ސަރުކާރުތަކުން ސިޔާސީ ހަރަކާތްތައް ހިންގާ ކުންފުންޏަކަށް ފެނަކަ ހަދައިފި: މެމްބަރު އަލީ ހުސެއިން

ކޮންމެ ސަރުކާރަކުންވެސް އެ ރަށެއްގެ ސިޔާސީ ހުރިހާ ހަރަކާތެއް ހިންގަނީ ފެނަކަ މެދުވެރިކޮށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި ގްރޭޓާ މާލޭ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލްކުރަމުން ގެންދާ ރޭޓާއި ބޭންޑުކުރުންތަކުގައި ގެންގުޅޭ ތަފާތުތައް ނައްތާލާއި ބޭންޑާއި ރޭޓް ހަމަހަމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ.
ގަރާރަށް ތާއީދުކުރައްވާ މެމްބަރު ވަނީ އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުމަކީ އެންމެ ރަނގަޅު ގޮތްކަމަށާއި އިޔާދަކުރަނިވި ހަކަތައަށް ހޭދަކުރަންޖެހޭ ގޮތަށް ހޭދަވާނަމަ އެ ހަކަތައަށް ރާއްޖެ ހިޖުރަކުރެވެނޭ ކަމަށެވެ.
އެހެންނަމަވެސް ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށާއި މިހާރު އުފެދިގެން އުޅެނީ ފެނަކަ ސަރުކާރެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ފެނަކަ ކުންފުންޏަށް ނެގިކަން ފާހަގަކުރައްވާ މެމްބަރު ވަނީ އެ އިރެއްގަ އޮންނަ ސަރުކާރެއްގަ ހިންގަން ޖެހޭ ހުރިހާ ސިޔާސީ ހަރަކާތެއް ހިންގަނީ ފެނަކަ މެދުވެރިކޮށް ކަމަށް ވިދާޅުވެފައެވެ.
އަދި މިކަމުގެ ނަތީޖާއަކީ ފެނަކައިގެ ޚަރަދު ބޮޑުވުންކަންވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
ދައުލަތުން ސަބްސިޑީ ދޭންޖެހޭނީ މުއްސަނދިންނަށް ނޫން ކަމަށާއި ސަބްސިޑީ ދޭއިރު ނިކަމެތިންނާއި މުއްސަނދިން ތަފާތުވާން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ