމަށް އެއްބަސްވަމު ހެއްޔެވެ؟ ނޫންހެއްޔެވެ؟ ތެދުވެރިކަމާއިއެކު ނިކަން ޖަވާބުދީބަލާށެވެ!
ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނީ ކާކަށްކަން އެނގޭނެ އެއްވެސް މީހަކު ނުވެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހަރެމެން މިދުނިޔޭގައި ވާހަކަ ދައްކައި މިއުޅެނީ ހަމަ އެކަނި ކީރިތި ޤްރްއާނާއި ރަސޫލް (ﷺ)ގެ ސުންނަތުން އޮޅުންފިލަންހުރި ކަންކަމުގެ މައްޗަށެވެ. އެ މިންތަކުން ބަލައިފި ނަމަ ﷲ ތަޢާލާ އަށާއި ﷲ ތަޢާލާގެ ޢަޛާބަށާއި ނަރަކަށް ބިރު ނުގަނެ ސުވަރުގެ ލިބޭނެ ކަމަށް އުންމީދު ކުރުމެއް ނެތެވެ.
ﷲ ތަޢާލާއަށް ބިރުވެތިވުމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަކީ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވުމެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމެއް ކުރުމުން މިންވަރު ކުރައްވަވައިފާނެ ގަދަފަދަ ކޯފާއަށް ބިރުވެތިވުމެވެ. ނަރަކައަށް ބިރުވެތިވުމެވެ. ނަރަކައަށް ބިރުވެތިވުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ބިރުވެތިވުމެވެ.
ﷲ ތަޢާލާއީ "ރަޙްމާން ވަންތަ، ދީލަތިވަންތަ" ﷲ ތަކުގައިވެ ވޮޑިގަތުމުގެ މާނަ ބައެއް މީހުން ވަރަށް ބޮޑަށް އެބަ އޮޅުވައިލައެވެ. އެމީހުން ހީކުރަނީ އެމީހުން ދުނިޔޭގައި ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް "ރަޙްމާން ވަންތަ، ދީލަތިވަންތަ" ﷲ އެމީހުން ސުވަރުގެ ވައްދަވާނެ ކަމަށެވެ. ނަރަކައަށް ވަންނަން ނުޖެހޭނެ ކަމަށެވެ. މިއީ ޝައިޠާނާ ފިޔަވައި އެހެން އެއްވެސް ފަރާތަކުން އަންނަ ވަސްވާސްތަކެއް ނޫނެވެ.
ތަޤްވާ ވެރިވުމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުންކަމަށްވާއިރު ކީރިތި ޤްރްއާނުގެ އާޔަތްތަކަށް ނިކަން ވިސްނައިބަލާށެވެ. ތަޤްވާވެރިވުމަށް ވަޞިއްޔަތް ކުރައްވަވާފައިވަނީ ކިތައް ފަހަރު ހެއްޔެވެ؟ ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާފައިވަނީ ކިތައް ފަހަރު ހެއްޔެވެ؟ ދެން ނިކަން ބަޤަރާ ސޫރަތުގެ 24 ވަނަ އާޔަތް ކިޔައިބަލާށެވެ. "--- ފަހެ ތިއަ ބައިމީހުން ނަރަކައަށް ބިރުވެތިވެ ރައްކައުތެރިވާށެވެ! އެ ނަރަކައަކީ، މީހުންނާއި ހިލަ، އެއިގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރުކުރައްވަވާފައިވަނީ ކާފިރުންނަށްޓަކައެވެ." މިފަދައިން ވަހީ ކުރައްވަވާފައި ނުވޭހެއްޔެވެ؟
މިފަދައިން ބަޔާންކުރައްވަވައި އިންޒާރުތައް ދެއްވަވާފައިވާއިރު ދުނިޔޭގައި ހުރެ ނަރަކައަށް ބިރުނުގަނެ ހިތަށް އެރިހައި ގޮތަކަށް އުޅުމަށްފަހު ޤިޔާމަތް ދުވަހު ނަރަކައަށް ދާން ޖެހުމުން ސަލާމަތް ކޮށްދެއްވަވާތޯ އެދެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިއަ ކުރަނީ ހައުދަހައި ދެކޮޅު ނުޖެހޭ އުންމީދެކެވެ!
ދުނިޔަވީ ނަޒަރަކުން ނިކަން ބަލައި ވިސްނައިލަބަލާށެވެ! ޤާނޫނުތައް ހުންނަ، އަދަބު ކަނޑައެޅިފައިވާ ކަންކަމުގައި ޤާނޫނާއި ޚިލާފަށް ކަންކަން ކުރުމުން އަދަބު ދިނުމަށް ކޯޓަށް ގެންދިއުމުން ތިމަންނާއަށް އަދަބު ނުދޭށޭ ބުނެވިދާނެ ހެއްޔެވެ؟ ކިތަންމެ ވަރަކަށް ބުނި ނަމަވެސް ފަނޑިޔާރުން އަޑު އަހާނެ ހެއްޔެވެ؟ ޤާނޫނުގައިވާ ގޮތުގެމަތިން އަދަބު ނުދޭނެ ހެއްޔެވެ؟
ދުނިޔެގައި މިތިބައިރު ޤާނޫނުތަކާއި ޚިލާފްވުމުން ޖަލަށްލާނެ މުއްދަތު އެނގެއެވެ. ނަމަވެސް ޤިޔާމަތް ދުވަހުން އެމީހަކަށް ލިބޭނެ ސަވާބާއި ޢަޒާބް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ އެވެ. އަހަރެމެންނަށް އެނގޭ މިންވަރަކީ ނަހީ ކުރެއްވެވި ކަންކަން ކުރުމުން ޢަޛާބު ދެއްވަވާނެ ކަމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމުން ސަވާބު ދެއްވަވާނެ ކަމެވެ. އިތުރަކަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. ވީމާ ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ އޮތީ ﷲ ތަޢާލާ އަށާއި ނަރަކައަށް ފުރިހަމައަށް ބިރުވެތިވުމެވެ. ސުވަރުގެ ލިބުން އޮތީ އެމަގުން އަމަލުކޮށްގެންނެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ