ދަތިކުރިޔަސް ރައްޔިތުންގެ އަމިއްލަ ލާރީގައި ވެސް ގާސިމް ހޮވާނެ: އަލީ އާރިފް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމަށް ވިޔަފާރީގެ ގޮތުން ސަރުކާރުން ކިތަންމެ ދަތިކުރި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނުކުމެ އަމިއްލަ ލާރީގައި ވެސް އެމަނިކުފާނު ރައީސް ކަމަށް ހޮވާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ.
ޖޭޕީން ރޭ ބޭއްވި ކެމްޕޭނު ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަލުން ކޯލިޝަން ނުހަދައި، ވަކިން ވާދަކުރުމަށް އެ ޕާޓީން ނިންމުމާއެކު ގާސިމްގެ ވިޔަފާރިތަކަށް ގިނަ ދަތިތައް ސަރުކާރުން ކުރިމަތިކުރުވަމުންދާ ކަމަށެވެ.
ރާއްޖޭގެ އެންމެ ގިނަ ވިޔަފާރިތައް ހިންގަވާ ގާސިމަށް ދަތިކުރުމުން އެމަނިކުފާނުގެ ކުންފުނިތަކުގައި ތިބި އެތައް ހާސް މުވައްޒަފުންނަކާއި އެ މީހުންގެ އާއިލާތަކަށް ވެސް އޭގެ އަސަރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދަތިކޮށްގެން ވާނެ އެއްވެސް މޮޅެއް ނެތޭ. ރައްޔިތުން ތިބީ އަމިއްލަ ލާރީގައި ވެސް ނުކުމެ ގާސިމް މިފަހަރު ހޮވާ ގޮތަށޭ،" އަލީ އާރިފް ވިދާޅުވި އެވެ.
ކޮވިޑް-19 އާ އެކު ކުރިމަތިވި އިގްތިސާދީ އަޑިގަނޑާ ގުޅިގެން ކުންފުނި ވަރަށް ބޮޑަށް އަޑި އަޅާލައި، މާލީ ގޮތުން ވަރަށް ދަތިކޮށް އުޅުއްވާ ކަމަށް ގާސިމް ދާދި ފަހުން "މިހާރު" އަށް ވަނީ ވިދާޅުވެފަ އެވެ.
Mi ulhenee varah dhathikoh, falhu vaikkan jehunee ehnve: Qasim
The most trusted news source in the Maldives
Mihaaru
އަލީ އާރިފް ރޭ ވިދާޅުވި ގޮތުގައި، ޒަމާނުއްސުރެ ރައްޔިތުންނަށް ގިނަ އެހީތައް ވެ ވަޑައިގެންނެވި، ގާސިމް މިހާރު ދިއްކޮށްލައްވާނެ އެއްޗެއް ނެތީމާ މީހަކަށް ގުޅާލަން ވެސް ކެރިވަޑައިނުގަންނަވައިގެން އެ ވާހަކަ ހިއްސާކުރެއްވި އެވެ.
"އަޅުގަނޑުމެން މިއުޅެނީ މީހަކަށް އެއްޗެއް ދޭންޖެހިދާނެތީ ފިލައިގެން. އެކަމަކު ގާސިމް އިބްރާހިމް ލަދުން މި އުޅުއްވަނީ އެއްޗެއް މީހަކަށް ނުދެއްވިގެން. އަޅުގަނޑު ހިތަށް އަރާ ކޮން ކަހަލަ ޑީއެންއޭ އެއް ހުރި ބޭފުޅެއްތޯ އޭ މިއީ،" އޭނާ ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވީ ގާސިމަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރައްވާނެ ކަމަށް އެއްވެސް މީހަކު ޝައްކު ނުކުރާނެ ކަމަށެވެ.
އެހެންކަމުން، ރައްޔިތުން ތިބީ މިފަހަރު ދޫދޭ ގޮތަކަށް ނޫން ކަމަށާއި، މި އިންތިހާބު ގާސިމާއެކު ޖޭޕީން ކާމިޔާބުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ