މެދުއިރުމަތީގައި އިނގިރޭސިވިލާތުގެ މަތިންދާބޯޓުތައް ހަރަކާތްތެރިވަމުންދާކަމަށް ބޮޑުވަޒީރު ވިދާޅުވެއްޖެ މެދުއިރުމަތީގައި އިނގިރޭސިވިލާތުގެ މަތިންދާބޯޓުތައް ހަރަކާތްތެރިވަމުންދާކަމަށް ބޮޑުވަޒީރު ވިދާޅުވެއްޖެ

ބީބީސީ؛ އިނގިރޭސި ރައްޔިތުންނާއި، އެ ގައުމުގެ މަސްލަހަތުތަކާއި ބައިވެރިން ހިމާޔަތްކުރުމަށްޓަކައި މެދުއިރުމަތީގެ ވައިގެ ސަރަހައްދުގައި އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތައް ހަރަކާތްތެރިވަމުންދާ ކަމަށް ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެ އެވެ.
މީގެ އިރުކޮޅެއް ކުރިން ގައުމާ މުހާތަބުކޮށް ދެއްވި ތަގުރީރެއްގައި ސްޓާމަރ ވިދާޅުވީ، އިނގިރޭސި އަސްކަރީ މަރުކަޒުތަކާއި މުވައްޒަފުންގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހަނިކުރުމަށް ކުރެވުނު މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމުމާ ގުޅިގެން، އެމެރިކާއާއި އިސްރާއީލުން ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އީރާނުގެ ވެރިރަށް ތެހެރާނު ހިމެނޭހެން އެ ގައުމުގެ އެކި ސިޓީތަކަށް ހަމަލާ ދީފަ އެވެ. މި ހަމަލާތަކުގައި އިނގިރޭސިވިލާތުން ބައިވެރިއެއް ނުވެ އެވެ.
މީގެ ކުރިން ބޮޑުވަޒީރު ވަނީ ފްރާންސާއި ޖަރުމަނުގެ ލީޑަރުންނާ ގުޅިގެން ބަޔާނެއް ނެރުއްވައި، އީރާނުން ދެމުންދާ ވަރުގަދަ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. ސްޓާމަރ ވިދާޅުވީ އޭނާ ބޭނުންފުޅުވަނީ މެދުއިރުމަތީގައި ސުލްހައާއި އަމާންކަން ގާއިމުވެ، އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްވުން ކަމަށެވެ.
"އީރާނަށް މިކަން މިހާރުން މިހާރަށް ނިންމާލެވިދާނެ. އިތުރު ހަމަލާތައް ދިނުމުން ދުރުހެލިވެ، ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތައް ހުއްޓާލައި، އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގު ލިބިގެންވާ އީރާނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް އެގައުމުގެ ސަރުކާރުން ހުއްޓާލަންޖެހޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ.
އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް ހަމަލާތަކެއް ދީފައި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެ އެވެ. މީގެ އިތުރުން މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދުތަކަށް ވެސް އީރާނުން ވަނީ ހަމަލާދީފަ އެވެ.
މި ހާލަތުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. މިކަމާ ގުޅިގެން މިއަދު ހެނދުނު ކުއްލި ހާލަތުގެ ކޮމިޓީ (ކޯބްރާ) ގެ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. މި ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ އެވެ.
އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، މަޝްވަރާގެ މޭޒުން ހައްލެއް ހޯދުމަށް އިނގިރޭސިވިލާތުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދެނީ އެ ސަރަހައްދުގައި ތިބި އިނގިރޭސި ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ހަމަލާތަކާ ގުޅިގެން ބަހްރޭން، ގަތަރު، ކުވައިތު އަދި ޔޫއޭއީގައި ތިބި އިނގިރޭސި ރައްޔިތުން ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް އިނގިރޭސި ފޮރިން އޮފީހުން ވަނީ އަންގާފަ އެވެ. އަދި އުރުދުން، ސީރިއާ، ލުބުނާން، އިރާގު، ޔަމަން، ތުރުކީ، ސައުދީ އަރަބިއްޔާ އަދި އޮމާންގައި ތިބި ރައްޔިތުން ސަމާލުވެ ތިބުމަށް ވަނީ އިރުޝާދު ދީފަ އެވެ.
މިއަދު ހެނދުނު އީރާނަށް ދިން ހަމަލާތަކަށްފަހު، އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުންނަ ގަތަރުގެ ވެރިރަށް ދޯހާއިން ގޮވުންތަކުގެ އަޑާއި އިންޒާރުގެ ސައިރެންގެ އަޑު އިވިފަ އެވެ. ގަތަރުގެ ދިފާއީ ވުޒާރާއިން ބުނީ އީރާނުން ފޮނުވާލި މިސައިލްތަކެއް ހުއްޓުވާފައިވާ ކަމަށެވެ. އަދި ބަހްރޭންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށްވެސް މިސައިލް ހަމަލާއެއް އަމާޒުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއަރލައިންތަކުން ވަނީ ދަތުރުތައް މެދުކަނޑާލާފައެވެ. ބްރިޓިޝް އެއަރވޭސްއިން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާއިރު، ވާޖިން އެޓްލާންޓިކުން ބުނީ އިންޑިއާ، ސައުދީ އަރަބިއްޔާ އަދި ރާއްޖެއަށް ކުރާ ދަތުރުތަކުގެ މަގު ބަދަލުކުރަން ޖެހުމުގެ ސަބަބުން ދަތުރުގެ ވަގުތު އިތުރުވެދާނެ ކަމަށެވެ. ވިޒް އެއަރ، ގަތަރު އެއަރވޭސް އަދި އެމިރޭޓްސްއިންވެސް ވަނީ ބައެއް ސަރަހައްދުތަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ