ޓޫރިސްޓުން މަދުވުމުން އާމްދަނީގެ ކުރިއެރުން މަޑުޖެހިއްޖެ

އިރާނު ހަނގުރާމައާ ހެދި ޓޫރިސްޓުން އަންނަ އަދަދު މަދުވުމާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ކުރިއަރާ މިންވަރު މަޑުޖެހި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ މަހު ބަލައިގަތް އާމްދަނީ ނިމުނު އަހަރުގެ އޭޕްރިލްގައި ބަލައިގަތް އާމްދަނީއަށް ވުރެ މަދުވެއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓެކްސް ކަލެކްޝަން ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މަހު އެ އިދާރާއިން ބަލައިގަތީ 2.62 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރިލްގައި ލިބުނު 2.63 ބިލިއަން ރުފިޔާއަށް ހަތް މިލިއަން ރުފިޔާ މަދު އަދަދެކެވެ. 
އާމްދަނީ ކުރިއަރާ މިންވަރު މަޑުޖެހުނު ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ރެކޯޑް އާމްދަނީއާއެކީ (11.2 ބިލިއަން ރުފިޔާ) މިދިޔަ މަހުގެ ނިޔަލަށް ލިބުނު އާމްދަނީ ކުރީ އަހަރަށް ވުރެ 2.1 ބިލިއަން ރުފިޔާ އިތުރެވެ.
އަހަރުގެ މިހާތަނަށް މީރާއިން ބަލައިގަތް 14.3 ބިލިއަން ރުފިޔާގެ ތެރެއިން ދިވެހި ފައިސާއިން ބަލައިގަތް އަދަދަކީ ހަތަރު ބިލިއަން ރުފިޔާ އެވެ. ބާކީ ފައިސާއަކީ ޑޮލަރުން ބަލައިގަތް އާމްދަނީ އެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާއަށް ވަނީ 660.8 މިލިއަން ޑޮލަރު ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބަލައިގަތް އަދަދަށް ވުރެ 91 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 
މިދިޔަ މަހު ޓެކްސްތަކުން ލިބުނީ 2.1 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ 439 މިލިއަން ރުފިޔާ އެވެ. 
މީރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ޓޫރިސްޓުން އަންނާނެ ވަރު މަދުވާނެ ކަމަށް ބަލައި، ކުރީގެ އަންދާޒާތައް ވަނީ މުރާޖައާކޮށްފަ އެވެ. މިހެންކަމުން މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ ބަލައިގަތް އަދަދު 16 ޕަސެންޓު އިތުރެވެ. 
އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިސްޓު ނަމްބަރުތައް ސޮއްސާލާފައިވާއިރު، މި އޮފް ސީޒަނުގެ ތެރޭގައި ނަމްބަރުތައް އިތުރަށް ވެއްޓުމުގެ ފުރުސަތު ވެސް އެބައޮތެވެ. ނަމަވެސް، ސަރުކާރާއި ޓޫރިޒަމް ސިނާއަތުގެ ބައެއް މަސްލަހަތުވެރިން ވެސް ތިބީ، އަހަރުގެ ފަހުކޮޅު މި ހާލަތު ބަދަލުވާނެ ކަމުގެ އުއްމީދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ