އަރަބިއްޔާ ސްކޫލް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި 6.4 މިލިއަން ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތަށް 6.4 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމްލަ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާާ ކުރާ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. މިއަދު މެންދުރުފަހު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އަންނަ އަހަރުގެ ބަޖެޓް ފާސް ކޮށްފައިވާއިރު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ބަޖެޓުން އުނިކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އާ ބައެއް ކަންކަން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ހިމެނުމަށް މެމްބަރު ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން އެ ބަޖެޓަށް 124.4 މިލިއަން ރުފިޔާ މެމްބަރު ހުށަހެޅުއްވިއެވެ. އޭގެ ތެރެއިން 6.4 މިލިއަން ރުފިޔާ ހަމަޖައްސާފައިވަނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ. ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަލާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓްގައި ހިމަނައިގެން އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަށް 34.7 މިލިއަން ރުފިޔާ ވަނީ އެކަށަ އަޅާފައެވެ. ނަމަވެސް އަރަބިއްޔާގެ އައު އިމާރާތެއްގެ ވާހަކަ ބަޖެޓުގައި ބަޔާންކޮށްފައެއް ނެތެވެ. އަރަބިއްޔާ ސްކޫލްގެ ނަމުގައި އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދައިރާގެ މެންބަރު އަހުމަދު ތޯރިގް ވަނީ މީގެ ކުރިން ޓްވީޓެއް ކުރަައްވާފައެވެ. އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުގައި އެކަމަށް ވަކިން ފައިސާ ހިމެނިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ. ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަލަށް އިމާރާތް ކުރާ އަރަބިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ އާ އިމާރާތް އެޅުމަށް ސަރުކާރުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. އަރަބިއްޔާއަށް އާ އިމާރާތެއް އަޅައިދޭން ސަރުކާރުން ނިންމާފައިވަނީ މީގެ ހަތް ވަރަކަށް އަހަރު ކުރިން ކިޔަވައިދޭން ފެށި އަރަބިއްޔާ އިމާރާތުގައި ރެނދުލައި އެތަން ބޭނުންކުރަން ރައްކާތެރިނުވާތީއެވެ. ޗާންދަނީމަގު އަމީނިއްޔާ ސްކޫލް ކައިރީ ހުންނަ އެ އިމާރާތް ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން އެތަން ހުސްކުރުމަށްފަހު އަރަބިއްޔާ ދަރިވަރުން މިހާރު ކިޔަވަމުންދަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ސޯމިލް ކޮށީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ