މެމްބަރު ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ ނެގުމުން އެމެރިކާ ކަންބޮޑުވެއްޖެ

ރާއްޖޭގައި ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުށްކުރާ މީހުންނަށް އެކަށީގެންވާ ފިޔަވަޅު ނޭޅުން ކަމަށާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާތައް އަނބުރާ ގެންދިއުމަކީ އޭގެ ހެއްކެއް ކަމަށް އެމެރިކާ ސަރުކާރުން ނެރޭ 'ޓްރެފިކިން އިން ޕާސަންސް' ރިޕޯޓުގައި ފާހަގަކޮށްފި އެވެ.
ވީ ކިހިނެއް؟ - ދުނިޔޭގެ އެކި ގައުމުތަކުގައި ޓްރެފިކިންގެ ކަންކަން ހިނގާ ނިސްބަތަށް ބަލައި އެ ކަމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ކޮންމެ އަހަރަކު އެމެރިކާގެ ފަރާތުން ނެރޭ މި ރިޕޯޓުގައި ރާއްޖެ މި އަހަރު ވެސް ހިމަނާފައި ވަނީ މިދިޔަ އަހަރު ވެސް އޮތް 'ޓިއާ 2'ގަ އެވެ.
ތަފްސީލް - ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެފަދަ ކުށްތަކުގެ ފުރިހަމަ ތަހުގީގެއް ހިންގައި ކުށްކުރާ ފަރާތްތަކަށް އަދަބު ނުދެވުމެވެ. އެގޮތުން ފާހަގަކޮށްފައިވާ ބައެއް މިސާލުތަކަކީ:
2021ގައި، ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން އަނބުރާ ގެންދިއުން
ރިޒާގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ އޭނާގެ ކޮންސްޓްރަކްޝަން ކުންފުނިން ތަރައްގީ ކުރަމުން ދިޔަ ރިސޯޓެއްގެ މަސައްކަތަށް 200އަށް ވުރެ ގިނަ ބިދޭސީން ގެނެސް، ގަވައިދާ ހިލާފަށް އެ މީހުން ލައްވާ މަސައްކަތް ކުރުވައި މުސާރަ ހިފަހައްޓައި ބިރުދައްކާފައިވާ މައްސަލައިގައި
މިދިޔަ އަހަރު ސެކްސް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހަކަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން ދީފައެއް ނުވޭ
ޗައިލްޑް ސެކްސް ޓްރެފިކިން ރިންގަކާއި ގުޅުން ހުރި ކަމުގެ ތުހުމަތުގައި ސްރީ ލަންކާގެ ފުލުހުން ހައްޔަރުކޮށްފައިވާ، ދިރާގުގެ ކުރީގެ ޗެއާމަން މުހައްމަދު އަޝްމަލީއާ މެދު އަޅާފައިވާ އެއްވެސް ފިޔަވަޅެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވޭ
"ވަޒީފާއާ ބެހޭ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކުރާ ކަންކަމާ މެދު ފިޔަވަޅު ނޭޅުމަށާއި ވަކި މައްސަލަތައް ބޭރުކޮށްލުމަށް ލޭބާ އިންސްޕެކްޓަރުންނާއި ފަނޑިޔާރުން ރިޝްވަތު ނަގާ ކަމުގެ ތުހުމަތު ކުރެވޭ. އަދި ކަމާ ބެހޭ ފަރާތްތަކުން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގުމުގެ ކުރިން ބައެއް އޮފިޝަލުން ވިޔަފާރިތަކަށް ދުރާލާ އެކަން އަންގާ ކަމަށް އޮބްޒާވަރުން މައުލޫމާތު ދޭ،" ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި:
ހިޔުމަން ޓްރެފިކިން ހުއްޓުވުމަށް ބޭނުންވާ ކަންތައްތައް ރާއްޖެއަށް ހާސިލްކުރެވިފައެއް ނުވޭ
ޓްރެފިކްކުރުމުގެ ކުށްތައް ރަނގަޅަށް ތަހުގީގުކޮށްފައެއް ނުވޭ
ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ޓްރެފިކް ކުރުމުގެ ނިސްބަތް ބޮޑު ނަމަވެސް، އެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅާފައެއް ނުވޭ
ހިއުމަން ޓްރެފިކިންގެ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިމާޔަތްދިނުމުގެ ނިޒާމެއް ގާއިމްވެފައެއް ނެތް؛ އެފަދަ މީހުންނަށް ވަގުތީ ހިޔާތަކެއް ވެސް ނެތް
ޓްރެފިކް ކުރެވިފައިވާ މީހުން ދެނެގަތުމަށް، ބިދޭސީންނަށް އަމާޒުކޮށް ރަނގަޅު ސްކްރީނިން ޕްރޮގްރާމްތައް ހިންގާފައެއް ނުވޭ
"ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންނާ ބެހޭ އެމްއޯޔޫއެއްގައި ސޮއިކުރުމަށް ސަރުކާރުން މަސައްކަތް ފެށިޔަސް، ފަސް އަހަރުވެގެން ދިޔައިރު ވެސް އެމްއޯޔޫ އޮތީ އެކުލަވާލުމުގެ މަރުހަލާގައި ތާށިވެފައި،" ރިޕޯޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ