އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވާން އިލްތިމާސްކޮށްފި

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވާތީ، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު އިލްތިމާސްކޮށްފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، ހުރިހާ ދިވެހިންވެސް އެމްބަސީތަކުގައި ރަޖިސްޓްރީވުމަކީ މުހިންމު ކަމެއް ކަމުގައި އެ މިނިސްޓްރީން ފާހަގަކުރެއެވެ. ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި، އެ ގައުމުތަކުގެ ސަރުކާރުތަކުން ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ނަންބަރުތަކަށް ގުޅުމަށް މިނިސްޓްރީން އެދެއެވެ: ދޯހާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896+ ޔޫއޭއީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97126740200+ ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477+ ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް) އީމެއިލް: [email protected] އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަނގުރާމަވެރި ހާލަތުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ